ކެނޯގައި ގެއްލުނު ދެ މީހުން ފެނިއްޖެ، އެރީ ހުޅުމާލެއަށް

އިއްޔެ ހަވީރު ވިލިމާލެ އިން ކެނޯއެއް ދުއްވަން ނުކުތް ދެ ފިރިހެނުން ސަލާމަތުން ހުޅުމާލެއަށް އަރާފައިވާ ކަމަށް، ފުލުހުން މިއަދު ބުނެފި އެވެ.


އުމުރުން 20 އަހަރާއި 33 އަހަރުގެ ދެ މީހުން ގެއްލުމާ އެކު ހޯދުމުގެ މަސައްކަތް ކޯސްޓް ގާޑާއި ފުލުހުން ކުރި ނަމަވެސް، 10 ގަޑިއިރު ކަނޑުމަތީގައި އޮޔާ ދަމުން ގޮސް، އެމީހުން ހުޅުމާލެ އަށް އެރީ ރޭ ފަތިހު 3:10 ހާއިރު އެވެ. ކޮޅިގަނޑެއްގައި ޖެހިގެން އޮޔާ ގެންދިޔަ ކެނޯ، ހުޅުމާލޭ ސްމިވިން ޓްރެކް އޮތް ސަރަހައްދާ ކައިރިއަށް ދިއުމުން ކެނޯ ދޫކޮށްލާފައި ފަތާފައި ހުޅުމާލެއަށް އެރީ ކަމަށް، ފުލުހުން ބުންޏެވެ.

އެ މީހުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ޗެކްކުރި އެވެ. އެކަމަކު ސިއްހީ ގޮތުން އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށްވެ އެވެ.

ގެއްލުނު ވަގުތާއި ހުޅުމާލޭ ސަރަހައްދަށް ކެނޯއަށް އާދެވެމާ ދެމެދު ގާތްގަނޑަކަށް 10 ގަޑިއިރު ހޭދަވި އެވެ. އެހެންކަމުން ކެނޯގައި އެ މީހުންނަށް އުޅެވުނީ މި ސަރަހައްދުގަ އެވެ.

ރޭ އެމްއެންޑީއެފުން ބުނީ ކެނޯ އާއި ދެ މީހުން ހޯދަން ކޯސްޓް ގާޑުގެ ނައިޓް ވިޝަން ކެމެރާ ބޭނުންކޮށްގެން ވެސް ސަރަހައްދު ބަލަމުން އަންނަ ކަމަށެވެ.

އިއްޔެ ފަތިހުން ފެށިގެން މާލޭ ސަރަހައްދަށް މޫސުން ގޯހެވެ. ދޭތެރެ ދޭތެރެއިން ވައި ގަދަވެ އެވެ.