ނިދާފައި އިނދެ ބަސް ދުއްވި ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

އެމްޓީސީސީގެ ބަހެއް ފަރުވާކުޑަކޮށް ދުއްވި މައްސަލައެއްގައި އެ ބަސް ދުއްވި ޑްރައިވަރު ފުލުސް އޮފީހަށް ހާޒިރުކޮށް އޭނާގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ހުޅުލެ އާއި ހުޅުމާލެއާ ދެމެދުގައި ދަތުރުކުރާ އެމްޓީސީސީގެ ބަހެއްގައި އިން ޑްރައިވަރަކު ނިދާފައި އިން ކަމަށް ބުނެ، އާންމުންގެ މީހަކު ވަނީ ސޯޝަލް މީޑިއާގައި ވީޑިއޯއެއް ހާމަކޮށްފަ އެވެ. އެކަމަކު، އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެމީހާ ބަސް ދުއްވަމުން ފޯނާ ދިޔައީ ކުޅެމުންނެވެ.

ވީޑިއޯ އާންމު ކުރި މީހާ ބުނި ގޮތުގައި ޑްރައިވަރު ފުރަތަމަ އިނީ ނިދައިފަ އެވެ. އަދި އެމީހާ ހޭލީ ޓިކެޓު ވިއްކަން ހުރި ކޮންޑަކްޓަރު ގައިގައި ކޮއްޓާލީމަ ކަމަށް ވެސް އޭނާ ބުނެފައި ވެ އެވެ. އެ ޑްރައިވަރު ހޭލުމަށް ފަހު، ދެން އިނީ ފޯނާ ކުޅެން ކަމަށް ބުނެ، އެކަން ފުލުހުންގެ ސަމާލު ކަމަށް އޭނާ ގެނަ އެވެ.

ފުލުހުން ބުނީ ޑްރައިވަރު ހޯދުމަށް ފަހު، ޓްރެފިކް ޕޮލިހަށް ހާޒިރުކޮށް ފޯނުން ވާހަކަ ދައްކަމުން ބަސް ދުއްވި މައްސަލައިގައި ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ. އަދި ލިޔުމުން ނަސޭހަތްތެރިވެ، އިންޒާރު ދިން ކަމަށް ފުލުހުން ބުނި ކަމުގައިވިޔަސް، ލައިސަންސް ހިފެހެއްޓީ ކިހާ ދުވަހަކަށް ކަމެއް ފުލުހުން ނުބުނެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ލައިސަންސް ހިފެހެއްޓީ ދިވެހި ޑްރައިވަރެއްގެ އެވެ.

ވީޑިއޯ އާންމުވުމާ ގުޅިގެން ގިނަ ބަޔަކު ހިތްހަމަނުޖެހިފައި ތިބީ އެމްޓީސީސީއާ ދޭތެރޭގަ އެވެ. ޓުވިޓާގައި ހިޔާލު ފާޅުކުރި އެކަކު ބުނީ ޑްރައިވަރުން ޑިއުޓީގައި އުޅޭ އިރު، ފޯނު ބޭނުން ކުރުން މަނާ ކުރަން ޖެހޭ ކަމަށެވެ. އެއް އަތުގައި ފޯނު އޮވެފައި، އަނެއް އަތުން ހުންގާނުގައި ހިފަހައްޓައިގެން ބަސް ދުއްވުމަކީ ފަސިންޖަރުންނާއި އެހެން އުޅަނދުތަކަށް ކުރިމަތިވެދާނެ ނުރައްކަލެއް ކަމަށް އެކަކު ބުންޏެވެ.

އާދަމް ޝަރީފް ނަމުގައި ޓުވިޓާގައި ހިޔާލު ކުރި މީހަކު.

"އަސްލު ފޯނާއި ނިދުމުގައި މި މީހުން ވެސް ތިބެނީ. ދެން އެހެން މީހުން ފުނޑާލާފައި، ފުރާނަ ދުއްވާލާފައި ބުނަނީ ނުފެނުނޭ. މިހުރީ ސީރިއަސް މައްސަލަ. މި މީހުން ޖެހޭނީ ހުއްދަ ބާތިލްކޮށްފައި ދުއްވުމާ އެކަހެރި ކުރަން،" އާދަމް ޝަރީފް ނަމުގައި ޓުވިޓާގައި ހިޔާލު ފާޅުކުރި މީހަކު ބުންޏެވެ.

ފަރުވާކުޑަކޮށް ބަސް ދުއްވި ޑްރައިވަރެއްގެ މައްސަލައިގައި ފުލުހުން ފިޔަވަޅު އެޅި އިރު، ހުޅުމާލޭގައި ބްރިޖަށް އަރާ މަގުގައި މިދިޔަ މަހު ބަހަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓަކާ ގުޅިގެން ބަސް ދުއްވަން އިން ޑްރައިވަރު ހައްޔަރު ކުރި އެވެ. އެކަމަކު، އޭނާ ފަހުން ވަނީ ދޫކޮށްލައިފަ އެވެ.

މި އަހަރުގެ ރޯދަ މަހު ހުޅުމާލޭގައި ދުއްވާފައި ދިޔަ އެމްޓީސީސީގެ ބަހަކުން ޖެހި ޔޫކްރެއިންގެ އަންހެން ޓޫރިސްޓަކު ވެސް މަރުވެފައިވެ އެވެ. އެ އެކްސިޑެންޓު ހިނގީ ޑްރައިވަރަށް ނިދި ޖެހުމުންނެވެ. އެ އެކްސިޑެންޓުގައި މަރުވީ ފަތިހު ހިނގާލަން ނުކުމެ އުޅުނު ޓޫރިސްޓެކެވެ.