ލޯންޗަކާއި ޑިންގީއެއް ޖެހި، މީހަކު ގެއްލިގެން ހޯދަނީ

ބ. ދޮންފަނު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި މިރޭ ހިނގި އެކްސިޑެންޓެއްގައި މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.


ގެއްލިފައި ވަނީ އޭދަފުށީ، މުސްތަރީގޭ އުމުރުން 41 އަހަރުގެ ނަސްރުﷲ އަބްދުﷲ އެވެ. ޑިންގީގައި ދެން ތިބީ އުމުރުން 42 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނެކެވެ. އެ ދެ މީހުންނަށް މި އެކްސިޑެންޓުގައި ލިބިފައިވާ އަނިޔާތަކަށް، ދަރަވަންދޫ ސިއްހީ މަރުކަޒުގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން އެކެއްގެ ބޯ ފަޅައިގެން ގޮސް އަތާއި ފައި ވަނީ ޒަހަމްވެފަ އެވެ.

ދަރަވަންދޫ މީހަކާ އިނދެގެން އުޅޭ ނަސްރުﷲ ރަށަށް ގޮސް އުޅެނީ ޗުއްޓީއެއްގައި ކަމަށް އޭނާގެ ގާތް މީހުން ބުނެ އެވެ. އޭނާ ވަޒީފާ އަދާކުރަނީ މާލޭގައި ބްރައިޓް ބްރަދާސްގަ އެވެ.

ނަސްރުﷲ އޭނާގެ އަންހެނުންގެ ދެ ބޭބެއާ އެކު ޑިންގީ ގައި ނުކުތީ މަސްވެރިކަން ކުރަން ކަމަށް ވެ އެވެ.

އެމްއެންޑީއެފުން ބުނީ ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި ގެއްލުމު މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށާއި ފުލުހުންނަށް ލިބިފައި ވަނީ މިރޭ 7:00 ޖަހާކަންހާއިރު ކަމަށް އެ ދެ މުއެއްސަސާ އިން ވެސް ބުންޏެވެ.

ބ. ދޮންފަނު ކައިރިން އެކްސިޑެންޓްވި ސަރަހައްދު.

އެކްސިޑެންޓްވީ ބ. ދަރަވަންދޫން ފުރައިގެން ދިޔަ ޑިންގީއަކާއި ބ. އޭދަފުށިން ދިޔަ ލޯންޗެއް ޖެހިގެންނެވެ. ގެއްލިފައި ވަނީ ޑިންގީގައި ތިބި ތިން މީހުންގެ ތެރޭން އެކެކެވެ. އަނެއް ދެ މީހުން ވަނީ ލޯންޗަށް ނަގައިފަ އެވެ. އެކްސިޑެންޓުގައި ޑިންގީ ވަނީ އަޑިއަށް ގޮސްފަ އެވެ.

ފުލުހުން ބުނީ ގެއްލުނު މީހާ ހޯދަން ފުލުހުންގެ ލޯންޗަކާއި އާއްމުންގެ ދޯންޏެއްގައި ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެމްއެންޑީއެފުން ބުނީ ގެއްލުނު މީހާ ހޯދަން ނޯދަން އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަން އިން ވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ. މީގެ އިތުރުން ޑުސިޓް ތާނީ ރިސޯޓުގެ ޑައިވިން ޓީމަކާއި ދަރަވަންދޫގެ ޑައިވިން ޓީމަކުން ވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އެމްއެންޑީއެފުން ބުނީ ޑައިވަރުން ދަނީ ނައިޓް ވިޝަން ކެމެރާ ބޭނުން ކުރަމުން ކަމަށެވެ.

އެކްސިޑެންޓްވި ކަމަށް ލަފާ ކުރެވެނީ ފަރު ކައިރިން ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ. މަސްބާނާ ކަންވާރުތަކެއް ފެނުމާ ގުޅިގެން، އެ ސަރަހައްދު މިހާރު ދަނީ އިތުރަށް ބަލަމުންނެވެ.