އަދީބުގެ ހާލު ސީރިއަސް: އެމްޓީޑީ

އެމްއެމްޕީއާރުސީގެ ބޮޑު ހިނާޔާތް ހިންގުމުގައި އިސްކޮށް ހުރިކަމަށް ބެލެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރޭ ކުއްލި ގޮތަކަށް އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައިވާއިރު، އޭނާ ހާލު ސީރިއަސް ކަމަށް އަދީބު ގޭބަންދުގައި ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އިން މިއަދު ބުނެފި އެވެ.


ކިޑްނީގައި އުފެދިފައި ހުރި ހިލަތަކެއް ނައްތާލުމަށް ކުރި އޮޕަރޭޝަނަކަށް ފަހު ގޭބަންދަށް ބަދަލުކުރި އަދީބު އަނބުރާ ޖަލަށް ގެންދިޔައީ މިދިޔަ ބުދަ ދުވަހު އެވެ. ގޭގައި ހުންނަވައިގެން ސިޔާސީ މަސައްކަތް ކުރެއްވި އަދީބު ޖަލަށް ގެންދިޔަތާ ދެ ދުވަސް ފަހުން ރޭ އައިޖީއެމްއެޗްގައި އެޑްމިޓް ކުރިއިރު އޭނާގެ ހާލަތު އެޕާޓީން މިއަދު ވަނީ ނޫސްވެރިންނާ ހިއްސާކޮށްފަ އެވެ.

އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ނައިބު ރައީސް ސާއިފް އަހުމަދު ވިދާޅުވީ އަދީބު އިއްޔެ އައިޖީއެމްއެޗްގައި އެޑްމިޓް ކުރިއިރު ގަދަޔަށް ހުން އައިސް ލޭމައްޗަށް ގޮސްފައިވާ ކަމަށެވެ. ހޮޑުލެވުމުގެ އިތުރުން އަދީބުގެ ކުޑަކަމުދާ ތަކެތީގައި ލޭހުރި ކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާ ދެއްވައި ސާއިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލައެއް މިދިޔަ ނޮވެމްބަރު މަހު ކުރި އޮޕަރޭޝަނެއްގައި ގޮއްވާލިއިރު ކުދިކުދި ހިލަތަކެއް ބްލެޑާގައި ތާށިވެފައި ހުރި ކަމަށް ސްކޭނުން ދައްކަ ކަމަށެވެ.

"މިއީ އަސްލު ވަރަށް ވޭން ހުރި ކަމެއް. ހިލައެއް ގޮއްވާލުމަށް ފަހު ފްރެގްމެންޓްސްތަކެއް ބްލެޑާގައި ސްޓަކްވެފައި ހުރުމުން ފުދޭވަރަކަށް ވޭން އަޅާނެ ކަމެއް ކަމަށް އެންމެން ވެސް ގަބޫލުކުރާނެ،" ސާއިފް ވިދާޅުވި އެވެ.

ސާއިފް ވިދާޅުވިގޮތުގައި ޑޮކްޓަރުން ލަފާ ދެނީ އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލަތައް ނައްތާލުމަށް އިތުރު ފަރުވާތަކެއް ދިނުމަށެވެ. ނަމަވެސް ފަރުވާގެ ތަފްސީލެއް ހާމައެއްނުކުރެ އެވެ.

އެ ޕާޓީގެ ނައިބު ރައީސް، އަދި ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ވިދާޅުވީ އަދީބުގެ އާއިލާގައި ކެންސަރު ޖެހިފައި ތިބި މީހުން ތިބުމާއެކު އަދީބު ޓެސްޓްތަކެއް ހަދަން ވެސް އެދޭ ކަމަށެވެ. އަދި އަދީބުގެ ހައްގުގައި އެ ޕާޓީން ކުރަން ޖެހޭ ކަންކަން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކިޑްނީގައި ހިލަ އުފެދުމުގެ އިތުރުން އަދީބުގެ ހަށިގަނޑުގައި ސިސްޓުތަކެއް ވަނީ އުފެދިފަ އެވެ. އަދި ލޮލުގެ ފެނުމަށް އަސަރުކުރާ ބައްޔެއް ކަމަށްވާ ގްލަކޯމާ އަށް ވެސް އަދީބަށް ފަރުވާދެ އެވެ.

ކޮރަޕްޝަނުގެ މައްސަލަތަކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި 33 އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒު ކުރަމުންދާ އަދީބު މިހާތަނަށް ޖަލުގައި ތިން އަހަރަށްވުރެ ގިނަ ދުވަސް ވަނީ ހޭދަ ކުރައްވައިފަ އެވެ.

އަޙްމަދު އުޝާމް

2

ވިލިމާލެ ދާއިރާ