އަދީބުގެ ވަކީލުގެ އެދިވަޑައިގަތުމަށް ޝަރީއަތް ކެންސަލް

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރާ ތުހުމަތާ ގުޅިގެން މިއަދަށް ތާވަލް ކުރި ޝަރީއަތް، އޭނާގެ ގާނޫނީ ވަކީލްގެ އެދިވަޑައިގަތުމަށް ކެންސަލް ކޮށްފި އެވެ.


ކްރިމިނަލް ކޯޓުގައި މިއަދު މެންދުރު 2:00 އަށް ތާވަލް ކުރި ޝަރީއަތުގެ އަޑުއެހުން ކެންސަލްކުރީ، މައްސަލަ ދިރާސާކުރަން އިތުރު ވަގުތު ބޭނުންވާ ކަމަށް ކޯޓަށް އެންގުމުން ކަމަށް އެނގިފައިވެ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އަދީބަށް ދައުލަތުން ހަތް ދައުވާއެއް ކުރެ އެވެ. އެއީ ޚިޔާނާތްތެރި ވުމުގައި ބައިވެރިވުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑްރިންގެ ދެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދައުވާއެއްގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެކެވެ.

އޭގެ ތެރެއިން މިއަދަށް ތާވަލްކުރީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދައުވާއެއްގެ ޝަރީއަތް ފެށުމެވެ.

އެ މައްސަލަތަކުގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ.

އަދީބުގެ މައްޗަށް ތަފާތު ތިން މައްސަލައެއްގައި ކުރިން 33 އަހަރުގެ ޖަލު ހުކުމެއް އިއްވިޔަސް، ފަހުން މަތީ ކޯޓުތަކުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ. އެކަމަކު އޭނާއާ ދެކޮޅަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި މައްސަލައެއްގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓަން އަމުރެއް ނެރެފައި ވަނިކޮށް ބޯޓެއްގައި ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން އުޅުނު މައްސަލާގައި ތިން މަހުގެ ޖަލު ހުކުމެއް އޭނާއަށް އިއްވި އެވެ. އެ ހުކުމް މިހާރު ވަނީ ތަންފީޒުކޮށް، ނިމިފަ އެވެ.