އިބްރާ ފުލުސް އޮފީހަށް ހާޒިރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.


އިބްރާ ފުލުސް އޮފީހަށް ހާޒިރުކޮށްފައި މި ވަނީ ރަސޫލާ އާއި އެކަލޭގެފާނުންގެ އަނބިކަނބަލުންނަށް ފުރައްސާރަކޮށް ޓުވިޓާގައި އޭނާ ވާހަކަ ދެއްކި ކަމަށް ގިނަ ބަޔަކު ބުނެފައި ވަނިކޮށެވެ. ރަސޫލާ އަށް އިބްރާ ފުރައްސާރަ ކުރި ކަމަށް ބައެއް މީޑިއާތަކުގައި ވެސް ލިޔެފައިވެ އެވެ.

ފުލުހުން އިބްރާ ހާޒިރުކޮށްފައި މި ވަނީ ދީނަށް ފުރައްސާރަކޮށް ވާހަކަ ދައްކާ މީހުންގެ މައްސަލަތައް ބަލާނެ ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ. ދީނަށް ފުރައްސާރަކޮށް ވާހަކަ ދައްކާ މީހުންނަށް އިންޒާރު ދޭ މީހުންގެ މައްސަލަ ވެސް ބަލާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެފަދަ މައްސަލަތަކުގައި އިބްރާއާއެކު ފުލުހުން މިހާތަނަށް ވަނީ ހަތަރު މީހަކު ހާޒިރުކޮށްފަ އެވެ. އެއީ ސިރޫ އާޓްސް ނަމަކަށް ކިޔާ ސޯޝަލް މީޑިޔާ ޕްލެޓްފޯމެއް ހިންގާ މުހައްމަދު ސިރުހާން އާއި ޝެއިހު އަލީ ޒައިދާއި މިނިވަން ރޭޑިއޯގެ އައިޝަތު އާނިޔާ އެވެ.