ތައުލީމީ ދާއިރާއިން މާސްޓާސް ހެދިއިރު އަހުމަދު ޝާފިއު ވަޒީފާ އަދާކުރީ އުފަން ރަށް، ގއ. ގެމަނަފުށީ ސްކޫލްގެ އިކޮނޮމިކްސް ޓީޗަރެއްގެ ގޮތުގަ އެވެ. އާއިލާއާ އެކު ރަށުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނަސް އެއީ އެންމެ ހިތްހަމަޖެހުނު ވަޒީފާއެއް ނޫނެވެ؛ މައްސަލައަކީ ކުރާ މަސައްކަތާއި ތައުލީމީ ފެންވަރާ އަޅާބަލާއިރު ލިބޭ މުސާރަ ކުޑަވުމެވެ.
ޝާފިއު ބުނިގޮތުގައި މާސްޓާސް އޮންނަ މީހަކަށް މަހަކު 10،000-12،000ރ. ގެ މުސާރައެއް ލިބުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އެހެންވެ ކިޔަވައިދިނުމުގައި ފަސް އަހަރު ހޭދަކުރުމަށް ފަހު މިދިޔަ އަހަރުގެ މާޗު މަހު ތައުލީމީ ދާއިރާ ދޫކޮށްލީ އެވެ. ދެން ނިކުތީ މަސްވެރިކަމަށެވެ.
"ވަރަށް ހިތްހަމަޖެހޭ، ސަޅި ލައިފެއް މިއީ،" މަސްވެރިކަމުގެ ތަޖުރިބާ ހިއްސާކުރަމުން ޝާފިއު، 32، ބުންޏެވެ.
ކިޔަވައިދިނުމުގެ އިތުރުން ދޮޅު އަހަރު ވަންދެން އޭނާ ވަނީ ސްކޫލްގެ ލީޑިން ޓީޗަރެއްގެ ގޮތުގައި ވެސް އުޅެފަ އެވެ. އިތުރު ޒިންމާތަކާ އެކު އޭނާގެ މަސައްކަތް އިތުރަށް ބުރަވީ އެވެ.
"ގެއަށް ދާއިރު ވެސް ބޮލުގައި އިންނަނީ ސްކޫލު. މީހާ މުޅި ދިރިއުޅުމަކީ ވަރަށް ބިޒީ ލައިފެއް. އެހާ ހިތްހަމައެއް ނުޖެހޭ މުސާރައަށް 12،000ރ އެއް،" އޭނާ ބުންޏެވެ.
"އެއަށް ވުރެ ރަނގަޅު އާމްދަނީއެއް ލިބެން ޖެހޭ. އެހެންވެ އަސްލު ދާއިރާ ބަދަލުކޮށްލީ."
މަހަކު ދަށްވެގެން މިހާރު 20،000ރ ލިބޭ މަސްވެރިއަކަށް ވުމަކުން ޝާފިއުގެ އިލްމީ ތަޖުރިބާ ބޭކާރެއް ނުވި އެވެ. އޭނާ މިހާރު އޭގެ ބޭނުން ހިފައި މަސްވެރިކަމަށް ޒުވާނުން ހޭލުންތެރިކުރުވަން އިސްނަގައިފަ އެވެ. ނުކިޔަވާ މީހުން ކުރާ، ހަޑި ކަމެއްގެ ގޮތުގައި، ބައެއް ދިވެހިން ސިފަކޮށްފައި އޮންނަ މަސްވެރިކަން މިހާރު ވަނީ، އޭނާ ބުނި ގޮތުގައި، މުޅިން ބަދަލުވެފަ އެވެ. ތައުލީމީ ގޮތުން އެކި ފެންވަރުގެ ޒުވާނުން އެ ނުކުންނަނީ މަހަށެވެ. ޝާފިއު މަހަށް ދާ ދޯނި "ގެލެރީ ވިޝަން" އަށް ބަލާލިއަސް އެކަން އެނގެ އެވެ.
އެ ދޯނީގައި އުޅޭ 60-70 ޕަސެންޓް މަސްވެރިންނަކީ 35 އަހަރުން ދަށުގެ ޒުވާނުންނެވެ.
ސޯޝަލް މީޑިއާގައި "ގެމަނަފުށީ މަސްވެރިން"ގެ ގޮތުގައި މަޝްހޫރުކަން ހޯދި ޒުވާން ގްރޫޕު މިހާރު ވަނީ މަސްވެރިންގެ ހައްގުތައް ހޯދައިދޭން "ދިވެހި މަސްވެރިން" ގެ ނަމުގައި ޖަމިއްޔާއެއް ވެސް އުފައްދައިފަ އެވެ. ޝާފިއުގެ ކޮއްކޮ، ހަސަން ސާޖިންގެ އިސްނެގުމާ އެކު ފެށި ގެމަނަފުށީ މަސްވެރިންގެ ހަރަކާތް މިވަނީ މުޅި ރާއްޖެއަށް ފުޅާވެފަ އެވެ.
ޝާފިއު ބުނި ގޮތުގައި، ސޯޝަލް މީޑިއާގައި މަސްވެރިކަމާ ގުޅޭ ވާހަކަތައް ހިއްސާކުރަން ފެށުމުން ގިނަ ބައެއްގެ ޝައުގުވެރިކަން ލިބުނެވެ. އަދި އެއީ އޭނާއަށް ވެސް އިތުރު ހިތްވަރެއް ކަމަށް ބުންޏެވެ.
"އާއްމު ދިރިއުޅުމާ އެކީ މަސްވެރިކަމުގެ މައުލޫމާތު ލިބޭތީ އެންމެން ވެސް ވަރަށް ޝައުގުވެރިވޭ. ވަރަށް ގިނަ ފޯނުކޯލާއި މެސެޖުތައް އެބަ ލިބޭ ދިވެހި މަސްވެރިންގެ ޖަމިއްޔާއިން ކުރާ މަސައްކަތާ ގުޅިގެން. އަދި އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކަށް ވަރަށް ބޮޑު ޑިމާންޑެއް ވެސް އެބަ ލިބޭ،" ޝާފިއު ބުންޏެވެ.
ޓީޗަރެއްގެ ވިސްނުން އޭނާ ދޫކޮށެއް ނުދެ އެވެ. އެހެންކަމުން އޭނާ ބުނަނީ ޒުވާނުން މަސްވެރިކަމަށް ނެރެން ޖެހޭ ކަމަށާއި އެމީހުން ތަމްރީނުކުރެވޭނެ ގޮތްތައް ވެސް އޮންނަން ޖެހޭ ކަމަށެވެ. ދަސްވާރު ކުރިއަށް ގެންދާ ގޮތަށް މަސްވެރިކަން ވެސް ދަރިވަރުންނަށް ދަސްކޮށްދޭން ޖެހޭ ކަމަށް އޭނާ ގަބޫލުކުރެ އެވެ.
މިހާރުގެ މަސްވެރިކަން ޑޮކިއުމެންޓް ކުރުމުގެ މަސައްކަތް، ޝާފިއުގެ ބޮޑު ހިއްސާއަކާ އެކު، ދިވެހި މަސްވެރިންގެ ޖަމިއްޔާ އިން މިހާރު ވަނީ ފަށައިފަ އެވެ. އޭނާ ބުނި ގޮތުގައި ދިވެހި މަސްވެރިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހެ އެވެ. އެހެންކަމުން އެ މަސައްކަތުން ދަރިވަރުންނާއި ޒުވާނުންނަށް މަސްވެރިކަމުގެ މުހިންމު މައުލޫމާތުތަކެއް ލިބޭނެ އެވެ.
މަސްވެރިކަމަކީ "ޒުވާނުން ކުރަން ސްމާޓް ކަމެއް. ލިބޭ އާމްދަނީ ވެސް ހިތްހަމަޖެހޭ،" ހަތަރު އަހަރުގެ އަންހެން ކުއްޖަކު ހުރި، ޝާފިއު ބުންޏެވެ.
"ހިތާމައެއް ނުކުރަން [ސްކޫލްގެ] ވަޒީފާއިން ވަކިވެވުމަކުން."
އޭނާ ކަހަލަ ޒުވާން މޫނުތަކާއި ތައުލީމާއި، ޒަމާނީ ވަސީލަތްތަކާ އެކު ރާއްޖޭގެ މަސްވެރިކަން އެ ދަނީ އެހެން ސަފުހާއެއްގެ ތެރެއަށެވެ. ހިތްގައިމު މަސައްކަތެއްގެ ސިފައިގަ އެވެ.