ދީބާޖާ އިން އަލްހާންގެ ލޯ ފާމަށް 174 މިލިއަން ރުފިޔާ

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދޭން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ދީބާޖާ އިންވެސްޓްމަންޓާ ހަވާލުކުރި އެއްބަސްވުން އުވާލުމުން ބަދަލު ހޯދަން ކުރި ދައުވާގައި ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމުގެ ފީއެއްގެ ގޮތުގައި އަލްހާން ފަހުމީގެ ލޯ ފާމަށް 174 މިލިއަން ރުފިޔާ ދޭންޖެހޭކަން ހާމަވެއްޖެ އެވެ.


ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު ސަރުކާރުން ސޮއިކުރި އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ވަނީ ބާތިލްކޮށްފަ އެވެ. އެ މައްސަލައިގެ ގެއްލުމުގެ ބަދަލަށް 348 މިލިން ރުފިޔާ ދޭން ސިވިލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ.

ސުޕްރީމް ކޯޓުގައި ދީބާޖާގެ ފަރާތުން ވަކާލާތު ކުރުމަށް، އަލްހާންގެ ހިއްސާ އޮންނަ ކިންގްސް އެޓާނީސް އެންޑް ކޮންސަލްޓަންޓްސްއާ ހަވާލުކުރި އެއްބަސްވުން ރޭ ވަނީ ސޯޝަލް މީޑިއާގައި ލީކުކޮށްލައިފަ އެވެ. އަލްހާން އިތުރުން، އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ، ނޫރުބާން ފަހުމީގެ ހިއްސާ މި ލޯ ފާމުގައި އޮވެ އެވެ.

ދީބާޖާ އާއި އަލްހާންގެ ލޯ ފާމާ އެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން، ސިވިލް ކޯޓުގެ ގަޒިއްޔާ އިން ދީބާޖާ އަށް ބަދަލުގެ ގޮތުގައި ނަގައިދީފައިވާ 348 މިލިއަން ރުފިޔާގެ 50 ޕަސެންޓު ކަމަށް ވާ 174 މިލިއަން ރުފިޔާ ލޯ ފާމަށް ދޭން ޖެހެ އެވެ. އެއީ، މައްސަލަ ކާމިޔާބުވެއްޖެ ނަމަ ދޭ "ސަކްސެސް ފީ" ކަމަށް ވެސް އެއްބަސްވުމުގައިވެ އެވެ.

އަލްހާން "މިހާރު" އަށް ވިދާޅުވީ އާއްމުކޮށްގެން އުޅެނީ ސައްހަ އެއްބަސްވުމެއް ކަމަށެވެ. އެކަމަކު އެ އެއްބަސްވުމުގައިވާ ގޮތަށް ލޯ ފާމަށް އަދި ފައިސާ ނުލިބޭ ކަމަށް ވިދާޅުވި އެވެ.

"ލޯ ފާމުން ކުރި މަސައްކަތުގެ އުޖޫރަ ދޭން އެއްބަސްވުމެއްގައި އޮތުމަކީ މައްސަލައެއް ކަމަށް ނުދެކެން، އެއީ ސައްހަ އެއްބަސްވުމެއް،" އަލްހާން ވިދާޅުވި އެވެ.

ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް މުރާޖައާކޮށްދޭން އެދި އެ ކޯޓަށް ހުށަހަޅަން އެޓާނީ ޖެނެރަލް އޮފީހުން ވަނީ ނިންމައިފަ އެވެ. ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ސިވިލް ކޯޓާއި ސުޕްރީމް ކޯޓުން ހުކުމް ކުރި އިރު، މި އަދަދު އައި ގޮތެއް ހުކުމްގައި ސާފުކޮށް ބަޔާންކޮށްފައި ނެތް ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ ވިދާޅުވެފަ އެވެ.

އެ އަދަދަކީ، އެއްބަސްވުމުގައި ސޮއިކުރި ބައިވެރިންގެ ތެރެއިން އެއްވެސް ބައިވެރިއަކަށް ލިބެން ޖެހޭ އަދަދެއް ކަން އެނގިފައި ނުވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ރިފްއަތު ވިދާޅުވެފައިވާ ގޮތުގައި މިފަދަ ބޮޑު އަދަދެއް އޮންނަން ވާނީ އޮޑިޓަރެއްގެ ރިޕޯޓަށް ބަލާފައި ނުވަތަ ތަފްސީލީ ގޮތެއްގައި އެކަންކަން އިވެލުއޭޓް ކުރުމަށް ފަހު ކަމަށްވާ އިރު، ސިވިލް ކޯޓާއި ސުޕްރީމް ކޯޓުން ވެސް ހުކުމް ކުރީ އެކަންކަމަށް އެއްވެސް ވަރަކަށް ރިއާޔަތްނުކޮށެވެ.

ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އެމްޑީޕީގެ ވެރިކަމުގައި ހަތް ޕްރޮވިންސެއްގައި ފެރީގެ ޚިދުމަތް ދިނުމަށް އެކި ކުންފުނިތަކާ ސަރުކާރުން ހަވާލުކުރި އެވެ. އެކަމަކު ފަހުން ވަހީދުގެ ސަރުކާރުން ވަނީ އޭގެ ތެރެއިން ގިނަ އެއްބަސްވުންތަކެއް ބާތިލްކޮށްފަ އެވެ.