އަންހެން ކުދިން ހިތާނުކުރުމާ ގުޅޭ ގޮތުން ފަތުވާއެއް ބޭނުން ނުވާ ކަމަށާއި އެ ކުދިން ހިތާންކުރުމަކީ އަނިޔާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަންހެން ކުދިން ހިތާނުކުރުމާ ގުޅޭ ގޮތުން ދީނީ ގޮތުން އޮންނަ ގޮތް އޮޅުންފިލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފޮނުވި ސިޓީއަކާ ގުޅިގެން، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ރައުޔަކަށް އެދިވަޑައިގެންފަ އެވެ.

އެކަމަކު އާންމުންގެ މެދުގައި އެ މައުލޫއު ހޫނުވުމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ އެޗްޕީއޭގެ ސިޓީ ބާތިލްކުރައްވައިފަ އެވެ.

އިސްލާމިކް މިނިސްޓްރީން ރޭ ނެރުނު ބަޔާނުގައި ބުނީ ދީނީ ގޮތުން މައްސަލައެއް އޮޅުންފިލުވަން މިނިސްޓްރީގެ ފަރާތުން ފަތުވާ ދޭ މަޖިލީހުގައި އެދެވޭނެ ހަމައެކަނި ބޭފުޅަކީ އިސްލާމިކް މިނިސްޓަރު ކަމަށެވެ. އެހެންކަމުން އެޗުޕީއޭ ބޭނުންވާ ރައުޔު ހޯދަން މިނިސްޓަރު އެދިވަޑައިގެންފައިވާނެ ކަމަށް ބަޔާނުގައިވެ އެވެ.

މި މައްސަލާގައި ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެން ކުދިން ހިތާނުކުރުމާ ގުޅޭ ފަތުވާއެއް ބޭނުން ނުވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ފާސްކޮށް ތަސްދީގުކޮށްފައި ވެސް އޮތުމުން ކަމަށެވެ.

"އެ ކުދިން ހިތާނުކުރުމޭ ކިޔާ ތިޔަ ކުރަނީ ހަމަ ޖިންސީ އަނިޔާ،" އެމަނިކުފާނު ލިއުއްވި އެވެ.

ދެން ނަޝީދު ގޮވާލެއްވީ އެފަދަ ކަންކަމަށް ހިތްވަރުދޭ މީހުންނާ މެދު ފިޔަވަޅު އަޅައިދިނުމަަށެވެ.

މިނިސްޓަރު އަމީން ވިދާޅުވީ އަންހެނުން ހިތާނުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. އެހެންވެ އެކަމުގައި ލަފާ ހޯދަން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.