ހުޅުމާލެ ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓް ހުޅުވައިފި

ހުޅުމާލެ ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވައިފި އެވެ.


އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލަކީ ޚިދުމަތްތައް ރަނގަޅުކުރަން ޖެހޭ، އަދި ސިއްހީ ދާއިރާ އިން އެންމެ އިސްކަންދޭން ޖެހޭ އެއް ހޮސްޕިޓާ ކަމަށެވެ. ހުޅުމާލެ އަކީ ވަރަށް ގިނަ މީހުން ދިރިއުޅޭ، އަދި ގިނަ ބައެއްގެ އުންމީދުތަކާ ގުޅިފައިވާ އަވަށެއް ކަމަށް ވުމުން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތް ރަނގަޅު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ހުޅުމާލެ ހޮސްޕިޓަލުގެ ރޭޑިއޯލޮޖީ ޑިޕާޓްމެންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަ ދައްކަވނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހުޅުމާލޭ ހޮސްޕިޓަލްގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓު ރަސްމީކޮށް ހުޅުވުމާ އެކު، އެމްއާރުއައިގެ ޚިދުމަތް އެ ހޮސްޕިޓަލުން މިއަދުން ފެށިގެން ލިބޭނެ އެވެ.

ނަމަވެސް، މެމޮގްރަފީ އާއި ސީޓީ ސްކޭންގެ ޚިދުމަތްތައް ފަށަން އަދި ދެ ތިން ހަފުތާ ނަގާނެ ކަމަށް އެ ހޮސްޕިޓަލް ހިންގަން ހަވާލުވެ ހުންނެވި ނާހިދާ ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އުންމީދުކުރީ މެމޮގްރާމާއި ސީޓީގެ ހިދުމަތާ އެއްކޮށް ފަށަން. އެހެން ނަމަވެސް އެ ހިދުމަތްތައް ވެސް ވަރަށް އަވަހަށް ފަށާނެ،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ބަހައްޓާފައިވާ އެމްއާރްއައި މެޝިން.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހުޅުމާލޭގައި 60،000 އެއްހާ މީހުން ދިރިއުޅޭ އިރު ހުޅުމާލޭ ހޮސްޕިޓަލުން ޒަމާނީ ސިއްހީ ޚިދުމަތް ނުލިބުމަކީ އެތައް ބައެއްގެ ޝަކުވާ އެކެވެ. ޚާއްސަކޮށް އެމްއާރުއައި އާއި ސީޓީ ސްކޭނާއި މެމޯގްރަފީގެ ޚިދުމަތް ނުލިބޭތީ ވަރަށް ގިނަ ބަޔަކު ޝަކުވާ ކުރެ އެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި ރޭޑިއޮލޮޖީ ޑިޕާޓްމަންޓެއް ގާއިމްކޮށް، އެ ތަނުގައި އެމްއާރުއައި މެޝިން ބެހެއްޓީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ހުޅުމާލެ ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތެއްގައި މީޑިއާގައި ވިދާޅުވީ، އެމްއާރުއައިގެ ޚިދުމަތް ހަފުތާއެއްގެ ތެރޭގައި ފަށާނެ ކަމަށެވެ.

ނޫސްވެރިންނަށް ވާހަކަ ދައްކަވަމުން އާސަންދަ ކުންފުނީގެ އޭރުގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު އަޒީމް ވިދާޅުވީ، އެމްއާރުއައި އާއި ސީޓީ ސްކޭން އަދި މެމޯގްރަފީގެ ޚިދުމަތްތައް ފެށުމުގެ ކުރިން ވާން ޖެހޭ ތަމްރީނުތައް އެތަނުގެ މުވައްޒަފުން ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ނާހިދާ މިއަދު ވިދާޅުވީ ސީޓީ ސްކޭނާއި މެމޮގްރަފީގެ ޚިދުމަތް ދިނުން ލަސްވަނީ ބޭނުންވާ ބައެއް ތަމްރީން ޕްރޮގްރާމްތައް ފުރިހަމަ ނުވާތީ ކަމަށެވެ.