މަގުމަތިން ފޮށުނު މީހާގެ މައްސަ ކޯޓަށް

މާލޭ މަގުމަތިން އަންހެނަކަށް ފުރައްސާރަކޮށް، ފޮށިހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.


ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައިގައި ދައުވާކުރަނީ ގ.އެއްތެޔޮމާގޭ، އަބްދުލް ޣަނީ އިސްމާއީލް 56، ގެ މައްޗަށް ކަމަށެވެ. ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ ދަށުން އޭނާގެ މައްޗަށް ތިން ދައުވާއެއް އުފުލަން ނިންމާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ޣަނީގެ މައްޗަށް އުފުލި ދައުވާތަކަކީ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑި ހުތުރު އަމަލު ކުރުމުގެ ދައުވާ އާއި، އާންމު ތަނެއްގައި ނުވަތަ ތަންތަނުގައި ކަނޑައެޅިގެން ވަކި މީހެއްގެ ފަހަތުން ދިއުމުގެ ދައުވާ އާއި، ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާ އެވެ.

މިދިޔަ މަހުގެ އަށް ވަނަ ދުވަހު އެކަމެއް ހިނގި އިރު، ޣަނީ ހައްޔަރުކުރީ އޭނާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވި ފަހުންނެވެ. އޭނާ އަކީ އާއްމުކޮށް މަގުމަތިން މީހުންނާ ފޮށޭ މީހެއް ކަމުގެ ތުހުމަތު ވެސް ވަނީ ކޮށްފަ އެވެ.

ޣަނީގެ ފަރާތުން ފުރައްސާރައާ ކުރިމަތިވި ކަމަށް ބުނެ ޓުވިޓާގައި ވީޑިއޯ އާއްމުކުރި އަންހެންމީހާ ބުނެފައިވާ ގޮތުގައި އޭޑީކޭއާ ހިސާބުން ހުތުރު ބަހުން މުއާމަލާތުކޮށް، ފޮށެމުން ޗާނދަނީ މަގުގައި ހުންނަ ސްކޫޕާ ހަމައަށް ސައިކަލްގައި އޭނާ ދުއްވި އެވެ. އަދި އެއީ ކާފަގެ އުމުރުގެ މީހެއް ކަމަށާއި ނުފޮށުމަށް އެދުމުން ވެސް ދެއްކީ ލަދުވެތި ވާހަކަތަކެއް ކަަމަށް އަންހެންމީހާގެ ޓުވީޓުގައިވެ އެވެ.

އާއްމުކޮށްފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ފިރިހެންމީހާ ސައިކަލް މަތީގައި އިންނަނީ އެއް އަތުން ފޯނު ހިފަހައްޓައިގެންނެވެ.

މަގުމަތިން އޭނާއާ ފޮށެމުން ސައިކަލް ދުއްވި ތަން މަގުމަތިން ދިޔަ މީހުންނާއި ދުއްވާފައި ދިޔަ މީހުންނަށް ފެނުނަސް އެހީތެރިކަމެއް ނުލިބުނު ކަމަށް ބުނެ އަންހެން މީހާ ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.