ޕީޖީ އާއި ސީޕީ ހާޒިރު ނުކުރީ ޔާމީންގެ ޝަރީއަތް ހިނގާތީ: ރޮޒައިނާ

ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް އާއި އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ނުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ޝަރީއަތް ފަށާފައިވާތީ ކަމަށް، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.


މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އަށް ބިޝާމް އަދި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އަށް ހަމީދު ހާޒިރުކޮށްދޭން، އިދިކޮޅު ޕީޕީއެމުން ހުށަހެޅީ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން އެމަނިކުފާނު ހައްޔަރުކުރި މައްސަލައިގަ އެވެ.

ޔާމީނާ ގުޅޭ ގޮތުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހުށަހެޅި މައްސަލަ އެ ކޮމިޓީ އަށް ނުބެލޭނެ ކަމަށް ރޮޒައިނާ ވަނީ ނިންމައިފަ އެވެ.

އެ ހިތްހަމަނުޖެހުމާ އެކު ކޮމިޓީގެ މުގައްރިރުގެ މަގާމުން ރޮޒައިނާ ވަކިކޮށްދޭން ޕީޕީއެމްގެ މެމްބަރުންތަކެއް ވަނީ ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމަށް ހުށަހަޅައިފަ އެވެ. އެ މެމްބަރުން ވިދާޅުވެފައިވާ ގޮތުގައި މިނިވަން މުއައްސަސާތަކަށް ލާޒިމްކޮށްފައިވާ ޒިންމާ އަދާކުރެއްވުމުގައި ރޮޒައިނާ އުޒުރުވެރިވެވަޑައިގަންނަވާތީ އޭނާގެ މައްޗަށް އޮތް އިތުބާރު ވަނީ ގެއްލިފަ އެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެމްބަރު ރޮޒައިނާ އާދަމް: އޭނާ މަގާމުން ދުރުކޮށްދޭން މަޖިލީހުގެ އަމީން އާއްމަށް ވަނީ ހުށަހަޅާފައި. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބިޝާމް ހާޒިރު ނުކޮށްގެން ކިތަންމެ ބިރުދެއްކިއަސް ނުވަތަ އިތުބާރު ނެތް ކަމުގެ ވޯޓު ނެގި ނަމަވެސް ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާއި އުސޫލްތަކާ ޚިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ. ޝަރީއަތުގައި އޮތް މައްސަަލައަކާ ގުޅިގެން މަޖިލީހުގައި މައްސަލައެއް ކުރިއަކަށް ނުގެންދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ. އެމަނިކުފާނު ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ، މަނީ ލޯންޑަރިންގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވަން ރިޝްވަތު ދޭ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ތުހުމަތުކޮށްފައިވާތީ އެވެ.

ޕީޕީއެމުން ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރްސީގެ ކޮރަޕްޝާނާ ބެހޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ރިޕޯޓުގައި 150 އަށް ވުރެ ގިނަ މީހުންގެ އެކައުންޓަށް ފައިސާ ވަދެފައިވާކަން އެނގޭއިރު، ޔާމީނަށް އެކަނި ފިޔަވަޅު އެޅުން ބަލައެއްނުގަނެވެ އެވެ. އެއީ، މަދަނީ މައްސަލައެއް ކަމަށާއި އެފަދަ މައްސަލައެއްގައި ހައްޔަރު ނުކުރެވޭނެ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.