ފުލުހުން ތަޅައިގަތީ ބިދޭސީއެއްގެ ގައިގައި، އެ ގެއިން ދެ ކިލޯގެ ޑްރަގު ފެނުނު!

މާލޭގެ ގެއެއްގެ ތެރޭގައި މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ތަޅައި ފުލުހުން އަނިޔާކުރީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކަށް ކަން "މިހާރު" އަށް އެނގިއްޖެ އެވެ.


މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ ވަރުގަދަ އޮޕަރޭޝަންގައި، ފަހަކަށް އައިސް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައިވެ އެވެ. ޑްރަގް ނެޓްވޯކް ނައްތާލަން ކުރަމުން އަންނަ މަސައްކަތުގައި މާފަންނު އުޖާލާގެ އަށް ފުލުހުން ވަނީ، އެނގިފައިވާ ގޮތުގައި، ފާރަލަމުން ގޮހެވެ. އެ ގެއިން ދެ ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ވެސް އަތުލައިގަތް ކަމަށް ވެ އެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށް، ކޯޓުން ބަންދުގެ މުއްދަތު މިހާރު ވަނީ އިތުރުކޮށްފަ އެވެ.

އެ މީހުން އަތުލައިގަންނަން އެ ގެއަށް ފުލުހުން ވަނުމާ އެކު ފުރަތަމަ ހަމަލާދިނީ ބިދޭސީ މީހާ ކަމަށް ވެ އެވެ. ފުލުހެއްގެ ގައިގައި ޖެހުމުން ބަދަލެއްގެ ގޮތުން، ހުރިހާ ފުލުހުންވެގެން އެ ބިދޭސީ މީހާގެ ގައިގައި ކޮޅުފައިންނާއި ގާ ބުރިއަކުން ތަޅައި އަނިޔާކުރީ އެވެ.

ހައްޔަރުކުރާ މީހުންނަށް އަނިޔާކުރާ ފުލުުހުންތަކެއް އެ މުއައްސަސާގެ ތެރޭގައި ތިބިކަމުގެ ތުހުމަތު ކުރަމުން ދަނިކޮށް، އާއްމުވި އެ ވީޑިއޯގެ ސަބަބުން ފުލުހުންނަށް އަނެއްކާވެސް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. ކުލަ ހެދުމުގައި ތިބި އެ ފުލުހުން އެ ވީޑިއޯގައި ސިފަވަނީ ނުރައްކާތެރި ގްރޫޕެއްގެ ގޮތުގަ އެވެ.

އެ މީހުން އަނިޔާކުރާ ވީޑިއޯ އާއްމުކުރުމާ އެކު އެކަން ކުރީ ކޮން ބައެއްތޯ ހޯދަން ޖެހިގެން ހުރި ގެއަކަށް ވަދެ އިންޒާރު ދީ ބިރު ވެސް ދެއްކި އެވެ. އެ މީހުން ބޭނުންވީ އެ ވީޑިއޯ ފޯނުތަކުން ޑިލީޓް ކުރުވާށެވެ.

ފުލުހުންނަށް ފިޔަވަޅު ނާޅާތީ ކަންބޮޑުވުން!

ކުށެއް ކޮށްފައި އެ ކުށް ފޮރުވަން އަނެއްކާ ބަޔަކަށް ބިރު ދައްކައި ކުށަކަށް އަރައިގަތް ފުލުހުންގެ އަމަލުތައް ކުށްވެރިކުރައްވައި ސަސްޕެންޑް ކުރައްވާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ. ފުލުހުން ހިންގާ މިފަދަ ކަންކަން ބަލަނީ އެ މުއައްސަސާގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑް (ޕީއެސްސީ) އިންނެވެ. އެކަމަކު އެތަނުން އަޅާނީ އިދާރީ ފިޔަވަޅެވެ.

މިފަހުން ދިމާވި މައްސަލަ ބަލައި މިހާތަނަށް އެއްވެސް މީހަކު ސަސްޕެންޑް ކުރި ކަން ފުލުހުން އަދި ޔަގީންކޮށެއް ނުދެ އެވެ.

ފުލުހުން އަނިޔާކުރި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ވެސް އެބަ ބަލަ އެވެ.

މީގެ ކުރިން ވެސް އާއްމުންނަށް އަނިޔާކުރި ފުލުހުންގެ މަގާމު ދަށްކުރުން ނުވަތަ ވަޒީފާ އިން ވަކިކޮށްފައިވެ އެވެ. އެކަމަކު އޭގެ ޖިނާއީ ކުށް ތަހުގީގެއް ނުކުރެ އެވެ.

ފުލުހުން ބުރާސްފަތި ދުވަހުގެ ރޭ އަނިޔާކުރި މައްސަލައިގައި ގާނޫނީ ބައެއް ވަކީލުންގެ ވެސް ކަންބޮޑުވުމަކީ އެ އެވެ.

ގާނޫނީ ވަކީލު ހުސައިން ޝަމީމް ވިދާޅުވީ ފުލުހުން ހިންގި އެ އަމަލު، ހަތަރު ގާނޫނެއްގެ ދަށުން ޖިނާއީ މައްސަލައެއްގެ ގޮތުގައި ބެލޭނެ ކަމަށެވެ. އެއީ ގާނޫނުލް އުގޫބާތާއި އެންޓި ޓޯޗާ ގާނޫނާއި ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނުގެ އިތުރުން ތޫނު ހަތިޔާރު ގެންގުޅުން މަނާކުރާ ކުރާ ގާނޫނެވެ. އެކަމަކު މީހަކަށް ގަސްދުގައި ބޮޑެތި އަނިޔާތަކެއް ދިން އެ އަމަލަށް، ފުލުހުންގެ އިސް ވެރިންގެ ސަމާލުކަން ލިބުނު ނަމަވެސް ޖިނާއީ ތަހުގީގެއް ނުހިންގަން މަސައްކަތް ކުރާތަން ފެނިވަޑައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި ހެކި ނައްތާލުމަށް މަސައްކަތް ކުރުމާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލައި ވެސް މިހާރު އެ މީހުން ހައްޔަރު ކުރަން ޖެހެ އެވެ.

"އެ މީހުން މިހާރު ވެސް އެ ދަނީ ބިރު ދައްކަމުން. އެހެންވެ، އެއީ މި ވަގުތު ވެސް ބަންދުގައި ތިބެން ޖެހޭނެ ބައެއް. އަޅުގަނޑު ދެކޭ ގޮތުގައި މިހާރު ޖިނާއީ ތަހުގީގު ހިންގުން [ފުލުހުން] އެވޮއިޑް ކުރާ ގޮތުން އެކަން ކުރުމަށް ބޮޑު ހިތްވަރެއް އެ ދެވެނީ،" އޭނާ ވިދާޅުވި އެވެ.

"އެއިން ދެވޭ މެސެޖަކީ ފުލުހުން މީހަކު ރޯނާ ކޮށްލިޔަސް، ބަންދު ނުކުރެވޭނެކަން. ސަސްޕެންޑް ކުރިޔަސް، އެކަން ހަނދާންނެތޭ ފަހުން އަނެއްކާވެސް އަނބުރާ ވަޒީފާއަށް ނިކުމެވޭނެކަން."