އިސްކުރު ފެން ބުއިމަށް ރައީސް ބާރު އަޅުއްވައިފި

ފުޅީގައި ބަންދުކުރި ބޯފެން ބޮޑު އަގުގައި ގަތުމުގެ ބަދަލުގައި އެމްޑަބްލިއުއެސްސީގެ އިސްކުރު ފެން ބޭނުންކުރަން ބާރު އަޅުއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވާހަކަފުޅު ދައްކަވައިފި އެވެ.


ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފެނާއި ނަރުދަމާގެ ނިޒާމު ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިތާހުކޮށް ދެއްވުމަށް ފަހު ރައީސް ވިދާޅުވީ ބޯފެނަށް ކުރަންޖެހޭ ހޭދަ އާއި ތަކުލީފު ކުޑަކުރުމާއި ޕްލާސްޓިކް ފުޅި ބޭނުންކުރުން ވީހާވެސް މަދު ކުރުމަކީ އަމާޒެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ކަން ކުރެވޭނީ، ފެން ކުންފުނިތަކުން އުފައްދާ ފެނަކީ، ބުއިމަށް އެންމެ އެކަށީގެންވާ ސާފު އަދި ރައްކާތެރި ފެން ކަމުގައި ހަދައިގެންނެވެ.

ރައީސް ވިދާޅުވީ އެމްޑަބްލިއުއެސްސީން ގޭބިސީތަކަށް ގުޅައިދީފައިވާ ފެނަކީ މުޅި މި ސަރަހައްދުން ވެސް ލިބެން ހުރި އެންމެ ފެންވަރު ރަނގަޅު، އެންމެ ސާފު ބޯފެން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމްޑަބްލިއުއެސްސީ އިން ގޭބިސީތަކަށް ގުޅައިދީފައިވާ ފެނުގެ އަގަށް ބަލާއިރު، ބޯފެން ލީޓަރެއް ޖެހެނީ ހަތް ލާރި އަށެވެ. އެހާ ހެޔޮ އަގުގައި، ފެންވަރު ރަނގަޅު ސާފު ބޯފެން ލިބެން ހުއްޓައި، ފަސް ރުފިޔާ ފެން ލީޓަރެއް ގަނެގެން ބޯންވީ ކީއްކުރަންތޯ އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ.

"އިންސާނުން ބޯން ކަމުދާ ފެނުގެ ފެންވަރު ކަނޑައެޅުމަށް ޑަބްލިއުއެޗްއޯ އިން ގެންގުޅޭ މިންގަނޑުން ބަލާއިރު، ބުއިމަށް ކަމުދާ އެންމެ އެވްރެޖް ފެނަކީ، ކޮންޑަކްޓިވިޓީ ލެވެލް 1،500 ގައި ހުންނަ ފެން. އަޅުގަނޑުމެންގެ ފެން ކުންފުނިން މިހާރު ގޭބިސީތަކަށް ދޫކޮށްފައި އެ ހުންނަނީ، ޑަބްލިއުއެޗްއޯގެ މި މިންގަނޑަށްވުރެ ތިންގުނަ ފެންވަރު ރަނގަޅު ބޯފެނެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހުޅުމާލޭގައި. --- ފޮޓޯ: ރައީސް އޮފީސް

ކޮންޑަކްޓިވިޓީ ލެވެލް 400-500 އާ ދެމެދުގައި ހުންނަ ފެނަކީ ބުއިމަށާއި، ކާބޯތަކެތި ތައްޔާރުކުރުމަށް، ސިއްހީ މިންގަނޑުން ބަލާއިރުވެސް، އެންމެ އެކަށީގެންވާ ފެން ކަމަށް ހެލްތު މިނިސްޓްރީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީން ކަށަވަރުކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑަބްލިއުއެސްސީން ގޭބިސީތަކަށް ގުޅައިދީފައިވާ ފެނުގެ އަގަށް ބަލާއިރު، ބޯފެން ލީޓަރެއް ޖެހެނީ ހަތް ލާރި އަށެވެ. އެހާ ހެޔޮ އަގުގައި، ފެންވަރު ރަނގަޅު ސާފު ބޯފެން ލިބެން ހުއްޓައި، ފަސް ރުފިޔާ އަށް ފެން ލީޓަރެއް ގަނެގެން ބޯންވީ ކީއްކުރަންތޯ އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ.

"އަޅުގަނޑު ހިތުން މިއީ، އަޅުގަނޑުމެންނަށް މިހާރުވެސް ސަލާމަތް ކުރެވިދާނެ ހަރަދުތަކެއް. މިއަދުން ފެށިގެން ވެސް، އަޅުގަނޑުމެންނަށް އެ ބަދަލު ގެނެވިދާނެ. އެ ބަދަލު ގެނެސްފި ނަމަ، އެއީ އަޅުގަނޑުމެންގެ ތިމާވެށި ހިމާޔަތްކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށް ވެސް ވާނެ،" ރައީސް ވިދާޅުވި އެވެ.

ބޮޑު އަގުގައި ފެން ގަނެގެން ބުއިމުގެ ބަދަލުގައި، އެމްޑަބްލިއުއެސްސީގެ އިސްކުރުތަކުން ލިބޭ އަގުހެޔޮ، ރައްކާތެރި ސާފު ފެން ބޯން ފަށައިފި ނަމަ، ހަރަދު ކުޑަވުމުގެ އިތުރުން ޕްލާސްޓިކް ބޭނުންކުރުން ވަރަށް ބޮޑަށް މަދުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި އެންމެ ތަދު އެކައްޗަކީ ސާފު ބޯފެން ކަމަށާއި ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމަށް ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އިންސާނުންގެ ދިރިތިބުމާ ސީދާގޮތުން ގުޅިފައިވާ ކަންކަމުގެ ތެރެއިން، ރާއްޖެ އަށް އޮތް އެންމެ ނާޒުކު މައްސަލައަކީ ވެސް ސާފު ބޯފެނުގެ މައްސަލަ. ބިމު އަޑިން ފެން ނަގާ މިންވަރު އިތުރުވުމުން، ގިނަ ރަށްރަށުގެ ފެން ފަށަލަ ވަނީ ވަރަށް ބޮޑަށް ތުނިވެފައި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރަށްރަށުގައި މިހާރު ހުރި މަދު ފެންފޮދު ވެސް ހުރީ، ރަށުތެރެއަށް ނަޖިސް ފެން ހިންދުމުގެ ސަބަބުންނާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ވަރަށް ބޮޑަށް ތަޣައްޔަރުވެފަ އެވެ. އަދި ކުރިމަގުގައި މި މައްސަލަ އިތުރަށް ގޯސްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.