ރައީސަށް އަދީބު 37 މިލިއަން ރުފިޔާ ދެއްވި ވާހަކަ އަކީ ދޮގެއް: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު 37 މިލިއަން ރުފިޔާ ދެއްވި ކަމަށް ފަތުރަނީ ދޮގު ވާހަކައެއް ކަމަށް ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.


ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި އަދީބު ރިޝްވަތުގެ ގޮތުގައި ރައީސަށް ފައިސާ ދެއްވީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ހުންނެވިއިރު އެވެ.

ކުރީގެ ސަރުކާރުން ގާނޫނާ ޚިލާފަށް ހިންގި ކަންކަމާ ދެކޮޅަށް، އޭރު އިދިކޮޅު ލީޑަރެއްގެ ގޮތުން ރާއްޖޭގައި އެންމެ އިސްކޮށް އުޅުއްވީ ވެސް ރައީސެވެ. އެމަނިކުފާނަށް ކުރާ ތުހުމަތު ގުޅުވަނީ ޕީޖީ ލީޑަރަކަށް ހުންނަވައި އަދީބު ބޭނުންފުޅުވާ ގޮތަށް މަޖިލީހުން ބިލްތައް ފާސްކޮށްދޭން ފައިސާ ނެންގެވި ކަމަށެވެ.

އަދީބު ދިރިއުޅުއްވި ރެހެންދި ފްލެޓުގައި 37 މިލިއަން ރުފިޔާގެ ނަގުދު ފައިސާއާ ރައީސް ހަވާލުވެވަޑައިގަތީ ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީގެ ހާޒިރުގައި ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

ހޫދު ވިދާޅުވީ ބަންޑާރަ ނައިބަކަށް އަނިލް ހުންނެވި އިރު އަދި އޭގެ ކުރިން ވެސް އެއްވެސް ކަމެއްގައި އަނިލްއާ ރައީސް ބައްދަލު ކުރައްވާފައި ނުވާ ކަމަށެވެ. އިދިކޮޅު ޕާޓީތަކާ އެކު ކުރީގެ ސަރުކާރުން މަޝްވަރާ ބޭއްވި އިރު ރައީސް އޮފީސް ތެރެއިން ޝައިނީއާ ބައްދަލުވެވަޑައިގަތް ކަމަށް ހޫދު ވިދާޅުވި އެވެ.

"ރައީސް އެ ދެ ބޭފުޅުންނާ [އަނިލް އާއި ޝައިނީއާ] އެކުގައި ދުވަހަކު ވެސް ބައްދަލު ކުރައްވާފައި ނުވޭ. އެ ތުހުމަތަކީ ކަނޑައެޅިގެން ދޮގެއް،" ހޫދު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ރައީސްއާ ގުޅުވައި މީގެ ކުރިން ވެސް ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އޭރު އިދިކޮޅު ޕީޕީއެމުން ތުހުމަތު ކުރި ގޮތުގައި ހިޔާނާތުގެ ފައިސާ ޖަމާކުރީ ރައީސްގެ އެކައުންޓަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެމްބަރު އެ ފަހަރު ތުހުމަތު ކުރެއްވި ގޮތުގައި އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ އިން ރިޝްވަތުގެ ގޮތުގައި 32 މިލިއަން ރައީސަށް ލިބިވަޑައިގަތެވެ. އާރިފާއި ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ އެ ތުހުމަތާ ގުޅިގެން އޭސީސީން މައްސަލަ ތަހުގީގު ކުރި އެވެ.

މި ތަހުގީގަށް ފަހު އޭސީސީން ނެރުނު ރިޕޯޓުގައި ވަނީ ދެ ބޭފުޅުން ވެސް ތަހުގީގުގައި ވިދާޅުވީ އެއީ، "ސިޔާސީ ގޮތުން ދެއްކެވި ވާހަކަތަކެއް" ކަމަށެވެ.

ޚިޔާނާތާ ގުޅުވައި ރައީސަށް ތުހުމަތުތަކެއް ކުރަނީ، މިދިޔަ ސަރުކާރަށް އަމާޒުވި ކޮރަޕްޝަންގެ މައްސަލަތައް ބަލައި ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދުކުރަން ކޮރަޕްޝަނަށް "ޒީރޯ ޓޮލަރެންސް" ސިޔާސަތު ކަނޑައަޅައި ތަންފީޒު ކުރަން ފަށާފައި ވަނިކޮށެވެ. މި ސަރުކާރުގެ އެއްވެސް އިދާރާއަކުން ނުވަތަ ކުންފުންޏަކުން ނަމަވެސް ކޮރަޕްޝަންގެ އަމަލެއް ހިންގައިފި ނަމަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ކުރީގެ ސަރުކާރުގައި ހިންގި ކޮރަޕްޝަންތައް ބަލަން ވަނީ ރިޔާސީ ކޮމިޝަނެއް ވެސް އުފައްދަވައިފަ އެވެ.