ސަރުކާރަށް އެއްބާރުލުންދޭ މެމްބަރުންގެ ދާއިރާތަކަށް ކަންކަން ކޮށްދޭން ފަސޭހަ ވާނެ: ރައީސް

ރަށްތައް ތަރައްގީ ކުރުމަށް ޓަކައި ސަރުކާރަށް އެއްބާރުލުން ދެއްވާ މަޖިލިސް މެމްބަރުން އެ ދާއިރާތަކަށް އިންތިޚާބުކުރުން މުހިންމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.


އެމްޑީޕީ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ޓަކައި ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ހދ. ނޮޅިވަރަންފަރު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ޓަކައި މަޖިލިސް މެމްބަރުންގެ ތާއީދު ބޭނުންފުޅުވާ ކަމަށެވެ. އެހެންކަމުން ރައީސް ވަނީ އެމްޑީޕީގެ މެމްބަރުންނަށް ރައްޔިތުން ވޯޓު ދިނުމަށް އެދިވަޑައިގެންފަ އެވެ.

"ދާއިރާގެ ތަރައްގީއަށްޓަކައި ކުރަން ޖެހޭ ކަންތައްތަކުގައި އަޅުގަނޑުމެންގެ ކެންޑިޑޭޓުގެ އެއްބާރުލުން އަޅުގަނޑުމެންނަށް ލިބޭ ކަމުގައި ވަންޏާ އަދި ތިބޭފުޅުންނާ ކައިރިން މަސައްކަތް ކުރުމުގެ ފުރުސަތު އެ ބޭފުޅާއަށް އޮތުމާ އެކީގައި އަޅުގަނޑުމެންނާ ހިސާބަށް ހައްލު ހޯދުމަށްޓަކައި މައްސަލަތައް ހިފައިގެން އަންނަން ފަސޭހަ ވެގެންދާނެ،" އެ ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު އަލީ އަށް ވޯޓް ދެއްވުމަށް އެދިވަޑައިގެން ރައީސް ވިދާޅުވި އެވެ.

ރައީސް ނޮޅިވަރަމުގައި ވާހަކަ ދައްކަވަނީ: އެމަނިކުފާން ވަނީ ސަރުކާރަށް އެއްބާރުލުން ދޭނެ މެމްބަރުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައި-- ފޮޓޯ: އެމްޑީޕީ

ނޮޅިވަރަންފަރުގެ މަގުތައް ހެދުމާއި ސްކޫލު ތަރައްގީ ކުރުމުގެ އިތުރުން ނޮޅިވަރަމާއި ނޮޅިވަރަމްފަރުގައި ޓޫރިޒަމްގެ ހާއްސަ މަޝްރޫތަކެއް ހިންގާނެކަން ވެސް ރައީސް އިއުލާން ކުރެއްވި އެވެ. އެއީ ޓޫރިޒަމަށް ހާއްސަ ސަރަހައްދެއް ކަނޑައެޅުމާއި ގެސްޓް ހައުސް އެޅުމަށް އެސްއެމްއީ ބެންކުން ލޯނު ދިނުމެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނޮޅިވަރަންފަރުގައި ޓޫރިޒަމަށް ދަރިވަރުން ޓްރެއިން ކުރާ ހޮޓަލެއް އެޅުމަށް ނިންމި އެވެ. ނަމަވެސް އެ ވެރިކަން ބަދަލުވުމާ އެކު އެކަން އޮތީ ނުވެ އެވެ.

ރައީސް ވިދާޅުވީ ތަރައްގީއަށްޓަކައި ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ވަރަށް ގިނަ ކަމަށެވެ. ތަނެއް ތަރައްގީ ކުރެވެން އޮތީ ފުރަތަމަ އަސާސީ ހިދުމަތްތައް އެތަނެއްގައި ގާއިމްކޮށްގެން ކަމަށާއި ސަރުކާރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި އަހަރުގެ ބަޖެޓުގައި ފެނާއި ނަރުދަމާގެ 120 މަޝްރޫއަކަށް 1.3 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ކަނޑައަޅާފައިވެ އެވެ.

މި އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއުތަކުގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އޭގެ ތެރެއިން އަލަށް ފަށާ މަޝްރޫއުތަކުގެ ގޮތުގައި 315 މަޝްރޫއު އާއި ހިނގަމުންދާ 229 މަޝްރޫއު ހިމެނެ އެވެ.