ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނިއުސް ބްރީފިންގައި ހެލްތު މިނިސްޓަރު އަމީން (ވ) ވާހަކަ ދައްކަވަނީ އަދި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް.---ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު
08 މާޗް 2020 - 23:23
ކޮވިޑް-19 އަށް ރާއްޖޭން ފޮޒިޓިވްވި ދެ ބިދޭސީންނާ އެކި ގޮތް ގޮތުން ގުޅުން ހުރި 173 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވަން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އަމީން ވިދާޅުވީ، އެ ބައްޔަށް ޕޮޒިޓިވް ވި، ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މުވައްޒަފުންނާ ގުޅުން ހުރި 173 މީހުންގެ ތެރެއިން 93 މީހަކު މިހާރު ތިބީ އެ ރިސޯޓުގެ ކޮޓަރިތަކުގައި އެކަހެރި ކޮށްފައި ކަަމަށެވެ. އެކަމަކު އަނެއް 80 މީހުން ތިބި ތަންތަނުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ. އެ 80 މީހުންނަކީ "ކޮންޓެކްޓް ޓްރޭސިން" ގައި ފާހަގަކުރެވުނު މީހުންނެވެ.
ކުރެއްދޫގެ އިތުރުން ބަތަލާ އައިލެންޑް ރިސޯޓުގެ ކޮޓަރިތަކުގައި ވެސް 11 މީހަކު އެކަހެރި ކޮށްފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.
ސޭޑީޒް ބަތަލާ އައިލެންޑްގައި ޗުއްޓީ ހޭދަކުރަމުން އައި އިޓަލީގެ ޓޫރިސްޓެއްގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްްތަކެއް ފެނުމާ ގުޅިގެން، އޭނާގެ ޓެސްޓުތައް ހެދުމަށާއި މޮނިޓަރިން އަށްޓަކައި ރެ އިން ފެށިގެން އެ ރިސޯޓަށް އަރައި ފޭބުން ވަނީ ވަގުތީ ގޮތުން މަނާކޮށްފަ އެވެ. އެ ޓޫރިސްޓު މީހާގެ ޓެސްޓުގެ ނަތީޖާ ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
ބައްޔަށް ޕޮޒިޓިވްވި މީހުންނާ ގުޅުން ހުރި މީހުންގެ ތެރެއިން އެހެން ރަށް ރަށަށް ދިޔަ މީހުން ފާހަގަކުރެވިފައިވޭތޯ "މިހާރު" ން ސުވާލު ކުރުމުން އަމީން ވިދާޅުވީ އެ ގޮތަށް ފާހަަގަ ކުރެވިފައިވާ މީހުންގެ ގައިން ބަލީގެ އަލާމާތެއް ފެނޭތޯ ފާރަވެރިވެ ބަލަމުން އަންނަ ކަމަށެވެ.
"ބައެއް ރަށްތައް އަޅުގަނޑުމެންނަށް އެބަ ފާހަގަވޭ. މި ދެންނެވިހެން ކުރެއްދޫ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ގޮތުގައި އަޅުގަނޑު މި ދެންނެވީތާ 173 ފަރާތެއް ފާހަގަ ކުރެވިފައިވާ ކަމަށް. އޭގެ ތެރެއިން އަޅުގަނޑުމެން އެންމެ ބޮޑަށް ފާރަވެރިވެ މި ބަލަނީ ތިޔަ ވިދާޅުވާހެން އެެއްވެސް ދިމާލަކަށް ގޮސްފައި ހުރި މީހެއްގެ އަލާމާތްތައް ފެނޭތޯ،" އޭނާ ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ޕޮޒިޓިވްވި މީހުންނާ ގުޅުން ހުރި މީހުންގެ ތެރެއިން ރިސޯޓްގައި ތިބި މީހުންގެ ކަންތައްތައް ބަަލަހައްޓާނެ ގޮތުގެ އިރުޝާދު ރިސޯޓަށް ދީފައިވާ ކަަމަށާއި އެހެން ރަށް ރަށަށް ދިޔަ މީހުންނާ މެދު ފަރުވާތެރިވާން ޖެހޭ ކަންތައްތައް އެ ރަށްތަކަށް އަންގާފައިވާ ކަމަށެވެ.
ކުރެއްދޫ ކޭހާ ގުޅުން ހުރި މީހުންގެ ތެރެއިން ށ. ފޯކައިދު އަށް ގޮސްހުރި މީހެއްގެ ގައިން ބަލީގެ އަލާމާތްތައް ފެނުމުން އޭނާ ޓެސްޓްކޮށް ކަރަންޓީނަށް ގެންދިއުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
މިރޭގެ ނިއުސް ބްރީފިންގައި ހެލްތު މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު
ކުރެއްދޫގައި މަސައްކަތް ކުރި ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން އެރަށް ކަރަންޓީނުކުރި އިރު އެ ރަށުގައި ޓޫރިސްޓުުންނާއި މުވައްޒަފުން ހިމެނޭ ގޮތުން ޖުމްލަ 1،389 މީހުން ތިއްބެވެ. އެއީ 699 ޓޫރިސްޓުންނާއި 270 ދިވެހި މުވައްޒަފުންނާއި 420 ބިދޭސީ މަސަައްކަތްްތެރިންނެވެ. ބިދޭސީ 420 މަސައްކަތްތެެރިންގެ ތެރޭގައި ގިނައީ ކޮންސްޓްރަކްޝަން މަސަައްކަތްތަކަށް ގޮސް ތިބި، އެހެން ކުންފުންޏެއްގެ މުވައްޒަފުންނެވެ.
ރާއްްޖޭގެ އެންމެ ދުވަސްވީ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ކުރެއްދޫ އައިލެންޑް ރިސޯޓަކީ ޗަމްޕާ ބްރަދާސްއާއި ސްވިޓްޒަލެންޑްގެ ލާސް ޕީޓަ އަދި މެޓް ޕީޓަރު ގުޅިގެން އުފަައްދާފައިވާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް ކުންފުނިން ހިންގާ ރިސޯޓެކެވެ.
ކުރެއްދޫގައި މިވަގުތު ތިބި ޓޫރިސްޓުންނަށް ހާލަތާ ބެހޭ ގޮތުން ތަފްސީލް މައުލޫމާތާއި އިރުޝާދު ދީފައިވާ ލިއުމެއް އެ ރިސޯޓްގެ ވެބްސައިޓްގައި ޝާއިއުކޮށްފައި އެބަހުއްޓެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުން އެރަށަށް ބޭނުންވާ ހުރިހާ ތަކެއްޗަކާއި ސިއްހީ ހިދުމަތްތައް އެންމެ ރަނގަޅަށް ހަމަޖެހިފައި އެބަހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަރުސް ކުރަފި
09 March 2020
އިންސާނުންނަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައި އަމިއްލަ ނަފްސު ނުރައްކަލުގެ ތެރެއަށް ހުށައެޅުނަސް، ބަލި މީހާގެ އެއްމެ ގާތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތަކީ ނަރުހުންނެވެ. ހިތާމަޔަކީ ސަރުކާރުގެ ބޮޑު ހޮސްޕިޓަލުގައިވެސް ރައްކާތެރިކަމަށް ބޭނުން ކުރާނެ އާލާތް (ޕާސަނަލް ޕްރޮޓެކްޓިވް އެކުއިޕްމަންޓްސް) ނެތް ކަމެވެ. ނަމަވެސް ހަރު އަޑުން އެ ގޮވަމުން ދަނީ 81 ހާސް މުވައްޒަފުން ތައްޔާރު ކުރެވި، ހުރިހާ ކަމަކަށް ކުރިމަތި ލުމަށް އާލާތްތައް އެބަހުރި ކަމަށެވެ.
ރަދީފް
09 March 2020
ރޯނުއެދުރެއް އެބަފެނޭ ފުރަތަމަ ފޮޓޯ.ހެހެހެހެ
ނަޝީދު.
09 March 2020
ފާޑަކަށް އަތް ހަދައިގެންތަ އިނީ؟
އެސްކޮބާޜ
09 March 2020
ސަރުކާރުން ކުރައްވާ މަސައްކަތާ އެއްވަރަށް ރައްޔިތުން މަސައްކަތްކުރަން އެބަޖެހޭ ބަލި ކޮންޓްރޯލްކުރަން. ފުރަތަމަ ކަމަކަށް ދަރިން ސްކޫލަށް ނުފޮނުވާ ހުއްޓާލަން ޖެހޭ. ދެން ވަޒީފާއަށް ދިއުން ހުއްޓާލަން ޖެހޭ. މިއީ ރިސޯޓު ހިންގަންވީ ވަގުތެއް ނޫން. ރާއްޖެއަށްވުރެ މާބޮޑު އިގުތިސާދު އޮންނަ ޗައިނާގަ އަދި އިޓަލީގަ ވެސް އިގުތިސާދު ގުރުބާންކޮށްފަ އެކި ސަރަަހައްދުތައް ބަންދުކުރީ. ތޮއްޖެހިފައިވާ މާލޭގަ ތިބި ރަށްރަށުގެ މީހުން މިވަގުތު ދާންވީ ރަށަށް
ޢެހެންތަ ހީވަނީ
09 March 2020
މާލޭގަދިރިއުޅޭ ރަށްރަށު މީހުން މާލެއިން ނުބޭލިގެންތަ ތިއުޅެނީ ރާއްޖެތެރެމީހުން މާލޭގަ ދިރިއުޅެނީހިލެޔަކު ނޫން ބުނިއަގެއް ދީގެން .ތިކަމާބަޔަކު މާލޭގަ ދިރިއުޅުމަކާ ގުޅުވަން ޖެހުނީކީއްވެޔޯ . މިފަދަނާޒުގް ދަނޑިވަޅުތަކުގަވެސް އެކަކުއަނެކަކަށް ގާއުކަންތަވީ . ގައުމުގެ އިގްތިޞާދު ހީނަރުވާނެކަންއެގޭހާލުވެސް ފިތުނަތަ އުފައްދަން ޖެހެނީ ރައްޔިތުން އެކަކުއަނެކަކަށް ހީނުވާނަމަ ހަލާކުނޫން އެހެން ކަމެއް މެދުވެރި ނުވާނެ ހަލާކު އަމިއްލައަށް ހޯދައިގަންނަނީ
އިސްލާހު
09 March 2020
ރަށްރަށުގެ ކައުންސިލް ތަކުންވެސް ކަންކަމުގައި ޒިންމާދާރުވާން އެބަ ޖެހޭ. ދައުލަތުގެ މާލިއްޔަތުން އިންތިހައަށް ބޮޑު މުސާރައިގައި ތިޔަ ތިބެނީ. މި ދަނޑިވަޅުގައި ކުޑަމިނުން ރަށަށްއަރާ ފައިބާ މީހުން ވަރަށް ރަނގަޅަށް މޮނިޓަރ ކުރެވެން ވާނެ. ކައުންސިލްގެ ބެލުމުގެ ދަށުން މެނުވީ މީހުން އަރާ ފޭބިގެން ނުވާނެ ހަލަތަކަށް މިވަނީ ގޮއްސާ. ޚާއްސަކޮށް ރެސޯޓުތަކުގައި މަސައްކަތްކުރާ މީހުން ގޮސް އައިސް ވުން ހުއްޓާލަން ޖެހޭ.
ާއުނިމާ
09 March 2020
ޗައިނާގަވެސް ބަލި ކޮންޓްރޯލް ނުވެ އެހިސާބަށް ދިޔައީ އެންމެ ކުރީކޮޅު ދެން ބަލިވެސް ޖެހޭނޭ މީހުންވެސް މަރުވާނޭ ސިޔާސަތުގެ ސަބަބަުން އަޅަން ޖެހުނެ ފިޔަވަޅުތައް ނޭޅުނީކަމަށް މިހާރުވެސް އެމީހުން ޤަބޫލުކުރޭ،ސަރުކާރުން މިކިޔަނީ ހަމަ އެލަވަ! ދެން ބަލިވެސް ޖެހޭނޭ މިހުންވެސް މަރުވާނޭ! މިވިސްނުމުގަ ހުރިއްޔާ މިކޮންޓްރޯލް ކުރާނީ ކިހިނެއް؟ ދެން ޓީވީއަށް އަރާ މިކިޔަނީ ހާސްވާވަރެއްނުވެޔޭ، އަދި ރެޑްއެލާޓަކަށް ނުދެޔޭ، ރައްޔިތުންގެ ސަލާމަތް އެންމެ ފުރަތަމަ!
ފައިންޑްއިބޫ
09 March 2020
އިބޫވެސް ފިލީދޯ އަންނިވެސް ފިލީދޯ ވާނުވާ އެންޑީޕީ ނޫން ދެ މިނިސްޓަރަކާ އޮފީސް ބޯއީއެއް ފްރޮންޓަށް ގުރުބާންކޮއްފާ ފިލީދޯ
ޒަމީރާ
09 March 2020
އެއްވެސް ޝައްކެއް ވަހުމެއްވެސް ނެތް މިންވަރަށް މިކަން ޔަގީންކުރަން ތިޔަ ކުރަމުންދާ ބުރަ މަސައްކަތަށް ހެލްތު މިނިސްޓަރާއި އޭނާގެ ޓީމަށް ފަށް ފަށުން ޝުކުރު ދަންނަވަން. އިރާދަކުރެއްވިއްޔާ ދިވެހިންނަށް މިކަމުން އަރައިގަނެވޭނެ.
ހަސަނު
09 March 2020
އަޅުގަނޑު އަދި ހިތަށް އަރަނީ ރިސޯޓެއްގަ 600 ޓޫރިސްޓުން 14 ދުވަހަށް ކަތަންޓީނު ކުރީމާ ދެން އެމީހުން ރިސޯޓުގަ ހުންނަ 14 ދުވަހުގެ ހަރަދު ދޭނީ ކާކު ބާވައޭ؟؟ އެ ޓޫރިސްޓުތޯ؟ ސަރުކާރުންތޯ؟ ރިސޯޓު އޯނަރު ތޯ؟.. މިހާރު ތިބި އިޓަކީ މީހުންތައް އަނބުރާ ގައުމަށް ދާން ހަދާނީ ކިހިނެއް ބާވައޭ؟
ބުރޭ
09 March 2020
ކުރެއްދޫގައި އެވަނީ އިންސާނީ މުސީބާތަކަށް މަގުފަހިވާ ޖަރީމާއެއް ހިންގާފަ، ހަރުކަށިފިޔަވަޅު އަޅަންޖެހޭ.
ާއުނިމާ
09 March 2020
ޢެ 173 މީހުން މިހާރު ޖަރަންޓީނު ކޮށްފިންތަ؟ ހަމައެކަނި ފާހަގަވިޔަކަސް ވާނެކަމެއްނެތް! ނިކަން ސްޕީޑުއަވަސް ކުރަން އެބަޖެހޭ، އަވަސް އަވަސް