ފަރަށް އެރި ދޯނީގެ ކައްޕި ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި

މާލެ އަތޮޅު ކަގި ކައިރީގައި އޮންނަ ފަރަށް އުރިފައިވާ "ޓީޓީއެސް ފާނަ" ދޯނީގެ ކައްޕި މުހައްމަދު ޔޫސުފް ހޯދަން އެމްއެންޑީއެފް ކޯސްޓް ގާޑުން ބޮޑު ސަރަހައްދެއް ބަލައިފި އެވެ.


އެމްްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ އިބްރާހީމް އާޒިމް މިއަދު ވިދާޅުވީ، މިދިޔަ އާދިއްތަ ދުވަހު އުރުނު ދޯނި އޮތް ސަރަހައްދަށް ޑައިވް ކޮށްގެންނާއި ވައިގެ މަގުން މިހާތަނަށް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އެކަމަކު، މުހައްމަދު އަދިއެއް ނުފެނެ އެވެ.

ހދ.ކުޅުދުއްފުށި، ހަވީރީނާޒް، މުހައްމަދު 37، ގެއްލުނުކަން ދޯނީގެ ފަޅުވެރިން ކޯސްޓް ގާޑަށް އެންގީ މިދިޔަ ހޯމަ ދުވަހު ހެނދުނެވެ. ދޯނި ފަރަށް އަރާފައި އޮތްކަން އެނގުނީ އޭނާ ހޯދަން ސިފައިން އެ ސަރަހައްދަށް ދިއުމުންނެވެ. ނަމަވެސް، އެ ސަރަހައްދުން ދަތުރުކުރި ބައެއް އުޅަނދުތަކުގެ ކައްޕިން ބުނާ ގޮތުގައި އެ ދޯނި ފަރަށް އެރީ މިދިޔަ އާދީއްތަ ވިލޭރޭ ފަތިހު އެވެ.

މުހައްމަދު ގެއްލުނު ގޮތް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ތަހުގީގު ކުރިއަށް ގެންދާތީ އަދި ވަކި އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ.

އެނގިފައިވާ ގޮތުގައި މުހައްމަދު ގެއްލުނު ހާދިސާގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް އެބަހުއްޓެވެ.

ދޯނި ފަރަށް އެރިތާ މާ ފަހުން ސިފައިންނަށް ރިޕޯޓް ކުރުމާއި ކައްޕި ގެއްލުނު ގޮތާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އޭނާ މޫދަށް ވެއްޓުނީ ކަމެއް ނުވަތަ އަމިއްލަ އަށް މޫދަށް ފައިބައިގެން އުޅެނިކޮށް ގެއްލުނީ ކަމެއް ވެސް ސާފެއް ނުވެ އެވެ.

މުހައްމަދު ހޯދަން އެމްއެންޑީއެފްގެ ޑައިވަރުން ފީނާ ސަރަހައްދު، އެމްއެންޑީއެފުން ވަނީ މީޑިއާއާ ހިއްސާކޮށްފަ އެވެ. އެ ޗާޓުން ފެންނަނީ، ދޯނި ފަރަށް އަރާފައި ހުރި ހިސާބުން، ކަތްގާ ދިމާއަށް ޑައިވަރުން ފީނަމުން، ހޯދަމުން ދާ ކަމެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ ކަގި ކައިރިއަށް ދާން އޭނާ ފީނި ކަމެވެ.

"ޓީޓީއެސް ފާނަ" ދޯނީގެ ކައްޕި ހޯދުމަށް، މާލެ އަތޮޅު ކައިރީގައި އޮންނަ ފަރުގެ ސަރަހައްދު އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މިއަދު ބަލަނީ.---ފޮޓޯ: އެމްއެންޑީއެފް

މުހައްމަދު މޫދަށް ފޭބި ނަމަ އެކަން ދޯނީގައި ތިބި ދެ ފަޅުވެރިންނަށް އެނގޭނެ އެވެ. އެމްއެންޑީއެފާއި ފުލުހުން މާ ގިނަ މައުލޫމާތުތަކެއް ހާމަނުކުރިޔަސް، އެ ސަރަހައްދު ބަލަން ޑައިވަރުން މަސައްކަތް ކުރާނީ އޭނާ ކަނޑަށް ފައިބައިގެން ފަތާފައި ދިޔަ ކަމުގެ މައުލޫމާތު ދެ ފަޅުވެރިން ދިނުމުން ކަމަށް ބެލެވެ އެވެ.

ޓީޓީއެސް ފާނަ ދޯންޏަކީ މުދާ އުފުލުމާއި މުދާ ރައްކާ ކުރުމުގެ މަސައްކަތް ކުރާ ޓީޓީއެސް ކުންފުނިން ދުއްވާ އުޅަނދެކެވެ. އެއީ ދިގު މިނުގައި ގާތްގަނޑަކަށް 100 ފޫޓް ހުރި ދޯންޏެކެވެ. ދޯނި ފުންކުރުމުގެ މަސައްކަތް ޓީޓީއެސް އިން މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.

"ޓީޓީއެސް ފާނަ" ދޯނީގެ ކައްޕި ހޯދުމަށް، މާލެ އަތޮޅު ކައިރީގައި އޮންނަ ފަރުގެ ސަރަހައްދު އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މިއަދު ބަލަނީ.---ފޮޓޯ: އެމްއެންޑީއެފް

ދޯނި ފަރަށް އެރީ މުދާ ހިފައިގެން ދަތުރުކުރަނިކޮށް ކަަމެއް ނުވަތަ މުދާ ހުސްކޮށްފައި މާލެ އަންނަނިކޮށް ކަމެއް، ޓީޓީއެސް އަކުން ނުބުނެ އެވެ. އެ ކުންފުނިން ބުނީ ފުލުހުން މައްސަލަ ބަލަމުން އަންނާތީ އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

ދޯނީގެ މެދުގައި ހުރި އެއްޗެހި ތަކެއްގައި ނޫ ކުލައިގެ ސަތަރިގަނޑެއް އަޅައި ނިވާކޮށްފައި ހުރި ތަން އެމްއެންޑީއެފުން އާންމުކުރި އެއް ފޮޓޯއިން ފެނެ އެވެ.