ކީރިތި ރަސޫލާގެ ހަޔާތްޕުޅުން ނަމޫނާ ލިބިގަންނަން ޖެހޭ: ރައީސް

ދިވެހިން އެންމެ ވަރުގަދަ އަޒުމަކަށް ހަދަންވީ، މާތް ﷲ ޙަޟްރަތުން، ކީރިތި ރަސޫލާ ގެނެސްދެއްވި، އެއްކައުވަންތަކަމުގެ އަގީދާގައި، ހިތްތައް ސާބިތު ކުރުމާއި އެކަލޭގެފާނުގެ ހަޔާތްޕުޅުން ނަމޫނާ ލިބިގަތުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.


ކީރިތި ރަސޫލާގެ އީދު މީލާދުގެ މަތިވެރި މުނާސަބަތުގައި ފޮނުއްވި ތަހުނިޔާ މެސެޖްގައި ވަނީ މުސްލިމުންގެ މެދުގައި އޮންނަންވީ އެއްބަނޑުއެއްބަފާކަމުގެ ގުޅުން ދަމަހައްޓައި، ދޭދޭ އިންސާނުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން އާލާކޮށް ދަމަހައްޓަން ޖެހޭ ކަމަށެވެ.

ރައީސްގެ މެސެޖްގައި ވިދާޅުވީ އެކަކު އަނެކަކާ ބައްދަލުވާހިނދު، ހިތްހަމަޖެހުމާއި ހިނިތުންވުމާއެކު ބައްދަލުކޮށް ސަލާމްކޮށް އުޅުމަކީ، އެކަލޭގެފާނު މި އުންމަތަށް ދެއްވި އެންމެ އަގުހުރި އިރުޝާދު ކަމަށެވެ.

އަނެކުންނަށް އިހްތިރާމް ކުރުމާއި މައާފްކުރުމާއި ބަދަލު ނުހިފުމަކީ އެކަލޭގެފާނުގެ ސީރަތުން ދިވެހިންނަށް ދޫކުރެއްވި، އިންސާނީ އަހްލާގިއްޔާތުގެ އެންމެ ވިދުންގަދަ މުތީތައް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކޮންމެ ކަމެއްގައި ވެސް އަމަލާއި ބަހުން ތެދުވެރިވުމާއި އަމާނާތްތެރިވުމާއި ވަފާތެރިވުމަކީ ނަޒާހަތްތެރިކަމުގައި އެކަލޭގެފާނު ދެއްކެވި އެންމެ މަތީ މިންގަނޑު ކަމަށް ރައީސްގެ މެސެޖްގައިވެ އެވެ.

"މުސްކުޅިންނަށް ކަމޭހިތުމާއި ކުޑަކުދިންނަށް އޯގާތެރިވުމާއި އަވައްޓެރިންނަށް ހެޔޮ ފޯރުވުމާއި ފަގީރުންނާއި މިސްކީނުން އަދި ޔަތީމުންނަށް އެހީތެރިވުމަކީ އިޖްތިމާއީ އަދާލަތުގެ ތެރެއިން އެކަލޭގެފާނު ދެއްކެވި އެންމެ ރިވެތި ނަމޫނާތަކެވެ،" ރައީސްގެ މެސެޖްގައިވެ އެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި މުނާސަބާ ފާހަގަ ކުރާ އިރު، ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅަކީ، ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް، އެކަލޭގެފާނުގެ ހަޔާތްޕުޅުން ނަމޫނާ ލިބިގަތުން ކަމަށެވެ.

"އިންސާނެއްގެ ކިބައިގައި ހުންނަންވީ، އަހްލާގީ އެންމެ ރިވެތި ސިފަތައް، ފެންނަން އޮތީ އެކަލޭގެފާނުގެ ހަޔާތްޕުޅުންނެވެ. އިންސާނީ މުޖްތަމައެއްގައި އެންމެ ވަރުގަދަ އަށް ފަތުރައި ދަމަހައްޓަންވީ ސިފަތައް، އެކަލޭގެފާނު ވަނީ އަމަލީ ގޮތުން ދައްކަވައި ދެއްވައިފަ އެވެ،" ރައީސް ވިދާޅުވި އެވެ.