ޝެއިހު ޒައިދު ފުލުހަށް ހާޒިރުވާން އަންގައިފި

ލާދީނީ ކަމަށް ބުނާ ވާހަކަ ދައްކާ މީހުންނާއި އެފަދަ މީހުންނަށް އިންޒާރު ދޭ މީހުންގެ މައްސަލަތައް ބަލާނެ ކަމަށް ފުލުހުން ބުނެފައި ވަނިކޮށް ޝެއިހު އަލީ ޒައިދު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.


ދީނީ އެކި މައްސަލަތަކުގައި ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ހޫނު ބަހުގެ ހަމަލާތައް ބަދަލު ކުރަމުންދާ މައްސަލައިގައި ފުލުހުން ވަނީ "ސިރޫ އާޓްސް" ހިންގާ މުހައްމަދު ސިރުހާނާއި މިނިވަން ރޭޑިއޯގެ ނޫސްވެރިޔާ އައިޝަތު އާނިޔާއާ ސުވާލުކޮށްފަ އެވެ.

އަލީ ޒައިދު މިއަދު ބުނީ އޭނާ ދެއްކި ވާހަކަތައް ޓުވިޓާގައި ފެންނަން ހުންނާނެ ކަމަށެވެ.

"ދެއްކި ވާހަކަތައް އެހެރީ ޓުވީޓާގައި. އޭގެ އިތުރުން މީސް މީހުން އަޅުގަނޑޭ ކިޔައިގެން ރޯ ބުހުތާނު ދޮގު ހަދައިގެން ވާހަކަ ފަތުރާއިރު ޕޮލިސް އެކަމަށް ފިޔަވަޅު ނާޅުވައި ހާޒިރު މި ކުރަނީ އަޅުގަނޑު،" ޒައިދު ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

ދީނަށް ފާޑުކިޔާ މީހުން އަދި އިންޒާރު ދޭ މީހުންގެ މައްސަލަތައް ފުލުހުން ބަލަން ފަށާފައި މި ވަނީ އިސްލާމް ދީނަށް ފާޑުކިޔާ ކަމަށް ބުނެ ބައެއް މީހުން ލާދީނީ ކަމަށް ދީނީ އިލްމުވެރިން ކަނޑައަޅުމުން އެފަދަ ބައެއް މީހުންނަކީ މުރުތައްދުވެ، މަރު ހުއްދަވެފައިވާ މީހުން ކަމަށް ސޯޝަލް މީޑިޔާގައި ބައެއް ފަރާތްތަކުން ބުނެފައި ވަނިކޮށެވެ.

އެ މައްސަލައިގައި ފުލުހުން މިދިޔަ ހަފްތާ ބުދަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ގޮތުން ފާޑުކިޔާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާނެ އެވެ. އަދި އެފަދަ މައްސަލަތަކާ ގުޅިގެން ވަކި ފަރުދުންނާއި މުދަލަށް ގެއްލުން ދޭނެ ކަމަށް އިންޒާރުދޭ މީހުންގެ މައްސަލަތައް ވެސް ބަލާނެ ކަމަށް ފުލުހުން ބުނެ އެވެ.

"މިފަދަ މައްސަލަތަކާ ގުޅިގެން ވަކި ފަރުދެއްގެ ނަފްސަށް ނުވަތަ މުދަލަށް ގެއްލުންދޭނެ ކަމުގެ އިންޒާރު މީސް މީޑިއާގެ ޒަރީއާއިންނާއި އެ ނޫން ގޮތަކަށް ލިބިފައިވާ ނަމަ އެކަން މި ސާވިސް އަށް ހުށަހެޅުއްވުމަށް ވެސް އިލްތިމާސް ކުރަމެވެ،" ފުލުހުންގެ އެ ބަޔާނުގައި ވެ އެވެ.