އެކި ރަށްރަށުގައި ހަދާ ޓާފް ދަނޑުތަކުގައި ބޭނުން ކުރުމަށް މާލޭގެ ޓްރެކް ސަރަހައްދުގައި ގުދަންކޮށްފައި ހުރި އެއްޗެހިތަކެއްގައި ރޯވެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގިނަ އެއްޗެހި ސަލާމަތް ކުރެވިފައިވާ ކަން އެނގިއްޖެ އެވެ.

ޓެނިސްކޯޓާއި ދުވާ ޓްރެކާ ދެމެދު ގުދަން ކޮށްފައި ހުރި ތަކެތީގެ ތެރޭގައި ދަނޑުތަކުގައި އަޅާ ގިނަ އަދަދެއްގެ ޓާފާއި ފެންސް ރޯލްތަކެއްގެ އިތުރުން ދަނޑުތައް ހެދުމަށް ބޭނުން ކުރާ ގިނަ ސާމާނުތަކެއް ހިމެނެ އެވެ. އަދި ކޮންޓެއިނަރުތަކެއްގައި ހުރި މުދާތަކެއް ވެސް ހިމެނެ އެވެ.

ރޭ އިރުއޮއްސުނު ވަގުތު އެތަނުގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވެފައިވަނީ ޓާފް ރޯލެއްގަ އެވެ. އޭގެ އިތުރުން ފެންސް ރޯލްތަކެއްގައި ވެސް އަލިފާން ހިފި އެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އިބްރާހިމް އާޒިމް ވިދާޅުވީ އަލިފާންގަނޑު މާބޮޑަށް ނުފެތުރެނީސް ކޮންޓްރޯލްކޮށް ނިއްވާލެވިފައިވާ ކަމަށެވެ.

ޓާފު ދަނޑުތަކުގައި ބޭނުން ކުރަންގެނައި ބައެއް ސާމާނު އަނދާފައި: ގިނަ ތަކެއްޗަށް ގެއްލުން ނުވަނީސް ސަލާމަތް ކުރެވުނު: ފޮޓޯ: ނިޝާން އަލީ/މިހާރު
ޓާފު ދަނޑުތަކުގައި ބޭނުން ކުރަންގެނައި ބައެއް ސާމާނު އަނދާފައި: ގިނަ ތަކެއްޗަށް ގެއްލުން ނުވަނީސް ސަލާމަތް ކުރެވުނު: ފޮޓޯ: ނިޝާން އަލީ/މިހާރު

އެކަން ފުލުހުން ތަހުގީގު ކުރަމުން އަންނާތީ ލިބުނު ގެއްލުމުގެ ތަފްސީލެއް ސިފައިން ވެސް އަދި ޔޫތު މިނިސްޓްރީން ވެސް ނުދެ އެވެ. ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ އަލިފާނުގެ ހާދިސާގައި އެތަނުގެ ހުރި ގިނަ ސާމާނު ވަނީ ސަލާމަތް ކުރެވިފަ އެވެ.

"ޓާފް ރޯލެއްގައި ރޯވީ. އެއީ އަގުބޮޑު އެއްޗެއް. އެހެން ސާމާނުގައި ހުޅު ނުހިފަނީސް ނިއްވާލެވުނު،" ކަމާ ބެހޭ މުއައްސަސާއެއްގެ އިސް ބޭފުޅަކު ނަން ހާމަ ނުކުރަން އެދި ވިދާޅުވި އެވެ.

އެތަނުގައި ގުދަން ކޮށްފައި ހުރި ސާމާނުތަކަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޓާފް ދަނޑުތަކެއް ހެދުމަށް އެ ގައުމުން ދީފައިވާ ތަކެއްޗެވެ. އެ ތަކެތީގެ ބެލެނިވެރިކަމާ މެދު ޔޫތު މިނިސްޓްރީ އާއި އެފްއޭއެމާ ދެމެދު ހިޔާލު ތަފާތުވުން އުފެދިފައިވާއިރު އެތަނުން ބައެއް ސާމާނު ގެއްލުނު މައްސަލަތަކެއް ވެސް މީގެ ކުރިން ވަނީ ފެންމަތިވެފަ އެވެ.

ޓާފް ދަނޑުތައް އެޅުމަށް ނިމިދިޔަ ސަރުކާރުން ޔޫތު މިނިސްޓްރީ އާއި އެފްއޭއެމްގެ އިތުރުން މޯލްޑިވްސް ރޯޑް ކޯޕަރޭޝަނާ ވެސް އޮތީ ހަވާލުކޮށްފަ އެވެ.