ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ މަސްވެރިކަން ކުރަމުން ދަނިކޮށް އަތުލައިގަތް ސްރީ ލަންކާގެ ހަތް މަސް ބޯޓް ދޫކޮށްލަން ދިވެހި ސަރުކާރުން ނިންމައިފި އެވެ.
ރާއްޖޭގެ ސަރަހައްދަށް ގަވައިދާ ޚިލާފަށް ވަދެ މަސްވެރިކަން ކުރަން އުޅޭ ބޯޓް ފަހަރު ދޭތެރެ ދޭތެރެއިން އަތުލައިގަނެ އެވެ. އޭގެ ތެރެއިން އެންމެ ގިނައީ ލަންކާ އާއި އިންޑިއާގެ ބޯޓް ފަހަރެވެ.
މިދިޔަ ހުކުރު ދުވަހު ވަނީ ލަންކާގެ ހަތް މަސް ބޯޓެއް ރާއްޖެ ސަރަހައްދުން އަތުލައިގެންފަ އެވެ. އަދި އިއްޔެ ވެސް ބޯޓެއް އަތުލައިގަތެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް ސިފައިން އަދިއެއް ނުބުނެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި ފަހުން އަތުލައިގަތް ލަންކާގެ ހަތް މަސް ބޯޓެއް މިހާރު ވަނީ ދޫކޮށްލައިފަ އެވެ. ދޫކޮށްލި ސަބަބެއް ދިވެހި ސިފައިން އަދި ފޮރިން މިނިސްޓްރީ އަކުން ވެސް ނުބުނެ އެވެ.
ގަވައިދާ ހިލާފަށް ރާއްޖެ ސަރަހައްދުން މަސްވެރިކަން ކުރާ އުޅަނދު ފަހަރު ދޫކުރާތީ މަސްވެރިން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ފިޔަވަޅެއް ނާޅައި އެގޮތަށް ދޫކުރާ ނަމަ ގަވައިދާ ހިލާފަށް ވަދެ މަސްވެރިކަން ކުރުން އިތުރުވާނެ ކަމަށް އެ މީހުން ބުނެ އެވެ.
"ދޫކުރަންޏާ ލަންކާ މަސްވެރިން ޖެހިލުމެއް ނުވާނެ ދެއްތޯ ދެން ވެސް [ރާއްޖެ ސަރަހައްދަށް] ވަދެ ދާ އަޅާކަށް. ނޫނީ މަސްވެރިކަން ކުރާކަށް،" ކަމާ ގުޅުން ހުރި އިދާރާއެއްގެ ވެރިއަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވި އެވެ.
ބޭރުގެ މަސްވެރިން ރާއްޖެ ސަރަހައްދަށް ވަންނައިރު ރާއްޖޭގެ މަސްވެރިން ވެސް އަވަށްޓެރި ގައުމުތަކުގެ ސަރަހައްދަށް ވަންނަ މައްސަލަ ބޮޑުވެފައިވާ ކަމަށް އެމްއެންޑީއެފުން ކުރިން ވަނީ ބުނެފަ އެވެ.