މުސާރަ ދޭން އެއްބަސްވުމުން މައްސަލަ ހައްލުވެއްޖެ

ކ. އޮޅުވެލި ބީޗު ރިސޯޓުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާ ބަންގްލަދޭޝްގެ ބަޔަކަށް މުސާރަ ނުދީގެން، މިރޭ އުފެދުނުނު ހަމަނުޖެހުން، ފުލުހުން އެ ރިސޯޓަށް އަރައި ކަމާ ގުޅޭ ފަރާތްތަކާ ވާހަކަ ދައްކައިގެން ހައްލުކޮށްފި އެވެ.


ފުލުހުން ބުނީ އޮޅުވެލި ބީޗުގެ ރިސޯޓުގެ މެނޭޖުމަންޓާއި ކޮންޓްރެކްޓަށް މަސައްކަތް ނަގައިގެން އުޅޭ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ކަނޑައެޅި ފަސް މީހުންނާ އެކު ކުރި މަޝްވަރާގެ ނަތީޖާ އަކީ އަންނަ ހޯމަ ދުވަހު އެ މީހުންނަށް މުސާރަ ދީ ނިންމަން އެއްބަސްވުން ކަމަށެވެ. އަދި އެ ދުވަހު މުސާރަ ނުލިބުނަސް މުޒާހަރާ ނުކުރަން އެއްބަސްވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އޭގެ ބަދަލުގައި މައްސަލަ ހައްލު ކުރާނީ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ކަމަށް ވެސް މަޝްވަރާތަކުގައި އެއްބަސްވި ކަމަށް ފުލުހުން ބުންޏެވެ.

"މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ،" ފުލުހުން ބުންޏެވެ.

މުސާރައިގެ މައްސަލައިގައި، އޮޅުވެލި ބީޗު ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީން މިރޭ އުޅުނީ ހަޅުތާޅުކޮށް، ލަކުޑިބުރި ފަދަ ތަކެތި ހިފައިގެން ގެސްޓުން ތިބޭ ސަރަހައްދަށް ވަނުމަށެވެ. އެހެންވެ، ފުލުހުން އެ ރިސޯޓަށް އަރައި މައްސަލަ ހައްލުކުރީ އެވެ.

ފުލުހުން ކުރިން މިރޭ ބުނެފައި ވަނީ، އޮޅުވެލި ރިސޯޓްގައި ތިން ވަނަ ފަރާތެއްގެ ކޮންޓްރެކްޓް މަސައްކަތްތަކެއް ކުރަމުންދާ 50 ވަރަކަށް ބިދޭސީން މުސާރަ ނުދޭ ކަމަށް ބުނެ މަސައްކަތް ހުއްޓާލައި، ހަޅުތާލު ކުރަން ނުކުމެފައިވާ ކަމަށެވެ. އަދި ހަޅުތާލު ކުރުމުގައި ރިސޯޓުގެ މަސްލަހަތު ގެއްލޭ ގޮތަށް އެ މީހުން އަމަލު ކުރަމުންދާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.