ކީރިތި ގުރުއާން އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި ހަމަޖެއްސުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނެފި އެވެ.
މިނިސްޓްރީގެ ވިސްނުމަކީ ގުރުއާން އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި ހަމަޖެއްސުން ކަމަށާއި އެކަން ކުރިއަށްދާ ކަމަށް ބުނެ ދަނީ ފާޑުކިޔަމުންނެވެ.
މި ތުހުމަތު ސާފުކޮށްދޭން އެޑިއުކޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ގައުމީ އާ މަންހަޖު އެކުލަވާލައި ތަންފީޒުކުރަން ފެށުމާ އެކު ގްރޭޑް 1-10 އަށް ވަކި މާއްދާއެއްގެ ގޮތުގައި ގުރުއާން ކިޔަވައިދޭން ހަމަޖައްސާފައިވާ ކަމަށެވެ. މަންހަޖުގެ ކީ ސްޓޭޖް 4 މިދިޔަ އަހަރު އަލަށް ތަންފީޒުކުރަން ފަށައި ގުރުއާން ވަކި މާއްދާއެއްގެ ގޮތުގައި ގްރޭޑް ނުވައަކާ ހަމައަށް ކިޔަވައިދޭން ފެށި ކަމަށް މިނިސްޓްރީން ބުންޏެވެ.
"އަދި 2020 ވަނަ އަހަރު ގްރޭޑް 10 ގެ ދަރިވަރުންނަށް މާއްދާއެއްގެ ގޮތުގައި ކީރިތި ގުރުއާން އަންނަނީ ކިޔަވައިދެމުންނެވެ،" އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
"ގުރުއާން އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި ހެދުމަކީ މި މިނިސްޓްރީން އެއްވެސް އިރެއްގައި ވިސްނާފައިވާ ކަމެއް ނޫނެވެ."
މިނިސްޓްރީން ބުނިގޮތުގައި އެތަނުން މަސައްކަތް ކުރަނީ ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއިން ނުކުންނަ ކޮންމެ ދަރިވަރަކީ ވެސް އިސްލާމީ އަގީދާގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ ރަނގަޅު ދަރިވަރުންނަށް ހެދުމަށެވެ.