އާންމުންގެ ތެރޭގައި ކޮރޯނާވައިރަސް ފެތުރުން ނުވަތަ "ކޮމިއުނިޓީ ސްޕްރެޑެއް" ރާއްޖޭގައި އަދި އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެފަދަ ނިޝާނެއް އަދި ނުފެންނަ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބުނެފި އެވެ.
އެންއީއޯސީން މިރޭ ބޭއްވި ޕްރެސް ކޮންފަރެންްސްގައި ބައިވެރިވެވަަޑައިގެންނެވި އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ އެފަދަ ގޮތަކަށް ކަން ހިނގާ ނަމަ ހޮސްޕިޓަލްތަކަށް ދައްކާ ބަލި މީހުން ކުއްލިއަކަށް އިތުރުވާނެ ކަމަށާއި ރާއްޖޭން އަދި އެފަދަ ކަމެއް ފާހަގަނުކުރެވޭ ކަމަށެެވެ.
މުޅި ދުނިޔެ އަށް ފެތުރިފައިވާ ކޮރޯނާވައިރަހުގައި އެންމެ ބޮޑަށް ނުރައްކާވަނީ ކުއްލިއަކަށް އެތައް ބަޔަކަށް މި ވައިރަސް އަރައި ހޮސްޕިޓަލްތަކަށް ބާރު ބޮޑުވެ ސިއްހީ ނިޒާމު ބޮއްސުންލައިގެން ދިއުމުންނެވެ. ރާއްޖޭން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ގިނަ މީހުންނަކީ ރާއްޖޭން ބޭރުން ވައިރަސް އެރި މީހުންނެވެ. އަދި އެފަދަ މީހެއްގެ ގައިން ވައިރަސް އެހެން މީހެއްގެ ގަޔަށް ވާސިލްވެފައި ވަނީ ވެސް ރިސޯޓްތަކުގަ އެވެ.
މިރޭގެ ޕްރެސްކޮންފަރެންސްގަައި މުރާދު ވިދާޅުވީ މާލޭގެ ބައެއް ގޭގައި ކަރަންޓީނުކޮށްފައި ތިބޭ މީހުން ހެލްތުޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ނާންގައި، ސިއްހީ ޚިދުމަތްދޭ ތަންްތަނަށް ދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތަށް ކަން ހިނގާއިރު، "ކޮމިއުނިޓީ ސްޕްރެޑެއް ނެތްކަން ކަށަވަރު ކުރަން ކުރަނީ ކޮން މަސައްކަތެތްތޯ" "މިހާރު"ން ސުވާލު ކުުރުމުން އޭނާ ވިދާޅުވީ ޝައްކުވާ ފަދަ އެއްވެސް ހާލަތެއް މެދުވެރި ވެއްޖެ ނަމަ ކޮވިޑް-19 އަށް މީހުން ޓެސްޓްުކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބައެއް ސާވައިލެންސް ޓެސްޓްތައް ވެސް ހަދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލުކުރަނީ މިސާލަކަށް ކޮމިއުނިޓީ ތެރޭގައި ކޮރޯނާވައިރަސް އުޅޭ ކަމަށް ވަންޏާ އެ ފެތުރިގެން ދާނޭ. ފެތުރިގެންދާ ކަމަށް ވަންޏާ ކޮންމެވެސް އެއްބަޔަކު ވަރަށް ބަލިވެގެން ހޮސްޕިޓަލްތަކުގެ ތެރެއަށް ވަންނާނެ، އެހެންވީމާ އެކަހަލަ ސާޖެއް (އިތުރުވުމެއް) އަޅުގަނޑުމެންނަކަށް ނުވެއް ފެނެޔޭ އަދިއެއް. ހޮސްޕިޓަލްތަކުގެ ތެރެއަށް ބަލި ބައެއް، ގިނަ ބަޔަކު ވަދެގެންދާ ތަނެއް ނުވަތަ އެ އަދަދުތައް ރާސްލާފައި އިތުރުވެގެންދާ ތަނެއް. އެހެންވީމާ އަޅުގަނޑުމެން ގަބޫލުކުރަނީ ނޫޅެނިއްޔޭ ކޮމިއުނިޓީ ސްޕްރެޑެއް،" މުރާދު ވިދާޅުވި އެވެ.
މާލޭގައި ކަރަންޓީނުކޮށްފައި ތިބޭ މީހުން އެޗްޕީއޭ އަށް ނާންގައި، ސިއްހީ ޚިދުމަތްދޭ ތަންތަނަށް ދިއުން ތަކުރާރު ވިޔަ ނުދިނުމަށް ސަރުކާރުން އަޅާނީ ކޮން ފިޔަވަޅެއްތޯ ސުވާލުކުރުމުން މުރާދު ވިދާޅުވީ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގްޓީމް) އަށް އެކަމުގައި ކުރެވޭނެ ކަމަކީ އެޗްޕީއޭ އަށް އެކަން އެންގުން ކަމަށެވެ. އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ އެގޮތަށް ދިއުމަކީ އެފަދަ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
އަޅުގަނޑުމެން ގަބޫލުކުރަނީ މިސާލަކަށް ކޮމިއުނިޓީ ތެރޭގައި ކޮރޯނާވައިރަސް އުޅޭ ކަމަށް ވަންޏާ އެ ފެތުރިގެން ދާނޭ. ފެތުރިގެންދާ ކަމަށް ވަންޏާ ކޮންމެވެސް އެއްބަޔަކު ވަރަށް ބަލިވެގެން ހޮސްޕިޓަލްތަކުގެ ތެރެއަށް ވަންނާނެ، އެހެންވީމާ އެކަހަލަ ސާޖެއް އަޅުގަނޑުމެންނަކަށް ނުވެއް ފެނެޔޭ އަދިއެއް: މުރާދު
މީހުން އެގޮތަށް ނިކުމެގެން ނުދާކަން ކަށަވަރުކުރަން ކުރާނީ ކޮން ކަމެއްތޯ ޕްރެސް ކޮންފަރެންސްގެ ފަހުން ވެސް ސުވާލު ކުުރުމުން މަބްރޫކް ވިދާޅުވީ އެކަން ވަރަށް އުނދަގޫ ކަމަށާއި ނަމަވެސް އެކަން ކަށަވަރު ކުރަން އިތުރު މަސަައްކަތްތަކެއް ސަރުކާރުން ކުރާނެ ކަމަށެވެ.
މިއަދު މެންދުރު ބޭއްވި ޕްރެސް ކޮންފަރެންސްްގައި މަބްރޫކް ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވް ވި ގިނަ މީހުން ރަނގަޅުވެފައި ވިޔަަސް ރާއްޖޭގެ ހާލަތު ރަނގަޅުވީކަމަށް ބަލައިގެން ނުވާނެ ކަމަށާއި މަސައްކަތް ކުރަން ޖެހޭނީ މާލޭގައި ނުވަތަ ރާއްޖޭގެ ރަށް ރަށުގައި ވެސް ބަލި އޮވެދާނެ ކަމަށް ވިސްނައިގެން ކަމަށެވެ.
"އަޅުގަނޑުމެން އޮޕަަރޭޓް ކުރަން މިޖެހެނީ މާލޭގައި މިބަލި،ނޫނީ ރާއްޖޭގެ ހަމަ ރަށްތަކުގައި ވެސް މިބަލި ހުރެދާނެ ކަމަށް ވިސްނައިގެން،" އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ރާއްޖޭން މިހައިތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 17 އެވެ. އޭގެ ތެރެއިން ދެމީހުންނަކީ މިދިޔަ ހުކުރުދުވަހު އިޓަލީއަށް ފުރި ދެމީހުންނެވެ. އަނެއް 15 މީހުންގެ ތެރެއިން ދެ ދިވެހިން ފިޔަވައި އެންމެން ވެސް މިހާރު ވަނީ ރަނގަޅުވެފަ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން އެބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދަކީ މިހާރު 753,385 އެވެ. އޭގެ ތެރެއިން 36,277 މީހަކު ވަނީ މަރުވެފަ އެެވެ.