މާލިއްޔަތު ކޮމެޓީ އަށް ހާޒިރުވާން އާތިފަށް އަންގައިފި

އެމްއެމްޕީއާރުސީން ދައުލަތަށް ވަންނަން ޖެހޭ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށް، ހިންގި މަނީ ލޯންޑަރިންގެ އަމަލުތައް ހުއްޓުވުމުގައި އެމްއެމްއޭ އިން އިހުމާލުވެފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވާ މައްސަލައާ ގުޅިގެން އާތިފް ޝަކޫރު މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ހާޒިރުވާން އަންގައިފި އެވެ.


އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް (އެފްއައިޔޫ)ގެ ވެރިޔާގެ މަގާމުގައި ކުރިން ހުންނެވި އާތިފް، މާލިއްޔަތު ކޮމެޓީ އަށް ހާޒިރުވާން އެންގީ އަންނަ ހަފުތާގެ ބުދަ ދުވަހުގެ މެންދުރު ފަހު 2:30 އަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު، ފާތިމަތު ނިއުޝާ، އާތިފަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، އޭސީސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ފައިސާގެ މުއާމަލާތްތަކާ ގުޅިގެން މާލިއްޔަތު ކޮމެޓީން ބައްދަލު ކުރަން ބޭނުންވާ ކަމަށެވެ.

މަޖިލީހުގެ ސިޓީ އާއްމުކުރައްވައި ޓުވިޓާގައި އާތިފް ވިދާޅުވެފައި ވަނީ، އޭނާ ހުންނެވީ އެފްއައިޔޫގައި ހޭދަކުރެއްވި ހަތް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ކުރެއްވި ގޮތް ހާމަކޮށްދެއްވުމުގެ ފުރުސަތަކަށް ބޭނުންވެފައި ކަމަށެވެ.

އެމްއެމްއޭގައި އޮންނަ މިނިވަން އިދާރާއެއް ކަމަށްވާ އެފްއައިޔޫގެ ގާނޫނީ ޒިންމާ އަކީ މަނީ ލޯންޑަރިންގެ ހަރަކާތްތަކާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ހަރަކާތްތަކާއި ކުށްކޮށްގެން ހޯދާ މައުލޫމާތު ހޯދައި ދިރާސާކޮށް ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ. އެކަމަކު ދައުލަތުގެ ފައިސާ އެސްއޯއެފް މެދުވެރިކޮށް ލޯންޑަކުރަމުން ދިޔައިރު އެމްއެމްއޭގެ ގާނޫނީ ޒިންމާ އަދާކޮށްފައި ނުވާކަން އޭސީސީގެ ރިޕޯޓުގައިވެ އެވެ.

އެ މައްސަލައިގައި، އެމްއެމްއޭގެ އިސްވެރިންތަކެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވަން އޭސީސީން ވަނީ ނިންމައިފަ އެވެ.

އެސްއޯއެފުން ހިންގި މަނީ ލޯންޑަރިންގެ މައްސަލަތައް ތަހުގީގުކުރަން ފުލުސް އޮފީހަށް ނުފޮނުވި މައްސަލައިގައި އޭސީސީން ސުވާލުކޮށް ބަޔާން ނެގި ބޭފުޅުންގެ ތެރޭގައި އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމާއި އާތިފް އިތުރުން އެމްއެމްއޭގެ ބައެއް އިސް މުވައްޒަފުން ވެސް ހިމެނެ އެވެ.

އޭސީސީގެ ތަހުގީގުގައި އާތިފް ވިދާޅުވެފައި ވަނީ، އެސްއޯފުން ބޮޑެތި އަދަދުތަކުގެ މުއާމަލާތް ހިންގުމާއި އެ ފައިސާ ވަންނަނީ ކޮން އެކައުންޓްތަކަކަށް ކަން އެފްއައިޔޫގެ ރިޕޯޓުން އެނގެން އޮތުމާ އެކު އެކަން އިތުރަށް ތަހުގީގު ކުރަން ޖެހޭނެ ކަމަށް އޭރުގެ ގަވަރުނަރަށް ދެންނެވި ކަމަށެވެ. އެކަމަކު އެކަން ތަހުގީގުކުރަން ފުލުސް އޮފީހަށް ހުށަހަޅަން އިންކާރު ކުރައްވައި އަޒީމާ ނެންގެވީ އެ ޔުނިޓުގައި މުވައްޒަފުން މަދު މައްސަލަ ކަމަށް ތަހުގީގަށް ދެއްވި ބަޔާނުގައި އާތިފް ވިދާޅުވެފައިވެ އެވެ.

އެ ތުހުމަތު ދޮގުކުރައްވައި އޭސީސީގެ ތަހުގީގަށް އަޒީމާ ވިދާޅުވެފައި ވަނީ އެސްއޯއެފުން ހިންގި ޝައްކު ކުރެވޭ މުއާމަލާތްތަކަކާ ގުޅިގެން ނޮވެމްބަރު، 27، 2014 ގައި އެފްއައިޔޫ އަށް ފޮނުވި "ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓް"ގެ ވާހަކަ، އެމްއެމްއޭ އިން ބޭއްވި ބައްދަލުވުމަކަށް ފަހު އާތިފް ހިއްސާކުރެއްވި ކަމަށެވެ. އެއާއެކު، ޝައްކުކުރެވޭ މުއާމަލާތް ވަރަށް ރަނގަޅަށް ދިރާސާކުރަން ޖެހޭނެ ކަމަށް އާތިފަށް ދަންނަވާފައި ވާނެ ކަމަށް އަޒީމާ ވިދާޅުވި އެވެ.

އާތިފް، މާލިއްޔަތު ކޮމެޓީ އަށް ހާޒިރުކުރާ އިރު، އޭނާގެ ފަހުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ ހެޑަކަށް ހަމަޖެއްސި އަބްދުﷲ އަޝްރަފް، އެކަށީގެންވާ ސަބަބެއް ނެތި ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފައިވާ މައްސަލައިގައި ގަވަރުނަރު އަހުމަދު ނަސީރު މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީ އަށް ހާޒިރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ހުށަހަޅުއްވައިފަ އެވެ.