އިންޑިއާގައި ބާއްވާ ވަށް މޭޒު ޖަލްސާއެއްގައި ރާއްޖޭގެ އިސް ވަފުދެއް

އިންޑިއާ ސަރުކާރާ ގާތް ގުޅުމެއް އޮންނަ ތިންކް ޓޭންކަކުން ބާއްވާ ވަށް މޭޒު ޖަލްސާއެއްގައި ބައިވެރިވާން ރާއްޖޭގެ ސިޔާސީ އިސް ވެރިންތަކެއް ހިމެނޭ ވަފުދެއް އެ ގައުމަށް ހިނގައްޖެ އެވެ.


ވިވަކަންޑަނާ ފައުންޑޭޝަނުން، ވެރިރަށް ނިއު ދިއްލީގައި މިއަދު ފަށާ އެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ ކުރީގެ ނައިބު ރައީސް އަދި ޖޭޕީގެ ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަދި އަލަށް އުފައްދަން އުޅޭ ޕީއެންސީގެ އާދަމް ޝަރީފާއި މިހާރުގެ ޖެންޑަ މިނިސްޓަރު އަދާލަތު ޕާޓީގެ ޝިދާތާ ޝަރީފާއި އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު އަދި ގާނޫނީ ވަކީލް އަދ އެމްޑީޕީގެ އިސް މެމްބަރެއް ކަމަށް ވާ ހިސާން ހުސެއިން އެވެ.

ގާނޫނީ ވަކީލް ހިސާން: އިންޑިއާގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ

ވިވަކަންޑަނާ ފައުންޑޭޝަން (ވީއައިއެފް) އިން ބުނީ ރާއްޖޭގެ ވަފުދުން މަޝްވަރާކުރާނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ މެދުގައި ކަމަށެވެ. ވަށް މޭޒު ޖަލްސާގެ އިތުރުން އިންޑިއާގެ ސިޔާސަތުތައް ކަނޑައަޅާ އިސް ބޭފުޅުންނާ ވެސް ރާއްޖޭގެ ވަފުދުން ބައްދަލުކުރަން ވަނީ ހަމަޖެހިފަ އެވެ.

ވީއައިއެފް އަކީ 2009 ގައި އުފައްދައި، މި ސަރަހައްދުގެ އަސްކަރީ އަދި ސިޔާސީ ކަންތައްތައް ދިރާސާކޮށް އިންޑިއާ ސަރުކާރަށް ލަފާދޭ ތިންކް ޓޭންކެކެވެ. މި ތިންކް ޓޭންކްގެ ބާނީ އަކީ އިންޑިއާގެ ޖާސޫސީ އިދާރާގެ ޑިރެކްޓަރުކަން ކުރިން ކުރެއްވި އަޖިތު ދޮވާލް އެެވެ.