ކޮވިޑް-19- ބަނޑޮހުގެ އިތުރުން އާ ރިސޯޓުތަކެއް މޮނިޓަރިން ލިސްޓަށް

ކޮވިޑް-19 ބަލީގެ އަލާމާތް ހުރި ކަމަށް ބިދޭސީން/ޓޫރިސްޓުންނަށް ޝައްކު ކުރެވޭތީ، މާލެ ކައިރީގައި އޮންނަ ބަނޑޮސް އައިލެންޑް ރިސޯޓުގެ އިތުރުން އާ އެހެން ރިސޯޓުތަކެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިން ލިސްޓުގައި ހިމަނައިފި އެވެ.


އެ އިދާރާ އިން ރޭ ބުނީ، މާލެ އިން ފުރައިގެން 10 ވަރަކަށް މިނިޓުން ދެވޭ ބަނޑޮހުގެ ބިދޭސީއެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ފެނުމުން އެ މީހާގެ ސާމްޕަލް ޓެސްޓް ކުރުމަށްޓަކައި ނަގާފައިވާ ކަމަށެވެ. އަދި އެ މީހާ މިހާރު ހުރީ "ހޯމް އައިސޮލޭޝަން" ގައި ކަމަށާއި އެ ރިސޯޓު އޮތީ މޮނިޓަރިން ހާލަތުގައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ކޮރޯނާވައިރަހުގެ އަލާމާތްތައް ހުރި މީހުން ފެނިގެން ބަނޑޮހުގެ އިތުރުން ރޭ އަލަށް މޮނިޓަރިން ލިސްޓުގައި ހިމަނާފައި ވަނީ އޮޅުވެލި ބީޗާއި މީރު އައިލެންޑާއި މާލެ ކައިރީގައި އޮންނަ ޝެރެޓަން މޯލްޑިވްސް ފުލްމޫން އެވެ، މީގެ ތެރެއިން އޮޅުވެލި ބީޗުން ވައިރަހުގެ އަލާމްތައް ހުރި ކަމަށް ބެލެވެނީ ދެ ބިދޭސީއެއްގެ ގައިގަ އެވެ. އެހެން ރިސޯޓުތަކުން ޝައްކު ކުރެވެނީ އެކަކަށެވެ މި އެންމެން މިހާރު ތިބީ "ހޯމް އައިސޮލޭޝަން" ގަ އެވެ.

ރާއްޖެ އިން މި ބަލީގެ ނުވަ މީހަކު ފެނިފައިވާއިރު، އެ އެންމެންނަކީ ބިދޭސީން/ޓޫރިސްޓުންނެވެ. އަދި އޭގެ ތެރެއިން ހާލު ބޮޑުވެގެން އެކަކަށް ފަރުވާ ދެނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޚާއްސަ ޔުނިޓުގަ އެވެ. އެއީ ބަތަލާ އައިލެންޑް ރިސޯޓުގެ ޓޫރިސްޓު ދެމަފިރިންގެ ތެރޭގައި ހިމެނޭ އުމުރުން 70 އަހަރުގެ ފިރިހެންމީހާ އެވެ.

ކޮރޯނާވައިރަހަށް ޕޮޒިޓިވްވި އަދި ޝައްކު ކުރެވޭ ކޭސްތަކެއް ފެނުމާ ގުޅިގެން، މޮނިޓަރިންގެ ހާލަތުގައި ހުރި އެހެން ރިސޯޓުތަކުގެ މުވައްޒަފުން އެ ރިސޯޓުތަކުން ފޭބުން އެޗްޕީއޭ އިން ރެއިން ފެށިގެން ވަނީ މަނާކޮށްފަ އެވެ. އެއީ ކުރެއްދޫ، ބަތަލާ، ކުރަމަތި، ސަމާ އައިލެންޑް، ވިލަމެންދޫ، އިރުވެލި، ސަން ގިލި އެވެ.

މި ލިސްޓުގައި ހމެނޭ ރިސޯޓުތަކުގެ ތެރެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވީ ތިން ރިސޯޓެއްގެ ބިދޭސީ/ޓޫރިސްޓުންނެވެ. އެއީ ކުރެއްދޫން ހަތަރެއް، ބަތަލާ އިން ދޭއް އަދި ކުރަމަތިން ވެސް ދެ މީހުންނެވެ. ނަމަވެސް އެ ލިސްޓުގައި ނުހިމެނޭ އަނަންތަރާ ދިގު ރިސޯޓުން ވެސް އިއްޔެ ވަނީ އެކަކު ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އެ އެންމެން މިހާރު ތިބީ ކަރަންޓީން ފެސިލިޓީތަކުގަ އެވެ. އެއީ ހުޅުމާލެއާ އެއް ފަޅެއްގައި އޮންނަ ފަރުކޮޅުފުއްޓާއި ކ. ކުރައިދީ ކައިރީގައި އޮންނަ ވިލިވަރެވެ.

އެޗްޕީއޭ އިން ރޭ ބުނީ، ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި ބިދޭސީއަކު ބ. ފެހެންދޫން ފެނުމާ ގުޅިގެން އޭނާގެ ސާމްޕަލް ޓެސްޓު ކުރުމުގެ ކަންކަން ކުރިއަށް ދާ ކަމަށެވެ. އެ ބިދޭސީ މީހާ އެކަހެރިކޮށް، ފެހެންދޫ ވެސް އޮތީ މޮނިޓަރިން ހާލަތުގަ އެވެ.

ކުރަމަތީގެ ދިވެހި މީހާގެ ނަތީޖާ އަދިވެސް ނުލިބޭ

އެޗްޕީއޭ އިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ހާމަކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ކޮރޯނާވައިރަހަށް ޝައްކު ކުރެވިގެން ދިވެއްސަކު ދަނީ ޓެސްޓު ހަދަމުންނެވެ. ކުރަމަތި ރިސޯޓުން ޕޮޒިޓިވްވި ޓޫރިސްޓަކާ 'ކްލޯޒް ކޮންޓެކްޓް' ވި އެ ދިވެހި މީހާގެ ޓެސްޓް ހަދަމުންދާ ކަމަށް އެޗްޕީއޭ އިން އިއްޔެ ރޭ ބުނެފައިވީ ނަމަވެސް އަދި ނަތީޖާއެއް ހާމައެއް ނުކުރެ އެވެ. އެ މީހާ ހުރީ އެކަހެރި ކޮށްފަ އެެވެ.

ކުރަމަތިން ކޮވިޑް-19 އަށް ޕޮޒިޓިވް ވީ ޓޫރިސްޓް ދެމަފިރިއެއް ކަމަށް އެނގިފައި ވެ އެވެ.

ޓޫރިސްޓުން އެހެން އެއްވެސް ރަށަކަށް ފޭބުން މަނާ

ކޮވިޑް-19 ބައްޔާ ގުޅިގެން ރާއްޖޭގައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކޮށްފައިވާއިރު، މި ވަގުތަށް އަޅާފައިވާ އެންމެ މުހިންމު އެއް ފިޔަވަޅަކީ ޓޫރިސްޓުން މިހާރު ތިބި ރިސޯޓު/ރަށްރަށް އަދި ސަފާރީތަކުން ފައިބައިގެން މީހުން ދިރިއުޅޭ އެހެން ރަށްރަށަށް ދިއުން މަނާ ކުރުމެވެ. އެ ފިޔަވަޅާ އެކު، ޓޫރިސްޓުން މާލެ ފޭބުމަކީ ވެސް މަނާ ކަމެކެވެ. އެ ފިޔަވަޅު އަޅާފައި ވަނީ 10 ދުވަހުގެ މުއްދަތަށެވެ.

އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގަންނަވާ އެ ބާރުގެ ދަށުން ޓޫރިސްޓް އެކްސްކާޝަން މި ވަގުތަށް މަނާކުރީ ކޮވިޑް އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމަށް އެޗްޕީއޭ އިން ބުނެފައި ވެ އެވެ.