މެމްބަރުންނަށް ހިތްހަމަޖެހުން ނުލިބުމުގެ ސިއްރަކީ އިއްތިހާދު: ނަޝީދު

އެމްޑީޕީ ވެރިކަމުގައި އޮތް ނަމަވެސް އެ ޕާޓީގެ އާއްމު މެމްބަރުންނަށް ހިތްހަމަޖެހުން ނުލިބުމުގެ ސިއްރަކީ އެމަނިކުފާނަށް ވިސްނިވަޑައިގަންނަވާ ގޮތުގައި ކޯލިޝަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


ކައުންސިލްގެ އިންތިޚާބުގެ ކެމްޕޭނަށް ތިލަދުންމައްޗަށް ކުރައްވާ ދަތުރުގައި ހއ. އިހަވަންދު އަށް ވަޑައިގެން ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނާއި ޑިމޮކްރަސީ އާއި ގައުމުގެ ހެވަޔަށްޓަކައި އެ ޕާޓީގައި ޒަމާންތަކެއް ވަންދެން އުޅުނު މީހުންނަށް ވެސް ހައްގުވާ މިންވަރު ނުލިބޭ ކަމަށެވެ. އެއީ، އެ ބައި އެހެން ތަންތަނަށް އަޅަން ޖެހޭތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވެރިކަން އުފެދިގެން އައީ އެ އިންތިޒާމްގެ ތެރެއިން ކަން ނަޝީދު ފާހަގަކުރެއްވި އެވެ. އެ މަނިކުފާނު އެ އިޝާރާތް ކުރެއްވި ކޯލިޝަން އުފެއްދީ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަޕޯޓަރުން ހިމެނޭ ގޮތުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް މި ކޯލިޝަން އުފެއްދީ، ރިޔާސީ އިންތިޚާބު ބޯމަތިވި އިރު ރާއްޖޭގެ ހާލަތު އޮތް ގޮތުން، އިންތިޚާބު ކާމިޔާބު ކުރެވެން އޮތް ހަމައެކަނި ގޮތަކީ ކޯލިޝަނަކުން ކަމަށް ވާތީ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ކޯލިޝަނުން ވެރިކަން އުފެދުނު ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާ ރައްޔިތުން ދެއްކީ އެހެން ގޮތަކަށެވެ.

"ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އަޅުގަނޑުމެން ދިޔައީ [އެމްޑީޕީ] އެކަނި. އެ އިންތިޚާބުގެ ނަތީޖާ މާ ސާފުކޮށް ކިޔައިދިން ރާއްޖޭގެ ރައްޔިތުން އެދި ގޮވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަށް ކަން،" ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ 87 ގޮނޑީގެ ތެރެއިން އެމްޑީޕީން ވަނީ 65 ގޮނޑިއާ އެކު ސާފު އަޣުލަބިއްޔަތު ހޯދައިފަ އެވެ. މީގެތެރެއިން އެމްޑީޕީ އަށް ބައެއް ގޮނޑިތައް ނުލިބި ދިޔައީ ވެސް މަދު ވޯޓުކޮޅެއްގެ ތަފާތުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ރާއްޖޭގެ ރައްޔިތުން ތިބި ގޮތް އެ އިންތިހާބުން ސާފުވެއްޖެ. ރައްޔިތުން ނެތް ގޮތަކަށް ރާއްޖޭގެ ވެރިކަމެއް ނޯންނާނެ. ރައްޔިތުންގެ ފިކުރު، ހިޔާލު އޮތް ގޮތަކަށް މި ރާއްޖޭގެ ވެރިކަން ތަރުތީބުވެގެން ދާން ޖެހޭނީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މަޖިލީސް އިންތިޚާބެކޭ އެއްގޮތަށް ކައުންސިލް އިންތިޚާބު ވެސް އެމްޑީޕީ އަށް ދޭން ޖެހޭ ސަބަބަކީ ރައްޔިތުން އެދޭ ގޮތަށް ވެރިކަން ހިންގުމެވެ. އެގޮތަށް ކަންކަން ތަރުތީބުކޮށްގެން އެމްޑީޕީ ނޫން ބަޔަކަށް ހިންގަން ނޭނގޭނެ ކަމަށް ވިދާޅުވި އެވެ. ޕީޕީއެމުން ވެރިކަން ކުރިއިރު މާލެ އަށް ބާރުތައް ޖަމާކޮށް ވެރިންގެ މުށުތެރެއަށް ލައްވައިގެން ލާމަރުކަޒީ ނިޒާމް ހަލާލުކުކޮށް ބަލިކަށި ކުރި މިންވަރު ރައްޔިތުންނަށް ފެންނާނެ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ ލާމަރުކަޒީ ނިޒާމް ވަރުގަދަ ކުރުން ކަަމަށާއި މުޅި އެ ނިޒާމަކީ އެ ޕާޓީގެ ވިސްނުމެއް ކަމަށެވެ. އެމްޑީޕީއާ އެކުގައި އެހެން ޕާޓީތަކަކަށް ވެސް އެ މަސައްކަތް ނުހިންގޭނެ ކަމަށް ވިދާޅުވި އެވެ.

"އެ ޕާޓީތަކުގައި އެ ވިސްނުމެއް ނެތް. އެއީ އެ ޕާޓީތައް ހިންގަން އެ ޕާޓީތައް ގަސްތުކުރާ ގޮތެއް ވެސް ނޫން. އިހަވަންދޫގެ ރައްޔިތުންގެ ފަރާތުން ވެސް އަޅުގަނޑު އެދެން، އަޅުގަނޑަށް ވަރަށް ސާފު ތިޔަބޭފުޅުން އެދޭ ވަރަށް ގިނަ ކަންކަން ނުވެ ހުރި ކަން. އެކަމަކާ ގުޅޭ ގޮތުން އަޅުގަނޑުގެ ހިތުގައި ޝައްކެއް ނުހިންގާ،" ނަޝީދު ވިދާޅުވި އެވެ.

ކައުންސިލް އިންތިޚާބުގެ ބޭނުންތެރިކަން ބޮޑުވެގެން ދަނީ ވެސް މި ދެންނެވި ސަބަބަށްޓަކައި. އިއްތިހާދުގެ އިންތިޒާމްތަކުގެ ތެރޭގައިތޯ ސަރުކާރު އޮންނާނީ ނުވަތަ އެމްޑީޕީގެ ރިޔާސަތެއްގެ ގޮތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހްގެ ޒައާމަތުގައި ހިންގާ ސަރުކާރެއްގެ ގޮތުގައި. --ނަޝީދު

އެމަނިކުފާނު ތަކުރާރު ކުރެއްވި ގޮތުގައި ރައްޔިތުން ތިބި ގޮތް އިންތިޚާބުތަކުން އޮތީ ފެންނާށެވެ. އެ ޕާޓީން މަސައްކަތްކުރާނީ އަޣުލަބިއްޔަތު އެދޭގޮތަށް ކަމަށް ވިދާޅުވި އެވެ.

ނަޝީދު އިހަވަންދޫގައި: ކައުންސިލް އިންތިޚާބު ވެސް އެމްޑީޕީ އަށް ދޭން ޖެހޭ ސަބަބަކީ ރައްޔިތުން އެދޭ ގޮތަށް ވެރިކަން ހިންގުމަށް ކަމަށް ވިދާޅުވި. --ފޮޓޯ/އެމްޑީޕީ

ގާނޫނަށް ގެނައި އިސްލާހާ އެކު ކައުންސިލްތަކަށް ބޮޑު ބާރުވެރިކަމެއް ލިބި މަޝްރޫއުތައް ވެސް ބިޑަށް ހުޅުވާލައި އަމިއްލަ އަށް ހިންގުމުގެ ބާރު ލިބިފައިވާ ކަން ފާހަގަކުރައްވައި ވިދާޅުވީ ކައުންސިލްތަކުން ފެންނާނެ އެންމެ ބޮޑު ބަދަލަކީ އެއީ ކަމަށެވެ. ކައުންސިލުން ސަރުކާރާ އެކު ހިންގާ އެ މަޝްރޫއުތަކުގެނަތީޖާ އަކަށް ވާނީ ތަރައްގީ އާއި ކުރިއެރުމުގެ އިތުރުން ރަށުގައި ވަޒީފާގެ ފުރުސަތު ތަނަވަސްވުން ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެފަދަ އެއް މަޝްރޫއަކީ ގޭދޮށު މަސް ޕްލާންޓް ހެދުން ކަމަށާއި އިހަވަންދޫގެ ގޭގެއަށް މިއަދު އެމަނިކުފާނު ވަޑައިގެންނެވި އިރު މަސް ކައްކާ ތިން ގެއެއް ފެނިވަޑައިގެންނެވި ކަމަށެވެ. ދޮށީ މަސްވެރިކަން ދަށްވެ، އެންމެންހެން ކަންނެއްޔަށް އަމާޒު ހިފާފައިވީ ނަމަވެސް އާމްދަނީ އެހާ ރަނގަޅު ނޫން ކަމަށް ވިދާޅުވި އެވެ.

ސަބަބަކީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، ކަންނެލީގެ މަސްވެރިކަމުގައި ވާދަވެރި ކަމެއް ނެތުމެވެ. އެކަމަކު ގޭދޮށު މަސް ޕްލާންޓްތައް ހެދުމުން އެކަން ބަދަލުވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.