ތުޅާދޫ ދަރިވަރުންނަށް ކައުންސެލިން ދެނީ

ބ. ތުޅާދޫ ސްކޫލުގެ ދަރިވަރުންގެ ތެރެއިން ސްކޫލު ތެރޭގައި ހޭނެތޭ ކުދިންނަށް ކައުންސެލިން ދެމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.


އެ ސްކޫލުގެ މަތީ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުންތަކެއް ސްކޫލު ތެރޭގައި ހޭނެތި، ހަށިގަނޑަށް ބާރުގަނޑެއް އަރައި ގޮތްތަކެއް ވާތީ އެކަން ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް މިދިޔަ ހޮނިހިރު ދުވަހު ވަނީ އެ ރަށަށް ގޮސްފަ އެވެ. މީގެ ވިއްސަކަށް އަހަރު ކުރިން ފެށިގެން ވެސް އެ ރަށު ސްކޫލުގެ ދަރިވަރުންނަށް އެ މައްސަލަ ކުރިމަތިވާ ކަމަށް ރަށު ކައުންސިލުން ބުނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ މިއަދު "މިހާރު" އަށް ވިދާޅުވީ އެކަން ދިމާވަނީ ތިން ކުއްޖަކަށް ކަމަށާއި އެ ކުދިން މި ވަގުތު ސްކޫލަށް ނުގެންދާ ކަމަށެވެ. ގޭގައި ބައިތިއްބައިގެން އެ ކުދިންނަށް ކައުންސެލިން ދިނުމުގެ މަސައްކަތް އެޑިއުކޭޝަންގެ ޓީމުން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްކޫލަށް އައިމާ އެ ކުދިންނަށް އެގޮތްތަކެއް އެވަނީ. އެހެންވެ މި ތިން ދުވަހު އެ ކުދިން ސްކޫލަކަށް ނުގެންގޮސް ކައުންސެލިންނާއި ގައިޑެންސް ދިނުމުގެ މަސައްކަތް މި ކުރަނީ،" އަހުމަދު ވިދާޅުވި އެވެ.

އެ ކުދިންނަށް ކައުންސެލިން ދެނީ އެޑިއުކޭޝަންގެ ޓީމުންނެވެ. އަހުމަދު ވިދާޅުވިގޮތުގައި އެ ޓީމުގައި އެފަދަ ކަންކަމަށް ހާއްސަ ކުރެވިފައިވާ މީހުން ތިބެ އެވެ.

އެ ސްކޫލުގެ ކިޔެވުން މެދުކަނޑާނުލައި ކުރިއަށް ގެންދާއިރު މިހާރު އެ މައްސަލަ ކުރިމަތި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެއީ ގިނަ ދުވަސްވެފައިވާ މައްސަލަ އަކަށް ވާތީ އެކަމަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބެލެނިވެރިންނާއި ސްކޫލު މެނޭޖްމަންޓާ ވާހަކަ ދައްކައިގެން އެކަމަށް ދާއިމީ ހައްލެއް ހޯދުން އަޅުގަނޑުމެން ބޭނުންވާ ކަމަކީ،" އަހުމަދު ވިދާޅުވި އެވެ.

ތުޅާދޫގެ ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ދަރިވަރުންނަށް ޖިންނީންގެ އުނދަގޫ ފޯރަނީ އެވެ. އަދި ކުދިންގެ އަމަލުތައް ވެސް ހުންނަނީ ޖިންނި މޮޔަވާ މީހުންގެ އަމަލުތައް ހުންނަ ގޮތަށް ކަމަށާއި އެހެންވެ، އެއީ ސްކޫލުގެ ތެރެއިން ކުދިންނަށް ދިމާވާ ކަމެއް ކަމަށް އެ މީހުން ދެކެ އެވެ.

ނަފްސާނީ އިލްމުވެރިޔާ ޑރ. އައިޝަތު އަލީ ނާޒު ވިދާޅުވިގޮތުގައި ނަފްސާނީ މައްސަލައެއް ކަމަށްވާ "މާސް ހިސްޓީރިއާ"ގެ ސަބަބުން އެފަދަ ކަންކަން ދިމާވުން އެކަށީގެންވެ އެވެ. ނަމަވެސް ސީދާ އެއްޗެއް ވިދާޅުވާން އެނގިވަޑައިގަންނަވާނީ އެކަންކަން ބެލުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ރާއްޖޭގައި ހިނގާފައި ހުރި އެފަދަ ހާދިސާތަކަށް ބަލާއިރު މާސް ހިސްޓީރިއާ އަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް ނާޒް ވިދާޅުވި އެވެ.

މާސް ހިސްޓީރިއާއަކީ އާންމުންގެ މެދުގައި ނުވަތަ މުޖްތަމައުގެ ތެރޭގައި ދެކެވޭ ވާހަކަތަކެއްގެ ސަބަބުން، އާންމުންގެ ތެރޭގައި ބިރު ފެތުރި، ހާސްކަން ބޮޑުވުމެވެ. ހިނގި ކަމެއް، ނުވަތަ ހިނގި ކަމަށް ގަބޫލުކުރެވޭ ކަމަކާ ހެދި ވެސް އާންމުންގެ ތެރޭގައި މި ގޮތަށް ބިރު ފެތުރިދާނެ އެވެ. އޭގެ ސަބަބުން ބިރުގަނެ، ހެޔަށް ގޮތްވުން ފަދަ ކަންކަން ކުރިމަތިވެ އެވެ. އަދި އެކަކަށް އެހެން ވާތަން ފެނުމުން އުފެދޭ ބިރުވެރި ކަމުގައި އެހެން މީހުންނަށް ވެސް އެގޮތް މެދުވެރިވެ އެވެ. މިސާލަކަށް ސްކޫލުގައި ކުއްޖަކު ވެއްޓޭއިރަށް އެއީ ޖިންނީގެ ސަބަބުން ވީ ކަމެކޭ ކިޔަން ފަށައިފިއްޔާ، އެކަމާ ބިރުން ދެން ހުންނަ ކުއްޖަކު ވެސް ވެއްޓިދާނެ އެވެ. މިއީ، ބައެއް ސްކޫލުތަކުގައި މީގެ ކުރިން ކަން ހިނގާފައިވާ ގޮތެވެ.

ކުދިންނަށް ދިމާވާ އެ މައްސަލަ ހައްލު ކުރުމަށް މީގެ ކުރިން ވެސް ވަނީ އެ ސްކޫލުގެ ގޯތި ތެރޭގައި ހުރި ގަހެއް ކަނޑާލާފަ އެވެ. އަދި މި ފަހަރު ވެސް ބެލެނިވެރިން އެދެނީ އެ ތަނުގައި ހުރި ގަހެއް ކަނޑާލައިދިނުމަށެވެ. ނަމަވެސް މިހާތަނަށް އެ ގަސް ކަނޑާލާފައެއްނުވެ އެވެ.