ޖޭއެސްސީގެ ނިންމުން ބާތިލް ކުރަން ސުޕްރީމް ކޯޓުން އުޅޭ ކަމުގެ ތުހުމަތު

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ސަސްޕެންޑްކޮށް، އެ ދެ ބޭފުޅުން ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން މިއަދު ނިންމި ނިންމުން ބާތިލް ކުރަން ސުޕްރީމް ކޯޓުން އުޅޭ ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ތުހުމަތު ކުރައްވައިފި އެވެ.


ޖޭއެސްސީން ބުނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމްއާ ގުޅޭގޮތުން އެ ކޮމިޝަނުން ބެލި މައްސަލަތަކުގައި ފަނޑިޔާރެއްގެ ސުލޫކީ ސިފަތައް ނެތިގެންދާނެ ފަދަ އަމަލުތަކެއް ހިންގަވާފައިވާ ކަމަށް އެ ކޮމިޝަންގެ ތަހުގީގު ކޮމެޓީއަށް ސާބިތުވެފައިވާ ކަމަށެވެ. އެހެންވެ އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހަށް ފޮނުވަން އެ ކޮމިޝަނުން މިއަދު ވަނީ ނިންމައިފަ އެވެ.

މަޖިލީހުގެ ޖުޑީޝަލް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ޖޭއެސްސީން ފިޔަވަޅު އަޅާފައި ވަނީ އެ ކޮމިޝަނަށް ލިބިދޭ ބާރުތަކުގެ ތެރެއިން ކަމަށެވެ.

އޭނާ ވިދާޅުވީ، ޖޭއެސްސީން ފިޔަވަޅު އެޅުމުން، އެ މައްސަލަ ހުށަހަޅަން ފަނޑިޔާރުންނަށް ފަނޑިޔާރުންނަށް ވަޑައިގެންނެވޭނެ ކޯޓެއް ގާނޫނު ބުނާގޮތުން ނޯންނާނެ ކަމަށެވެ. ނަމަވެސް ޖޭއެސްސީގެ މިއަދުގެ ނިންމުންތަކާ ގުޅިގެން ފިޔަވަޅުތަކެއް އަޅަން ސުޕްރީމް ކޯޓުން މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ.

"ޖޭއެސްސީން ފިޔަވަޅު އެޅީމައި އެ މައްސަލަ ހިފައިގެން އެ ފަނޑިޔާރަކު އިންނަ ކޯޓަކަށް މައްސަލަ އެޕީލް ކުރުމުގެ ފުރުސަތު ދިނުމަކީ ހަމަޖެހޭ އުސޫލެއް ނޫން. އެހެންވެ، ޖޭއެސްސީގެ ގާނޫނަށް އެ އިސްލާހު ގެނެސް ފާސްކޮށްފައި ވަނީ،" ހަސަން ވިދާޅުވި އެވެ.

"އެ ނިންމުންތަކަކީ ސައްހަ ނޫން ނިންމުންތަކެއް ގޮތަށް އެއްވެސް ފަރާތަކުން އެކަމާ ދޭތެރޭ މަސައްކަތް ކުރަން އުޅުއްވާ ކަމަށް ވަންޏާ އެއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް."

ހަސަން ވިދާޅުވި ގޮތުގައި، ޖޭއެސްސީގެ މަސައްކަތަށް ފަނޑިޔާރުން ހުރަސް އަޅުއްވަ އެވެ. އަދި އެއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމެއް ކަމަށް ވިދާޅުވި އެވެ.

ޖުޑީޝަރީ ކޮމިޓީގެ ނައިބު މުގައްރިރު، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ ޖޭއެސްސީން ގޯސްކޮށް ކަމެއް ކުރާ ނަމަ އެކަން ބަލައި އެ ކޮމިޝަން ޖަވާބުދާރީ ކުރުވާނީ މަޖިލީހުން ކަމަށެވެ. އެއީ ކޯޓުތަކުގެ ޒިންމާއެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

އަދި ފަނޑިޔާރަކު ވަކިކުރަން ޖޭއެސްސީން ކަނޑައަޅައިފި ނަމަ އެކަމާ އެހެން އެއްވެސް ފަރާތަކަށް ގޮންޖަހައި ނުލެވޭނެ ކަމަށާއި އެއީ މަޖިލީހުގެ ބާރެއް ކަމަށް ސިރާޖް ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމިއިރު، އުއްތަމަ ފަނޑިޔާރު ވަނީ ޖޭއެސްސީން ބަލަމުންދާ މައްސަލަތަކަކީ އެ ކޮމިޝަނަށް ބެލޭނެ މައްސަލަތަކެއް ނޫން ކަމަށް ވިދާޅުވެ، ކޮމިޝަނަށް ޖަވާބުދާރީވެ ވަޑައިގަންނަވަންޖެހޭ ސަބަބެއް ނެތް ކަމަށް އެ ކޮމިޝަނަށް އަންގަވައިފަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވުމަށް މިދިޔަ އަހަރު އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރެއްވީ ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމިއިރު އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ވެސް ދާދިފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.