އެމްޑީއެންގެ ރިޕޯޓް މިހާރު އެ އޮތް ގޮތަށް ކުރިން ނެރެފައެއް ނެތް: ޑރ. ޒިޔާދު

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓް މިހާރު އެ އޮތް ފެންވަރުގައި ކުރިން ނުނެރޭ ކަމަށާއި އޭރު އެ މައުލޫމާތު ލިބުނު ނަމަ އޮންނާނީ ފިޔަވަޅު އަޅުއްވާފައި ކަމަށް ކުރީގެ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިއަދު ވިދާޅުވެއްޖެ އެވެ.


އެކަމަކު "މިހާރު"އާ ވާހަކަ ދައްކަވަމުން ޑރ. ޒިޔާދު ވިދާޅުވީ މިއީ އެމްޑީއެންގެ ރިޕޯޓުގެ މައްސަލާގައި އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގައި ޒިންމާ އަޅުވައި ރެކެންވީ ވަގުތެއް ނޫން ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ޔަގީންކަމާ އެކު ބުނަން އެނގޭ އެ ރިޕޯޓް މިހާރު އެ އޮތް ގޮތަށް، އެހާ ހާމަކަން ބޮޑު ގޮތެއްގައި އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަތަކެއް ހިމަނައިގެން ކުރިން ނެރެފައި ނެތް ކަމަށް،" ޒިޔާދު ވިދާޅުވި އެވެ.

އޭނާގެ ވާހަކަ މި އައީ، އެމްޑީއެންގެ ރިޕޯޓް ފުރަތަމަ ނެރުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ގައި ކަމަށް ވެފައި، އޭރު ފިޔަވަޅު ނޭޅީ ކީއްވެގެންތޯ މިހާރުގެ ސަރުކާރާއި އެމްޑީޕީން ބުނަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިލްޔާސް ޖަމާލް ވިދާޅުވީ ރިޕޯޓްގެ މައްސަލަ ޖަމިއްޔާއަކުން އިސްލާމިކް މިނިސްޓްރީއަށް 2016 ގައި ހުށައެޅިކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. އަދި 2015 އިން ފެށިގެން އެ ރިޕޯޓަށް ބައިތައް އިތުރުކުރަމުން އައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ އެއް ބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކުރަންވީ ވަގުތެއް ނޫން. މިއީ އިސްލާމްދީނާ ދެކޮޅަށް ރާއްޖޭގައި މިހެން ކުރާ މަސައްކަތް ހުއްޓުވަން އެންމެން އެކުގައި މަސަައްކަތް ކުރަންވީ ވަގުތު،" ޒިޔާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ރިޕޯޓާ ބެހޭ އެފަދަ ޝަކުވާއެއް އޭރު އައިސް އޮތް ނަމަ އެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ މިހާރުގެ މިނިސްޓަރު ޑރ. އަހުމަދު ޒާހިރަށް ކަމަށެވެ.

"އޭރު އެ ސެކްޝަންގައި އިސްކޮށް ހުންނެވީ މިހާރުގެ މިނިސްޓަރު. އެހެންވީމާ އެފަދަ ޝަކުވާއެއް އަޔަސް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އެމަނިކުފާނަށް. އޭރު އައި މިފަދަ ޝަކުވާތަކަށް އަޅުގަނޑުމެން ހުންނާނީ ފިޔަވަޅު ވެސް އަޅާފައި. ބައެއް ޖަމިއްޔާތައް އުވައިލަން ވެސް ހުންނާނީ [ހޯމް މިނިސްޓްރީއަށް] ހުށަހަޅާފައި،" ޒިޔާދު ވިދާޅުވި އެވެ.

އޭނާ ވަނީ އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާގެ ވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުން ލަސްވާތީ ފާޑުކިއުއްވައިފަ އެވެ. އޭނާ ވިދާޅުވީ އެ މައްސަލައިގައި ފިޔަވަޅު އަޅަން އަލުން ގާނޫނެއް ހަދަން ނުޖެހޭ ކަމަށާއި މިހާރު ހުރި ގާނޫނާއި ގަވާއިދުތަކުން ވެސް ފިޔަވަޅު އެޅޭނެ ކަމަށެވެ.

"ގާނޫނެއް ހަދަން ވެގެންނޭ ކިޔައިގެން ވަގުތު ނަގާލާކަށް ނުޖެހޭ. މިހާރު ވެސް ފިޔަވަޅު އެޅޭނެ،" ޒިޔާދު ވިދާޅުވި އެވެ.