ކުރީގެ ރައީސް އަބްދުﷲ ޔާމީން. -- ފޮޓޯ: މިހާރު
18 ފެބުރުއަރީ 2019 - 13:09
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުށަހަޅާފައިވާ މަނީ ލޯންޑެރިންގެ މައްސަލާގައި އެ މަނިކުފާނު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.
މަނީ ލޯންޑެރިންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައި ވަނީ މެންދުރު ފަހު 1:30 އަށެވެ.
ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ލިޔުންތައް އިއްޔެ ހެނދުނު ވަނީ އެމަނިކުފާނުގެ ވަކީލުންނާ ހަވާލުކޮށްފަ އެވެ.
އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައި ހުރި ފައިސާ ލޯންޑަކުރި މައްސަލައިގަ އެވެ. މަނީ ލޯންޑަކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދިޔައިރު، އެމަނިކުފާނު ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލައިގައި ވެސް ދައުވާ އުފުލައިދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ވަނީ ހުށަހަޅައިފަ އެވެ. އެ ދައުވާ، ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފަ އެވެ.
އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުރި ޔާމީންގެ ޑޮލަރު އެކައުންޓަކަށް ދެ ޗެކަކުން އެސްއޯއެފުން ފައިސާ ޖަމާކުރީ އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާއަރާފައި ވަނިކޮށެވެ. ޔާމީންގެ އެކައުންޓަށް ޖަމާކުރި ޝައްކު އުފެދޭ ފައިސާ އޭސީސީއާ ހަވާލުކުރައްވަން އެމަނިކުފާނު ފުރަތަމަ އިންކާރު ކުރެއްވި އެވެ. އެކަމަކު ފަހުން އެއްބަސްވެވަޑައިގަތީ އޭސީސީއާ އެކު އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރައްވާށެވެ.
ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑެރިންގެ ތުހުމަތުތައް އެމަނިކުފާނު ވަނީ ދޮގު ކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ސުވާލު އުފެދިފައިވިޔަސް އިސްލާމިކް ބޭންކަށް ޖަމާކޮށްފައި ވަނީ އެމަނިކުފާނުގެ ފައިސާ އެވެ. އެއީ، ކެމްޕޭނަށް ރާއްޖޭގެ އެކި ފަރާތްތަކުން ދިން ފައިސާގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތްޕުޅުގައި ހުރި ފައިސާ ކަމަށް ވެސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލައިގެ އިތުރުން ރިޔާސީ އިންތިހާބުގެ ގާތްގަނޑަކަށް ދެ ހަފުތާ ކުރިން ޔާމީންގެ އެކައުންޓަކަށް 22.5 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެކަން ބަލައިދޭން ފުލުސް އޮފީހަށް ހުށަހެޅީ، އެމްއެމްއޭގައި އުފައްދާފައި އޮންނަ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ.
ޔާމީނަށް ތުހުމަތުކުރާ މަނީ ލޯންޑެރިންގެ މައްސަލަތަކުގައި އެމަނިކުފާނުގެ އެކައުންޓްތަކުގައި ހުރި 100 މިލިއަން ރުފިޔާ ވެސް ފުލުހުން ވަނީ ފްރީޒްކޮށްފަ އެވެ. އެ މައްސަލަ ޔާމީންގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
18 February 2019
1 މިލިއަން ޖަމަޢަވީ ތިމާއަށް ނޭނގި ކަމަށް އެއް އަނގައިން ބުނާއިރު، އެ އަނބުރާ ދޭން ދެކޮޅު ހަދާ، އެސްކޮރޯ އެކައުންޓަކަށްލައިގެން އެ ރޯލްކޮށްފި
ހުއްބުލް ގަލަން
18 February 2019
ދޫކުރާނެކަމެއްނެތް. ހައްޔަރުކުރަންވީ. ވެރިކަންކުރި 5 އަހަރުގައި ބިޑަކާއިނުލައި ފަޅުރައްތައް ވިއްކައިގެން ލިބުނު ފައިސާތަކަށް ވެރިވާންވެގެން އަދީބުއާއި ދެމީހުން ތަޅާފޮޅީ. ދިގުމުއްދަތަކަށް ޖަލަށްލާންވީހަމަ.
ކަރުކެހި
18 February 2019
ހާދަ ވަރެއް އެބަހުރޭ ދޯ ފުރަތަމަ ކަމަކައް މީހުން މަރަމުންދާ މީހުންނައް ހައްގު ވެގެންވާ އަދަބުދިނުމައްފަހު ތިކަހަލަ ކަންކަމާ އުޅުން ރަގަޅުކަމައް ފެނޭ އޭރުން ބޮޑެތި ޖަރީމާތައް ފަޅާ އަރާނެކަން ހަމަޔަގީން މީ ވަރައްވާހަކަ ........
ދިވެހި ވަންތަ
18 February 2019
ޔާމީންގެ ދިވެހިވަންތަ ކަމާއިމެދު ސުވާލު އުފެދޭ.
ޖަނާޒާ
18 February 2019
ގަޓު ފޫޓަކައްބާލާފަމިފަހަރުދޫކުރާނީ
މިކަމުގައި
18 February 2019
ޑިފެންސް މިނިސްޓަރ އިންޑިއާގަ ދިން އިންޓަވިއުގައި ބުނީ އަވަހަކަށް ނޫނޭ މި ގެންދަނީ ޔާމީންގެ މައްސަލަ. އަދި މިއީ ވިޗްހަންޓެއްވެސް ނޫނޭ. އިންޑިއާ މީހުންނަށް އެނގޭ ވަރަށްވެސް ދިވެހިންނަށް ނޭގޭ.
ފާއިގު
18 February 2019
މިޚަބަރު ގިނައިން ކިޔާނީ ރީދޫހުން ޖެހިފަ ތިބި ކުދިން ވިއްޔަ އެހެންވީމަ 0 ވެސް ވެދާނެ
ތެދުވެރިޔާ
18 February 2019
ޗައިނާ މިރާއްޖެ ތަރައްގީ ކޮއްދިނީތީ އުފާކުރަން. އަދިވެސް ޗައިނާ ޔާގުޅިގެން މިރާއްޖެ ތަރައްގީ ކުރެވޭނީ.
ޒަޔާ
18 February 2019
ކީއްވެ އަދީބުއާ އެއްގޮޅިއަކަށް ލާންވީ މީހަކު މަރާކަށް ނޫޅެއެއްނު
dx(ހަމީދާ)∫
18 February 2019
ކޮޓަރީގަ ހުންނަ އަލިމާރިތެރެއިން ޑުރަގު ބޮނޑިބޮނޑި ފެނުނީމަ ބުނަނީ ތިޔައީ ކިހިނެއް ތިތަނަށް އައި އެއްޗެއްކަމެއް ނޭނގެއޭ. ދެން ބުނަނީ އެއްވެސް މުވައްސަސާއަކުން ނެތޭ ތިޔައީ ޑުރަގުކަމަށް ކަނޑައަޅާފައެއް ކޮބާހޭ ތިޔައެއްޗެއް ތިތާހުރުމުގެ މައްސަލައަކީ.