ޕީއެސްއެމްގެ ޗެއާއަކަށް ހިލްމީ، ބޯޑަށް މަރީ އައްޔަންކޮށްފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޗެއާމަނަކަށް އިބްރާހިމް ހިލްމީ އަދި ބޯޑު މެމްބަރަކަށް ޕްރެޒެންޓަރު މަރިޔަމް ވަހީދާ އިއްޔެ އައްޔަންކުރައްވައިފި އެވެ.


ޕްރައިވަޓައިޒޭޝަން ބޯޑުން ޕީއެސްއެމްގެ ޗެއާމަނަކަށް އައްޔަންކުރެއްވި ތ. ވިލުފުށި، ހުސްނުހީނާގެ، ހިލްމީއަކީ 2015 ވަނަ އަހަރު އެކުލަވާލި އެ ބޯޑުގެ ފުރަތަމަ ވައިސް ޗެއާމަނެވެ. ނަމަވެސް ޕީއެސްއެމްގެ ގާނޫނަށް ފަހުން ބަދަލު ގެނެސް، ބޯޑު އެކުލަވާލިއިރު އާ ބޯޑުގައި އޭނާ ނުހިމެނެ އެވެ.

ގ. ހިލްމަން، މަރީ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އުފެއްދި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިވް ކޯޕަރޭޝަން (އެމްއެންބީސީ) ގެ މެމްބަރުކަން ކުރައްވައިފަ އެވެ. އަދި ފަހުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) ގެ މެމްބަރަކަށް ވުމަށް ކުރިމަތިލެއްވި އެވެ. އެންމެ މަތިން މާކްސް ލިބުނު ކަމުގައި ވިއަސް މަޖިލީހުން އޭނާގެ ނަނެއް ފާހެއް ނުކުރެ އެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސާފައިވަނީ، ކުރިން ޓީވީއެމްގެ ސީއީއޯ އަކަށް ހުންނެވި އަލީ ހާލިދެވެ. ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކީ މުހައްމަދު ޝަމީމެވެ.