ކުރެއްދޫން ގެސްޓުން ފައިބަން ފަށައިފި

ރާއްޖޭގައި ކޮރޯނާވައިރަސްގެ ޕޮޒިޓިވް ފުރަތަމަ ކޭސް ފެނުނު ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގައި ތިބި މީހުން ކަރަންޓީނުން ސަލާމަތްވުމާ އެކު، ގެސްޓުން ފުރަން ފަށައިފި އެވެ.


އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރި އިޓަލީ މީހަކު، އެނބުރި އިޓަލީއަށް ދިޔަ ތަނުން ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވިކަން އެނގުނު އިިރު، ރިސޯޓްގައި އޭނާއާ ވަރަށް ކައިރީގައި އުޅުނު ބަޔަކު ބަލިވެގެން، ކޮވިޑް-19ގެ އަލާމާތްތައް ފެނުމުން، ކަރަަންޓީންކުރި އެވެ. އަދި ރަސްމީ ފަރާތްތަކާއި މުޅި ޓޫރިޒަމް އިންޑަސްޓްރީ އެލާޓަށް ގެނަ އެވެ.

އޭގެ ފަހުން ކުރެއްދޫގެ އިތުރުން، ބަލީގެ އަލާމަތްތަައް ފެނުނު ބައެއް މީހުން ތިބި ސޭންޑީސް ބަތަލާ އައިލެންޑް ރިސޯޓާއި ކުރަމަތި މޯލްޑިވްސް ރިސޯޓް ވެސް ކަރަންޓީނުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

މިހާތަނަށް ކޮރޯނީވައިރަސް އަށް ޕޮޒިޓިވްވީ ކުރެއްދޫގެ ހަތަރު މީހަކާއި ބަތަލާ އާއި ކުރަމަތިން ވެސް ދެ މީހަކު ޕޮޒިޓިވްވި އެވެ. މި އެންމެން މިހާރު ތިބީ ސަރުކާރުގެ ކަރަންޓީން ފެސިލިޓީޒްތައް ކަމަށް ވާ ވިލިވަރާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއްގެ ގޮތުގައި އޮތް ފަރުކޮޅުފުށީގަ އެވެ. މި އެންމެންނަކީ ވެސް ބިދޭސީންނެވެ. އެކަމަކު އެ އެންމެންނަކީ މުވައްޒަފުންކަމެއް ނުވަތަ ޓުރިސްޓުންކަމެއް ނޭނގެ އެވެ.

ކުރެއްދޫގެ ދިވެހި މުވައްޒަފަކު، ނަން ނުޖަހާ ގޮތަށް، ބުނީ ރިސޯޓުގައި ތިބި ބައެއް ޓޫރިސްޓުން މިހާރު ފުރަން ފަށައިފި ކަމަށެވެ. އެކަމަކު ސަަރުކާރުން އެރަށަށް ދިޔަ ސިއްހީ ޓީމަކުން އެ އެންމެން ޓެސްޓްތައް، ކޮޑިވް-19 ގެ އެއްވެސް އަލާމާތެއް ހުރިތޯ ނެތްތޯ ކަށަވަރުކުރެ އެވެ.

ރާއްޖޭގެ އެންމެ ބޮޑެތި ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ކުރެއްދޫން ކޮޑިވް-19 ގެ ޕޮސިޓިވް މީހުން ފެނި، ރަށް ކަރަންޓީން ކުރި އިރު ގާތްގަނޑަކަށް 700 ޓޫރިސްޓުންނާއި 600 އަށް ވުރެ ގިނަ މުވައްޒަފުން ތިއްބެވެ.

"މިތާ އެބަ އުޅޭ ގިނަ ދުވަހަށް ބޭސް ބޭނުންކުރާ މީހުން ވެސް. އެ މީހުންނަށް ބޭސް ލިބުމުގައި ވެސް ދަތިތަކެއް ހުރެދާނެ. އެހެންވެ އެ މީހުން ފުރަން ވެސް ބޭނުންވާނެތާ،" މުވައްޒަފަކު ބުންޏެވެ.

ޕޮޒިޓިވް ކޭސްއެއް ފެނިއްޖެއްޔާ އެ ބަޔަކު އާންމު ގޮތެއްގައި ދެ ހަފުތާ ވަންދެން ކަރަންޓީން ކުރެ އެވެ.

އިޓަލީގެ ގެސްޓުގެ މައްސަލަ

އިޓަލީގެ ފަތުރުވެރިޔާގެ މައްސަލާގައި ކުރެއްދޫ އަށް ވަނީ ވަރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފަ އެވެ. އޭނާ ބަލިވެެެގެން އުޅުނު އިރު ކަމާ ބެހޭ ރަސްމީ ފަރާތްތަކަށް ނޭންގުމާއި ބަލިވެ ހުއްޓާ އެތައް ބަޔަކާ ކައިރިވެވޭ ގޮތަށް އޭނާ ދޫކޮށްލުމަކީ ވެސް، ފަރުވާކުޑަވުމާއި އިހުމާލުގެ މައްސަލައެކެވެ. އެކަމާ ގުޅިގެން، ޕްރޮސެކިއުޓަ ޖެނެރަލް ހުސެން ޝަމީމްގެ އަމުރަށް ފުލުހުން މިހާރު ވަނީ ތަހުގީގެއް ވެސް ފަށައިފަ އެވެ.

އިޓަލީ ދަތުރުވެރިޔާ މި މަހު 1 ގައި ފުރަންވެގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފޮނުވާލީ، ރިސޯޓްގައި އޭނާ އަށް ފަރުވާދީގެން ގެންގުޅެފަ އެވެ. އޭނާ މާ ބޮޑަށް ހުން އައިސް ހުރުމުން މަތިންދާބޯޓުން ބޭލި އެވެ. އެހެންވެ ފަހުން ފުރުވާލަން އޭނާގެ ރާއްޖޭގެ އެޖެންޓުން މާގިރި ހޮޓަލަށް ގެންދިޔަ އެވެ. އެ ހޮޓަލުގައި އުޅުމުގެ އިތުރުން ޔުނިވާސަލްގެ ޓިކެޓް އޮފީހަކަށް ގޮސް، އެމިރޭޓްސް އެއާލައިންގެ ޓިކެޓެއް އޭނާ ގަތެވެ.

މާޗު 2 ގައި އޭނާ ފުރީ އެމިރޭޓްސްގެ ފްލައިޓެއްގައި ކަން "މިހާރު"އަށް އެނގިފައިވެ އެވެ.

ހުން އައިސް ހުރިލެއް ބޮޑުކަމުން ފްލައިޓުން އޭނާ ބޭލުމުން އެއާޕޯޓްގައި ތިބޭ އެޗުޕީއޭގެ މުވައްޒަފުންނަށް އޭނާގެ ހާލަތު އެނގުނު ކަމެއް ނުވަތަ، އެންގި ކަމެއް ސާފެއް ނޫނެވެ.