ފުވައްމުލަކުގައި ޑައިވިނަށް ގޮސް އުޅުނު ޗައިނާގެ ޓޫރިސްޓަކު މިއަދު މަރުވެއްޖެ އެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އިބްރާހިމް މުހައްމަދު "މިހާރު" އަށް ވިދާޅުވީ، މަރުވެފައި ވަނީ 25 އަހަރުގެ ޗައިނާ ފިރިހެނެއް ކަމަށެވެ. އެ މީހާ ހޮސްޕިޓަލަށް ގެންދިޔައީ ޑައިވިނަށް ގޮސް އުޅެނިކޮށް ހާލު ދެރަވެގެން ހެނދުނު 9:00 ހާއިރު ކަމަށް އިބްރާހިމް ވިދާޅުވި އެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހާ މަރުވީ، ޑައިވް ކުރުމަށް ފަހު ދޯންޏަށް އެރި ފަހުންނެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުދެއެވެ.
އިއްޔެ ވެސް ވަނީ ކަނޑުމަތީގައި ހާދިސާއެއްގައި ޓޫރިސްޓަކު މަރުވެފަ އެވެ. ކުޑަހުުވަދޫ ކަނޑުއޮޅީގައި ޑިންގީއެއް ބަނޑުޖަހާލި ހާދިސާގައި މަރުވީ ސްވިޑެންގެ ފިރިހެން ޓޫރިސްޓެކެވެ.
ޑައިވިނަށް ގޮސް އުޅުމުގެ ތެރޭގައި ޓޫރިސްޓުން މަރުވުމުގެ ހާދިސާތައް އާންމުކޮށް ހިނގަ އެވެ. މިފަދަ ހާދިސާތައް މަދުކުރުމުގެ ގޮތުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމާއި ޓޫރިސްޓުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ގެނބިގެން މަރުވާ ޓޫރިސްޓުންގެ ތެރޭގައި ޗައިނާ މީހުން ގިނަ އެވެ.