މަޑިވަރު ފިނޮޅުގައި ޓޫރިސްޓަކު މަރުވެފައި އޮއްވައި ފެނިއްޖެ

އއ. މަޑިވަރު ފިނޮޅުގައި ޗައިނާގެ ފަތުރުވެރިއަކު މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.


ފުލުހުން ބުނީ މަރުވެފައި އޮއްވައި ފެނުނީ ޗައިނާގެ އުމުރުން 70 އަހަރުގެ ފަތުރުވެރިއަކު ކަމަށާއި އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. އަދި އެ މީހާގެ ހަށިގަނޑުގެ ބޭރު ފުށުން އަނިޔާއެއް ފެންނަން ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭނާ މަރުވީ ގެނބިގެން ކަމެއް ނުވަތަ ނޫން ކަމަށް ފުލުހުން ނުބުނެ އެވެ.

އެއީ، އއ. ތޮއްޑޫ ގެސްޓް ހައުސްއެއްގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ މީހެއް ކަމަށާއި އޭނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

ރާއްޖެ އަށް އަންނަ ފަތުރުވެރިން މޫދުގައި ގެނބިގެން މަރުވުމުގެ ހާދިސާތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.