ސުއޫދު ކުރެއްވި ތުހުމަތުތަކާ ގުޅޭ މައުލޫމާތެއް ނުދޭ، ފިޔަވަޅު އެޅިދާނެ: ޑީޖޭއޭ

ބައެއް ފަނޑިޔާރުންނާއި ގޭންގުތަކާ ގުޅުން އޮތް ކަމަށް ބުނެ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވާހަކަ ދެއްކެވިޔަސް، އެކަމާ ގުޅޭ މައުލޫމާތުތައް ސުޕްރީމް ކޯޓާ ހިއްސާކުރަން ސުއޫދު ދެކޮޅު ހައްދަވާފައިވާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.


ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އެކުލަވާލައްވާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސްކަން ކުރައްވާ ސުއޫދު މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ގޭންގްތަކުގެ ދައުރުު އޮތް ކަމަށެވެ. އެހެންވެ، އެކަމުގެ މައުލޫމާތު ސުޕްރީމް ކޯޓާ ހިއްސާކުރަން އެ ކޯޓުން ކުރިން އޮތީ އެދިފަ އެވެ.

ޑީޖޭއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދު ވިދާޅުވީ އެ މައުލޫމާތު ހިއްސާކުރަން ރިޔާސީ ކޮމިޝަނަށް ވަކި މުއްދަތެއް ސުޕްރީމް ކޯޓުން ދިން ކަމަށާއި އެ މުއްދަތު ހަމަވިއިރު ވެސް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށެވެ. އަދި ފަހުން އެ ކޮމިޝަނުން ފޮނުވި ސިޓީއެއްގައި، އެ މައުލޫމާތު ސުޕްރީމް ކޯޓަށް ދިނުމަށް އިންކާރު ކޮށްފައިވާ ކަމަށް ވެސް މާޖިދު ވިދާޅުވި އެވެ. އަދި އެ މައުލޫމާތު ދޭން އިންކާރުކުރާ ވަކި ސަބަބުތަކެއް ވެސް އެ ސިޓީގައި ބުނެފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އާންމުކޮށް، ޖުމްލަކޮށް ޝަރުއީ ދާއިރާއާ ބެހޭގޮތުން އެ ދެއްކެވި ވާހަކަތަކަކީ ހަރުދަނާ ހެކިތަކެއްގެ މައްޗަށް ރަނގަޅު އަސާސްތަކެއްގެ މައްޗަށް ދެއްކެވި ވާހަކަތަކެއް ކަމަށް ވާ ނަމަ، އެކަންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާ ހިއްސާ ކުރަން އިންކާރު ކުރައްވަންޖެހޭ އެއްވެސް ސަބަބެއް އޮންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" މާޖިދު ވިދާޅުވި އެވެ.

މާޖިދު ވާހަކަ ދައްކަވަނީ --މިހާރު ފޮޓޯ

މާޖިދު ވިދާޅުވި ގޮތުގައި ސާބިތު ނުހިފޭ ގޮތަށް އަދި ފަނޑިޔާރުންގެ އަގު ވައްޓާލެވޭ ފަދަ ވާހަކަތައް ދެއްކުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބެލެވޭނެ އެވެ. އެހެންވެ، ސުއޫދުގެ އެ ވާހަކަތަކާ ގުޅޭގޮތުން އޭނާއާ މެދު ފިޔަވަޅު އަޅަން ހުރަހެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ފިޔަވަޅެއް އަޅާނެތޯ ނުވަތަ ނޫންތޯ އޭނާ ވިދާޅެއް ނުވެ އެވެ.

"ފިޔަވަޅު އަޅާނެ ކަން ނުވަތަ އަޅާނީ ކޮން ފިޔަވަޅެއްކަން އެއީ އޮންނަ އުސޫލުތަކުގެ ތެރެއިން ސުޕްރީމް ކޯޓުން ނިންމަވާ ނިންމެވުމެއް،" އޭނާ ވިދާޅުވި އެވެ.

ފަނޑިޔާރުންނާ ގުޅޭގޮތުން ހުރި ކަންކަން ބެލުމަށް ވަކި ނިޒާމްތަކެއް ހަމަޖެހިފައި އޮއްވައި އެ ނިޒާމުގެ ބޭނުން ނުކޮށް، އާންމުކޮށް އެފަދަ ވާހަކައެއް ދެއްކެވުމަކީ މާޖިދު ވިދާޅުވި ގޮތުގައި ސުއޫދުގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމެކެވެ. އަދި ރިޔާސީ ކޮމިޝަންގެ ފަރާތުން އެ ވާހަކަ ސުއޫދު ދެއްކެވިއިރު، އެ ކޮމިޝަންގެ މެންޑޭޓްގެ ތެރޭގައި ޝަރުއީ ދާއިރާއާ ގުޅޭ ކަންކަން ހިމެނިފައި ނެތް ކަމަށް މާޖިދު ވިދާޅުވި އެވެ.

"ކޮމިޝަންގެ މެމްބަރަކު ކަމަށްވިޔަސް އަދި ރައީސް ކަމަށް ވިޔަސް އެގޮތަށް އަމަލު ކުރެއްވުމަކީ ރައީސުލް ޖުމްހޫރިއްޔާ އެ ކޮމިޝަނާ ހަވާލު ކުރައްވާފައިވާ މެންޑޭޓާ ޚިލާފަށް ނުވަތަ މަސްއޫލިއްޔަތުގެ ޒިންމާ އަދާނުކުރުން ކަމަށް ނޫނީ އަޅުގަނޑުމެންނަށް ދެންނެވޭކަށް ނެތް،" މާޖިދު ވިދާޅުވި އެވެ.

ސުއޫދުގެ ތުހުމަތުތަކާ ގުޅޭ ހެކިތައް ދިނުމަށް އޭނާ އިންކާރު ކުރެއްވި ކަމަށް ޑީޖޭއޭ އިން ބުނިއިރު، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އެ ތުހުމަތުތަކުގެ ހަގީގަތް ބެލުމަށް ކޮމެޓީއެއް އެކުލަވާލައި، މަސައްކަތް ފަށައިފަ އެވެ.