އދ. އަށް ހުށަހެޅި މައްސަލަ ނަޝީދާ އެއްކޮޅަށް ނިމުން ގާތް: ވަކީލުން

ރިޔާސީ އިންތިހާބުގައި ވާދަކުރުމާއި "ނިގުޅައިގެންފައިވާ އެހެން ހައްގުތައް" ހޯދުމަށް އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލަ އެމަނިކުފާނާ އެއްކޮޅަށް ނިމުން ވަރަށް ގާތްކަމަށް ނަޝީދުގެ ވަކީލުން މިއަދު ބުނެފި އެވެ.


ނަޝީދުގެ އިންސާނީ އަދި މަދަނީ ހައްގުތަކެއް ނިގުޅައިގެންފައިވާ ކަމަށް ބުނެ އެ ހައްގުތައް އެމަނިކުފާނަށް އަނބުރާ ހޯދައިދޭން އެދި އދ.ގެ އިންސާނީ ހައްގުތަކާ ގުޅޭ ކޮމެޓީ އަށް ނަޝީދުގެ ވަކީލުން ވަނީ އިއްޔެ ހުށަހަޅައިފަ އެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވާ ނަޝީދުގެ ފަރާތުން ހުށަހެޅި މައްސަލާގައި، ޓެރަރިޒަމްގެ ދައުވާކޮށް ހުކުމް ކުރީ އެންމެ 19 ދުވަހުގެ ތެރޭގައި ކަން ފާހަގަކޮށްފައިވެ އެވެ.

ނަޝީދަށް ހުކުމް ކޮށްފައި ވަނީ ބޭއިންސާފުން ކަމަށް އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ނިންމާފައިވާ ކަން ވެސް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީ އަށް ހުށަހެޅި މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.

ވަކީލުން ބުނެފައިވާ ގޮތުގައި "ބޭއިންސާފުން" ނަޝީދަށް އިއްވި ޖަލު ހުކުމުގެ ސަބަބުން މަދަނީ ސިޔާސީ އެތައް ހައްގުތަކެއް ވަނީ ގެއްލިފަ އެވެ. އޭގެ ތެރޭގައި އެމަނިކުފާނު ހުށަހެޅުއްވި އިސްތިއުނާފް ސުޕްރީމް ކޯޓުން ބަލައިނުގަތުމާއި އަދަބު ލުއިކުރުމާއި މާފު ދިނުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ޕާޓީގެ އިސް މަގާމެއްގައި ހުންނެވުން ނިގުޅައިގަތުމާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ނުވެވޭގޮތަށް ހަދާފައިވުން ވެސް ހިމެނޭ ކަމަށް ވެސް ވަކީލުން ބުންޏެވެ.

ނަޝީދުގެ ވަކީލުން އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލް ހަސަން ލަތީފު ވިދާޅުވީ އެ މައްސަލަ އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުން ބަލައިގެންފައިވާ ކަމަށާއި އެކަމަށް ޖަވާބުދާރީވާން ސަރުކާރަށް ހަ މަސް ދުވަސް ލިބޭނެ ކަމަށެވެ. ހަސަން ވިދާޅުވީ ނަޝީދަށް މައްސަލަ ކާމިޔާބުވުން ގާތް ކަމަށާއި ދެން ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުުރުމުގެ ފުރުސަތު ނަޝީދަށް ލިބިގެންދާނެ ކަމަށް އުއްމީދުކުރެއްވޭ ކަމަށެވެ.

"ރައީސް ނަޝީދުގެ ފަރާތްޕުޅުން އެދިފައިވާ ކަންކަން ހާސިލުވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް. އެހެންވީމަ އދ.ގެ މެންބަރެއްގެ ގޮތުގައި މުއާހަދާތަކުގައި ބައިވެރިވެގެން ރާއްޖެ މަސައްކަތްކުރަމުންދާއިރު މިކަންކަމަށް ސަރުކާރުން އަމަލުނުކުރާ ނަމަ ދެން އޭގެ ފަހުން ބާއްވާ އިންތިހާބެއްގެ ސައްހަކަމާމެދު އދ.އިން ސުވާލު އުފައްދާނެ،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނަޝީދާ އެއްކޮޅަށް މައްސަލަ ނިމިއްޖެނަމަ އަމަލުކުރަންވީ ގޮތް އދ. އިން އަންގާނެ ކަމަށާއި އެގޮތަކަށް އަމަލުނުކޮށްފި ނަމަ ކަންތައްތައް މިހާރަށް ވުރެ ގޯސްވެދާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަަވަމުން، ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ މަހުފޫޒު ސައީދު ވެސް ވިދާޅުވީ ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު އޮތްގޮތުގެ މައްސަލައެއް، ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ދެ މެމްބަރުން އދ. އަށް ހުށަހަޅާފައިވާ ކަމަށާއި އެއީ ނަޝީދުގެ މައްސަލަ ބެލުމަށް ލިބޭ ބާރެއް ކަމަށެވެ.

ހުކުމް ތަންފީޒުކުރައްވަން ޖަލުގައި ބެހެއްޓުމަށް ފަހު، ސަރުކާރުން ދިން ހާއްސަ ހުއްދައެއްގައި ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ފަހު ނަޝީދު ވަނީ އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިފަ އެވެ.