އެކި ރަށްރަށުގައި ހަދާ ދަނޑުތަކުގައި ބޭނުން ކުރުމަށް މާލޭގެ ޓްރެކް ސަރަހައްދުގައި ބަހައްޓާފައި ހުރި ފެންސް ރޯލްތަކުގައި އަނެއްކާ ވެސް މިއަދު ރޯކޮށްލައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު އިރުއޮއްސުނު ވަގުތު ޓާފް ރޯލެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ގިނަ އަދަދެއްގެ ފެންސް ރޯލްތަކެއް ވަނީ އަނދައިފަ އެވެ. އެތަނުގައި ޓާފް ރޯލާއި ފެންސް ރޯލްތަކެއްގެ އިތުރުން ދަނޑު ހަދަން ބޭނުންކުރާ އެހެނިހެން ގިނަ ސާމާނު ވެސް ހުއްޓެވެ. މިއަދު ވެސް ރޯކޮށްލައިފައި ވަނީ، މިހާރުކުނީގެ ގޮތުގައި ބަހައްޓާފައި ހުރި ހަމަ އެ އެއްޗެހީގަ އެވެ.

ޓެނިސްކޯޓާއި ދުވާ ޓްރެކާ ދެމެދުގައި ބަހައްޓާފައި ހުރި އެ އެއްޗެހީގައި އަނެއްކާ ވެސް ރޯކޮށްލީ މިއަދު 12 ޖަހާކަންހާއިރެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ މިއަދު ރޯވެފައި ވަނީ ކުރީ ރޭ އަނދާފައި ހުރި ކުނިތަކެއްގައި ކަމަށެވެ. މާގިނައިރެއްނުވެ އަލިފާންގަނޑު ނިއްވާލެވިފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެތަނުގައި ދެ ފަހަރެއްގެ މަތިން ރޯކޮށްލާފައި މިވަނީ އެތަނުން ވައްކަން ކުރި މައްސަލައެއް ވެސް ފެންމަތިވެފައިވަނިކޮށެވެ. އެ މައްސަލާގައި ފުލުހުން ވަނީ މީހަކު ވެސް ކުރިން ހައްޔަރކޮށްފަ އެވެ.

އެތަނުގައި ގުދަން ކޮށްފައި ހުރި ސާމާނަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޓާފް ދަނޑުތަކެއް ހެދުމަށް އެ ގައުމުން ދީފައިވާ ތަކެއްޗެވެ. އެ ތަކެތީގެ ބެލެނިވެރިކަމާ މެދު ޔޫތު މިނިސްޓްރީ އާއި އެފްއޭއެމާ ދެމެދު ހިޔާލު ތަފާތުވުން އުފެދިފައިވާއިރު އެތަނުން ބައެއް ސާމާނު ގެއްލުނު މައްސަލަތަކެއް ވެސް މީގެ ކުރިން ވަނީ ފެންމަތިވެފަ އެވެ.