ފެންޖަހާނެ ޑްރޯނެއް، ހެލިކޮޕްޓަރެއް ނެތީތީ ހިތާމަކުރަން: ޖާބިރު

މާލޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ، ސިފައިން ބޭނުންކުރާނެ ޒަމާނީ އެއްވެސް ވަސީލަތެއް ނެތް ކަމަށާއި ފެން ޖަހާ ޑްރޯނާއި ހެލިިކޮޕްޓަރު ނެތުމުން ހިތާމަކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު މަޖިލިހުގައި ވިދާޅުވެއްޖެ އެވެ.


މިދިޔަ ހުކުރު ދުވަހުގެރޭ މާލޭގެ ހަތަރު ގުދަނަކާއި ހަ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ޖާބިރު، މަޖިލީހުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން އޭނާ ވަނީ މަޖިލިހުން އެމްއެންޑީއެފަށް ބޮޑު ބަޖެޓެއް ދޭ އިރު، އަލިފާން ނިއްވަން ދުނިޔޭގެ އެކިއެކި ގައުމުތަކުގައި ހުރި ވަސީލަތްތައް ރާއްޖޭގައި ބޭނުން ނުކުރަނީ ކީއްވެތޯ ސުވާލު އުފައްދަވައިފަ އެވެ.

މާލޭގެ ހާލަތު ނާޒުކުކޮށް އޮތް އިރު "މަތިން އައިސް ފެން ޖަހާލެވޭނެ ވަރުގެ ބޯޓެއް" ނެތީ ކީއްވެތޯ ޖާބިރު ސުވާލުކުރެއްވި އެވެ. ޖާބިރު ވިދާޅުވީ މާލޭގައި އަލިފާން ނިއްވާނެ ހަރުދަނާ ވަސީލަތްތަކެއް ނެތް މައްސަލައިގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހާޒިރުކޮށް ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ހީކުރީ ކުޑަ ޑްރޯންއެއް ކަމަށް އަންނާނީ. އައިސް ފެން ޖަހާ ނިއްވާލާނެ ކަމަށް. ކިހާ ފައްކާވީސްތޯ؟ ނެތް ޑްރޯންގަނޑެއް ވެސް. ނެތް ހެލިކަޕްޓަރު ގަނޑެއް ވެސް. އެކަމަށްޓަކައި އަޅުގަނޑު ހިތާމަ ކުރަން،" ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު ކަން ވެސް ކުރައްވާ ޖާބިރު ވިދާޅުވި އެވެ.

މަޖިލިހުގެ ނައިބު ރައީސް، އީވާ އަބްދުﷲ މަޖިލިހުގެ ރިޔާސަތުގައި. --- ފޮޓޯ: މަޖިލިސް

އަލިފާނުގެ ހާދިސާ ކޮންޓްރޯލްވީ އެމްއެންޑީއެފްގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަޔަމަނުންނާއި ފަޔަ ލޮރީ ބޭނުންކޮށްގެންނެވެ. ޖާބިރު ވިދާޅުވީ އެއާޕޯޓުގެ ވެހިކަލް ނައިސް ލަސްވި ނަމަ، "މުޅި ކޮށީގައި ނުވަތަ މާލެ ރޯވެގެން ދިޔައީސް" ކަމަށެވެ.

ޖާބިރު ވިދާޅުވި ގޮތުގައި ނުރައްކާތެރި ހާދިސާތަކެއް ހިނގަނީ އެއްވެސް ސަރުކާރަކަށް ޕްލޭނެއް ހެދިފައި ނެތީމަ އެވެ. މާލޭގެ ހާލަތު އެގޮތަށް އޮއްވައި މިރޭ ވެސް ތަނެއްގައި ރޯ ނުވާނެ ކަމުގެ ޔަގީން ކަން ނެތް ކަމަށާއި މާލޭގެ ކަންކަން ވަރަށް ނާޒުކު ކަމަށް ޖާބިރު ވިދާޅުވި އެވެ. އަދި އަލިފާން ނިއްވަން ބޭނުންވާ ސިސްޓަމްތަކާއި ސާމާނުތައް ނެތީމުން ޖާބިރު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ރަށްރަށުގައި ދިރިއުޅޭ މީހުން ގެދޮރު ދޫކޮށްފައި މާލެ އަންނަނީ ކިޔެވުމަށާއި އެހެން ބޭނުންތަކަށް ކަމަށާއި މާލޭގައި އުޅޭ މީހުންގެ އަދަދު މާ ގިނަވެފައިވާ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ. ޖާބިރު ވިދާޅުވީ އެކަން އެގޮތަށް ދިމާވީ ޕްލޭނެއް ހެދިފައި ނެތުމުން ކަމަށެވެ.

"ބައްލަވާ ހައެއްކަ ގެ އަނދައިގެން ދިޔައީ 400 މީހުންނޭ ހާލުގައި އެ ޖެހުނީ. އެހެންވީމަ ކުޑަކުޑަ ރަށެއްގެ އާބާދީ ނޫންތޯ މި ދައްކަނީ. ހަތަރު ސަތޭކަ މީހުންނަށް ލިބުނު ގެއްލުން ކިހިނެއްތޯ އިއާދަކުރަނީ؟ އިއާދަ ނުކުރެވޭ ގެއްލުން މިވީ،" ބަހުސްގައި ވަރަށް ބޮޑަށް ކޯފާ އިސް ކުރައްވައި ޖާބިރު ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން މިކަމުގެ ޒިންމާ ކޮންމެވެސް ބަޔަކު އުފުލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ދުނިޔޭގެ އެހެން ގައުމެއްގައި މިކަހަލަ ކަމެއް ހިނގި ނަމަ، ކަމާ ގުޅުން ހުރި މީހުން އިސްތިއުފާ ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. "ކީއްވެގެންތޯ (ރާއްޖޭގައި) ނުދީގެން މިއުޅެނީ؟" ޖާބިރު ސުވާލު ކުރެއްވި އެވެ.

އަބަދަށްފެހި މަގުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހަތަރު ގުދަނާއި ހަ ގެއެއް އަނދައި ހުލިވެފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އަދި ގެތަކުގައި ދިރިއުޅުނު 400 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުމާ ގުޅިގެން އެމީހުންނަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފަ އެވެ.

އެ ހާދިސާގައި މަރުވީ ކެމިކަލް ގުދަން ކުރިމަތިން ހުރި ރަދުވާނިއާ ގޭގެ ތިން ވަނަ ފްލޯގައި ދިރިއުޅުނު ތ. ބުރުނީ، ފެންފިޔާޒުގޭ، އައިޝަތު ޝައުނާ، 47، އެވެ.