ލަންކާ އަސްކަރިއްޔާގެ ވެރިޔާ ދެއްކެވި ވާހަކައިގެ ހަގީގަތް ސާފުވާން ޖެހޭ: ރާއްޖެ

ސީރިއާގައި ހިނގަމުންދާ ހަނގުރާމަ އަށް، ސްރީ ލަންކާގެ މަގުން ދިވެހިން ދާ ކަމަށް ލަންކާގެ އަސްކަރިއްޔާގެ ވެރިޔާ މަހޭޝް ސެނަނަޔަކަ ވިދާޅުވެފައިވާއިރު، އެ ވާހަކަތަކުގެ ހަގީގަތް ސާފުވާނެ ބަޔާނެއް ނެރުމަށް ރާއްޖެ އިން މިއަދު އެދިއްޖެ އެވެ.


ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު މިރޭ ވިދާޅުވީ، ލަންކާގެ އަސްކަރިއްޔާގެ ވެރިޔާ ރާއްޖެއާ ގުޅޭ ގޮތުން، ޓީވީ ޗެނަލެއްގައި ދެއްކެވި ވާހަކަތަކާ މެދު ދިވެހި ސަރުކާރުން ކަންބޮޑުވާ ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން، ލަންކާގައި އުޅޭ ދިވެހިންނަށް ކުރިމަތިވެދާނެ ކަންކަމާ ބެހޭ ގޮތުން ލަންކާގެ ސަރުކާރާ އެކު ވާހަކަ ދައްކާފައިވާ ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ. އަދި، ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފިޔަވަޅު އަޅައި ދިނުމަށް އެ ގައުމުގައި އެދިފައިވާ ކަމަށް މިއުވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިދިޔަ މަހުގެ 21 ވަނަ ދުވަހު ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާތަކުގައި އެއްވެސް ދިވެއްސެއްގެ ބައިވެރިވުމެއް އޮތް ކަމަށް ތަހުގީގު ކުރާ ފަރާތްތަކުން މިހާތަނަށް އައިއިރު، ބުނެފައެއް ނެތެވެ. އެހެންވެ، ހަގީގަތް އޮޅިދާނެ ފަދަ ގޮތަކަށް އަދި ދިވެހިންނާ މެދު ނަފުރަތު އުފެދިދާނެ ގޮތަކަށް ޒިންމާދާރުކަން ކުޑަކޮށް ލަންކާގެ އަސްކަރީ ވެރިޔާ މީޑިއާގައި ވާހަކަ ދައްކާފައިވާ ކަމަށް މިއުވާން ވިދާޅުވި އެވެ.

ލަންކާ ސިފައިންގެ ވެރިޔާ މަހޭޝް ސެނަނަޔަކަ. --ފޮޓޯ:އޭއެފްޕީ

"އަވަށްޓެރި ގައުމުތަކަށް ދިމާވާ މިފަދަ ކަންކަމުގައި ރާއްޖެ އިން ކުރިއެކޭ އެއްގޮތަށް އެހީތެރިކަން ފޯރުކޮށްދޭނެ،" މިއުވާން ވިދާޅުވި އެވެ.

ދެކުނު އޭޝިއާ ސަރަހައްދާއި އިންޑިއާ ކަނޑުގެ ސަރަހައްދަކީ ޓެރަރިޒަމްގެ އަމަލުތަކުން މިންޖުވެފައި އޮތް ސަރަހައްދަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި ސަރަހައްދުގެ އެހެން ގައުމުތަކާ ގުޅިގެން ރާއްޖެ އިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.

އިންޑިއާގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ސެނަނަޔަކަ ވިދާޅުވީ ލަންކާ މަގުން ސީރިއާ އަށް ހަނގުރާމަ ކުރުމަށް ދެ ވަނަ އަށް އެންމެ ގިނަ އިން ދަނީ ދިވެހިން ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން އެމީހުންގެ މަންޒިލަށް ދިއުމުގެ ކުރިން ލަންކާގައި މަޑުކުރާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ނަމަވެސް، އެއީ ދިވެހި ސަރުކާރުގެ މައްސަލައެއް ނޫން ކަމަށާއި އެއީ ވަކި މީހުން ނުވަތަ ޖަމާއަތްތަކުން ކުރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.