މިނިވަން މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގަތް ނޮޅިވަރަމް ދާއިރާގެ މެމްބަރު، މުހައްމަދު ނަޝީދު ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޖަލްސާގައި ރޭ ބައިވެރިވެވަޑައިގަތީ، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދައުވަތަކަށް ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު ވިދާޅުވީ އޭނާ ގަބޫލުނުކުރައްވާ އަދި ހިތްހަމަނުޖެހުން އޮތް ލީޑަރަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. ގާސިމްގެ ލީޑަޝިޕްގައި ވެސް އޭނާ އަށް ކަމުދާ ސިފަތަކެއް ހުންނަ ކަމަށާއި އޭނާ ދެއްވި ދައުވަތު ގަބޫލުކުރެއްވީ އެހެންވެ ކަމަށް ވިދާޅުވި އެވެ.

"ގާސިމްގެ ދައުވަތަކަށް ދިޔައީ. އަޅުގަނޑު ނުދާނީ އެމްޑީޕީގައި ވެސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކަށް. ޕީޕީއެމްގެ ޖަލްސާތަކުން ވެސް ފެންނާނެ،" މެމްބަރު ވިދާޅުވި އެވެ.

ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު، (ވ-2) އަށް ޖުމްހޫރީ ޕާޓީގެ ޖަލްސާގައި.
ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު، (ވ-2) އަށް ޖުމްހޫރީ ޕާޓީގެ ޖަލްސާގައި.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި އޭނާ ގެންދަވަނީ، މަޖިލީހުގެ ރައީސް ނަޝީދަށް ވަރަށް ހުތުރުކޮށް ފާޑުވިދާޅުވަމުންނެވެ. ދީނަށް ފުރައްސާރަކޮށްފައި އޮތް ރިޕޯޓެއް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު މައްސަލައިގައި ވެސް ނަޝީދަށް ތުހުމަތުތަކެއް ކުރި އެވެ. އެމްޑީޕީގެ ބައެއް ސިޔާސަތުތަކާ މެދު ވެސް އޭނާ ގެންދަވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވަމުންނެވެ.

މި މައްސަލައިގައި މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީ މެމްބަރުންގެ ނުރުހުން އަމާޒުވެފައިވާ މި މެމްބަރު ރޭ އިންނެވީ ގާސިމް އަރިހުގައި ޖުމްހޫރީ ޕާޓީގެ ޖަލްސާގަ އެވެ. ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ޖަލްސާގައި، މެމްބަރު ނަޝީދު ބައިވެރިވެވަޑައިގަތުމުން ގާސިމާއި އެ ޕާޓީ އަށް އެމްޑީޕީ މެމްބަރުންގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

ޚާއްސަކޮށް، އޭނާ އަށް ގާސިމް ކުރެއްވި ތައުރީފުންނެވެ.

މެމްބަރު ނާޝިދު، ގާސިމް ސިފަކުރެއްވީ، އެފަދަ ދެ ވަނައެއް ނެތް ބޭފުޅެއްގެ ގޮތުގަ އެވެ. އެއީ، މަޖިލީހުގައި ރައްޔިތުންނަށްޓަކައި މަސައްކަތް ކުރާ މެމްބަރެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"ގާބިލްކަމާއި ދައްކާލާ ވާހަކައިގެ ޖަޒުބާތާއި ފޯރިއަށް ބަލާލިއަސް ހަމަ ހަބޭސް. އައްސަރިބަހާއި ސާބަސް މުހައްމަދު،" ގާސިމް ވިދާޅުވި އެވެ.