އެކްސިޑެންޓެއް ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ: ވައިކަރަދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އެކަކަށް ދަނީ އައިސީޔޫގައި ފަރުވާ ދެމުން -- ފޮޓޯ/މިހާރު
16 ޑިސެމްބަރ 2019 - 21:01
ހދ. ވައިކަރަދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހެއްގެ ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ މިރޭ ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންގެ ތެރެއިން އުމުރުން 48 އަހަރުގެ ފިރިހެން މީހާގެ ބޯ ފަޅައިގެން ގޮސް، ހާލު ސީރިއަސްވުމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
އެ ހާދިސާގައި ދެން އަނިޔާވީ އުމުރުން 20 އަހަރުގެ ފިރިހެނަކަށެވެ. އެ މީހާ އަށް ވައިކަރަދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު އޭނާ ވެސް އިތުރު ފަރުވާ އަށް ކުޅުދުއްފުށްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓުވި ދެ މީހުންގެ އަތުގައި ވެސް ޑްރައިވިން ލައިސަންސެއް ކަމަށް ފުލުހުން ބުނެ އެވެ.
"މި އެކްސިޑެންޓު ހިނގާފައި ވަނީ ފުލުހުން ނުތިބޭ ރަށެއްގައި، އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބު އޮޅުން ފިލުވުމަށް ތަހުގީގު ދަނީ ކުރިއަށް،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރު
17 December 2019
މީގެކުރިން އަޑުއިވެނީ މާލެ އައްޑޫ ލާމު ފުވައްމުލައް ތިނަދޫ ފަދަ ރަށްތައް. މިހާރު މިކަންވެސް ފުޅާވަނީހެން ހީވޭ.
ފާނު
17 December 2019
ތަހުޒީބުނޫން ތަންތަނުގަ މިހެންވާނެ...