ރާއްޖޭގައި އިންޑިއާ ޓޫރިސްޓަކު މަރުވި މައްސަލައެއް އަލުން ބެލުމާ މެދު ގޮތެއް ނިންމަނީ

ވިލުރީފް ރިސޯޓު ގައި އިންޑިއާގެ ޓޫރިސްޓަކު މަރުވި މައްސަލައެއްގައި ރިސޯޓްގެ އިހުމާލު އޮތް ކަމަށް އާއިލާއިން ތުހުމަތުކޮށް، އެ މައްސަަލަ އަލުން ބަލައިދޭން އެދުމުން މުރާޖައާ ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.


ވިލުރީފްގައި 2016 ވަނަ އަހަރު މަރުވި ސިރީޝް ކުމާރު ރާމަ ސުވާމީގެ ބައްޕަ ރާމަސުވާމީ ޗަލެކާރާ "މިހާރު" އަށް ބުނީ އޭނާ މިހާރު ރާއްޖެ އަށް އައިސް އުޅެނީ ދަރިފުޅުގެ މަރުގެ ތަހުގީގު އަލުން ފަށައިދޭން އިންޑިއާ ސަރުކާރުން ރާއްޖޭގެ އިދާރާތަކަށް ހުށަހެޅުމުން އެކަން ގޮސްފައިވާ ހިސާބެއް ބެލުމަށް ކަމަށެވެ. އަދި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ އެހީއާ އެކު މޯލްޑިވްސް ޕޮލިސް ސާވިސްގެ ޖަވާބެއް މިހާރު ލިބިފައިވާ ކަމަށް ބުންޏެވެ.

ރާމަސުވާމީ ބުނި ގޮތުގައި ދަރިފުޅުގެ މަރުގެ މައްސަލައިގެ ތަހުގީގު އަލުން ފަށާފައިވާކަން ފުލުހުން ވަނީ ސިޓީއަކުން އޭނާ އަށް ކަށަވަރުކޮށްދީފަ އެވެ.

ސިރީޝް ކުމާރު މަރުވީ، ލޭމައްޗަށް ގޮސް ހިތްހުއްޓިގެން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓްގައި ވެ އެވެ. އެކަމަކު، އޭނާގެ ބައްޕަ ތުހުމަތު ކުރަނީ ދަރިފުޅު މަރުވީ ރިސޯޓުން އެ ކަމަށް ފަރުވާ ނުދީ ލަސްވެގެން ކަމަށެވެ.

ފުލުހުން ބުނީ ވިލުރީފް ރިސޯޓްގައި އިންޑިއާގެ ރައްޔިތަކު މަރުވި މައްސަލައެއް ފުލުހުން އޭރު ބެލުމަށް ފަހު، މައްސަލަ ފައިލްކޮށްފައި ވަނިކޮށް، އާއިލާ އިން އެ މައްސަލަ އަލުން ބަލައިދޭން އެދުމުން އެކަން ރިވިއު ކުރަން ފަށާފައިވާ ކަމަށެވެ. ރިވިއުކޮށް ނިމުމުން އެ މައްސަލަ އަލުން ހުޅުވަން ފެނިއްޖެ އަލުން މައްސަލަ ބަލާނެ ކަަމަށް ވެސް ބުންޏެވެ.

ދަރިފުޅު މަރުވުމުގައި ރިސޯޓްގެ އިހުމާލު އޮތް ކަމަށް ގަބޫލުކުރާތީ އެ މައްސަލަ ކޯޓަށް ހުށަހަޅަން ވެސް ރާމަ ސުވާމީ އަންނަނީ ތައްޔާރު ވަމުންނެވެ. އެގޮތުން ރާއްޖޭގެ ލޯ ފާމަކާ އެ މަސައްކަތް މިހާރު ވަނީ ހަވާލުކޮށްފަ އެވެ. އޭނާގެ ލޯޔަރު ފައްޔާޒް ޝާތިރު ވިދާޅުވީ އަންނަ ހަފްތާގައި މައްސަލަ ކޯޓަށް ވެއްދޭވަރު ވާނެ ކަމަށެވެ.

ދަރިފުޅުގެ މަރުގެ މައްސަލަ އަލުން ތަހުގީގުކޮށްދޭން މިހާ ފަހުން އެދުނީ ކީއްވެތޯ އެހުމުން ރާމަސުވާމީ ބުނީ ކުރިން އެކަމާ ނޫޅެވުނީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން އެހީތެރި ނުވީމާ ކަމަށެވެ.

"ދެން އަޅުގަނޑަށް ޖެހުނީ ކޯޓަށް ދާން އެމްބަސީއާ ދެކޮޅަށް. އަދި ހައި ކޯޓުން އަމުރެއް ނެރުނީ އެ މައްސަލަ ބަލައިދޭން އެދި ދިވެހި ސަރުކާރަށް ހުށަހަޅަން. ދެން އެހިސާބުން އަހަރެން ރާއްޖެ އަށް އައީ،" އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި އިންޑިއާ ހައިކޯޓުން އެ އަމުރު ނެރުނީ ޖޫން ތިނެއްގަ އެވެ. އަދި އެއަށް ފަހު އިންޑިއާ އެކްސްޓާނަލް މިނިސްޓްރީން އެމްބަސީ އަށް އެކަމާ ގުޅޭ ލިޔެކިއުންތައް ފޮނުވި ކަމަށާއި އެހެން ނަމަވެސް އެކަމުގެ ޖަވާބެއް އޮތީ ނުލިބި ކަމަށް ބުންޏެވެ އަދި އޭގެ އެއް މަސްފަހުން އޭނާ ރާއްޖެ އަށް އައުމުން ރާއްޖޭގެ ކަމިޝަނާ އޮޕް ޕޮލިސް މުހައްމަދު ހަމީދާ ބައްދަލުކުރެވޭނެ އިންތިޒާމް ވެސް އެމްބަސީން ހަަމަޖައްސައިދިން ކަމަށާއި މައްސަލަ ބަލަން ފެށީ އެހިސާބުން ކަމަށް އޭނާ ބުންޏެވެ.