މާލެ އަތޮޅު ފަރަކަށް މިއަދު ހެނދުނު އެރި ދޯންޏެއްގެ ދިވެހި ކައްޕި ގެއްލިގެން ހޯދަން ފަށައިިފި އެވެ.
އެމްއެންޑީއެފުން ބުނީ "ޓީޓީއެސް ފާން" ނަމަކަށް ކިޔާ ދޯނި މާލެ އަތޮޅު ކަގި ކައިރިން ފަރަށް އެރިކަމުގެ ރިޕޯޓް ލިބުނީ ހެނދުނު 8:00 އެހާކަށް ހާއިރު ކަމަށެވެ. ގެއްލުނު ކައްޕީގެ އިތުރުން ދޯނީގަަި ދެން ތިބީ ބިދޭސީ ދެ ފަޅުވެރިންނެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ އުމުރުން 37 އަހަރުގެ ކައްޕި ހޯދުމުގެ މަސައްކަތް ކޯސްޓް ގާޑުން ކުރަމުން އަންނަ ކަމަށެވެ.
އޭނާ ގެއްލުނީ ދޯނި ފަރަށް އެރުމުން ހާލަތު ބަލަން މޫދަށް އެރި އުޅެނިކޮށް ކަމެއް ނުވަތަ ދޯނީގައި ހުއްޓާ ކަނޑަށް ވެއްޓިގެން ކަމެއް އަދި ސާފެއް ނުވެ އެވެ.
ކައްޕީގެ ދަބަހާއި ފޯނު ދޯނީގައި އޮތް ކަމަށް އާޒިމް ވިދާޅުވި އެވެ.
މިދިއަ ބުރާސްފަތިދުވަހުގެ ރޭ، ބ. އަތޮޅު ދޮންފަނު ކައިރިން ޑިންގީއަކާއި ލޯންޗެއް ޖެހިގެން ހިނގި އެކްސިޑެންޓްގައި، ޑިންގީގައި އިން ނަސްރުﷲ އަބްދުﷲ، 41، ގެއްލިގެން ހޯދުމުގެ މަސައްކަތް މިހާރު ވެސް ސިފައިން އަަންނަނީ ކުރަމުންނެވެ. އެ އެކްސިޑެންޓް ހިނގީ އޭނާ އާއި އޭނާގެ އަންހެނުންގެ ދެ ބޭބެއަކު މަހަށް ނުކުމެ އުޅެނިކޮށެވެ.