ޗައިނާގެ ވުހާން ސިޓީން ފެނުނު އާ ވައްތަރުގެ ނުރައްކާތެރި ރޯގާއަށް ސްކްރީންކުރުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތާމަލް ކެމަރާ ބޭނުން ކުރަން ފަށައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ތާމަލް ކެމެރާއިން ފާހަގަކުރެވޭ ހުން ހުންނަ މީހުން އިތުރަށް އެސެސްކޮށް އެމީހުން ދިޔަ ތަންތަނުގެ މައުލޫމާތު ނަގާނެ ކަމަށެވެ. މިހާތަނަށް ބެލި އެއްވެސް މީހެއްގެ ފަރާތުން ކޮރޯނާވައިރަސްގެ ރޯގާއަށް ޝައްކުވާ މީހަކު ފެނިފައި ނުވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެއާޕޯޓްގައި އެ ކެމެރާ ހަރުކޮށްފައިވަނީ އިމިގްރޭޝަން ކައުންޓަރު ހުރަސް ހުރާ ހިސާބުގަ އެވެ.
ހުން އައިސް ތިބޭ މީހުން ތާމަލް ކެމެރާއިން ދެނެގަނެ އެވެ.
ވުހާން ވައިރަސްގެ ސަބަބުން ޗައިނާގައި ވަރަށް އަވަހަށް ފެތުރެމުން އަންނަ ރޯގާގައި މިހާތަނަށް 17 މީހަކު ވަނީ މަރުވެފަ އެވެ. މިއީ ޖަނަވާރުންގެ ހަށިގަނޑު ތެރޭގައި އާންމު ކްރޮނޯވައިރަސް އިން އިންސާނުންނަށް ބަލިޖައްސާ އާ ވައްތަރެއްގެ ވައިރަހެއްގެ ސަބަބުން ފެތުރޭ ރޯގާއެކެވެ.
ރޯގާގެ ސަބަބުން ނޭވާލާ ނިޒާމަށް އަސަރުކޮށް، ނިއުމޯނިޔާއަށް ބަދަލުވެ އެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި ކެއްސުމާއި ނޭވާ ކުރުވުން އަދި ނޭވާލާން އުނދަގޫވުން ހިމެނެ އެވެ.
ޗައިނާއިން ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އަންނާތީ، އެ ރޯގާގެ ބަލިމީހަކު އެތެރެވުމުގެ ފުރުސަތު ކޮންމެވެސް ވަރަކަށް އެބަ އޮތެވެ. ދުނިޔޭގެ ގިނަ ގައުމުތަކުން މިހާރު ވަނީ އެއާޕޯޓްތަކުގައި ސްކްރީނިން ފަށައިފަ އެވެ.
ޗައިނާގެ އިތުރުން ސިންގަޕޫރާއި ތައިލެންޑާއި އޮސްޓްރޭލިޔާ އަދި އެމެރިކާ އިން ވެސް މިހާތަނަށް އެ ރޯގާގެ ފެނިއްޖެ އެވެ.
އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ވުހާން ވައިރަސް އަތުވެދާނެތީ ރާއްޖެ އިން ފުރިހަމައަށް ތައްޔާރުވެފައި އޮތް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ވީއައިއޭގެ އިތުރުން ރާއްޖެ އަށް މީހުން އެތެރެވާ އެހެން ބަނދަރުތަކުގައި ވެސް ހުން ދެނެގަތުމުގެ އިންތިޒާމް ހަމަޖައްސަން ވަނީ ނިންމައިފަ އެވެ.
ކޮރޯނާވައިރަސް ހުުރިކަން ޝައްކުކުރެވޭ މީހަކު ފެނިއްޖެ ނަމަ އެމީހަކު އެކަހެރި ކުރުމުގެ އިންތިޒާމް ވެސް މިހާރު އަންނަނީ ހަމަޖައްސަމުންނެވެ. އެކަމަކު މިހާރު ފެނިގެން އުޅޭ ކޮރޯނާވައިރަސްގެ ބާވަތް ދެނެގަތުމުގެ ގާބިލްކަމެއް މިވަގުތު ރާއްޖެ އާއި މި ސަރަހައްދުގައި ވެސް ނެތެވެ. އެހެންކަމުން ޝައްކުކުރެވޭ މީހުންގެ ސާމްޕަލް ފޮނުވަން ޖެހެނީ ބޭރަށެވެ. އެންމެ ކައިރިން މިވަގުތު އެކަން ދެނެގަތުމުގެ ގާބިލްކަން ހުރީ ހޮންގް ކޮންގްގަ އެވެ.