ކޮލެޖުތަކަށް ލިބޭ ގެއްލުމަށް ހައްލު ހޯދަން މިނިސްޓަރުގެ އަރިހަށް

ކޮރޯނާވައިރަސްއާ ގުޅިގެން، ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުގެ ސަބަބުން ކޮލެޖުތަކަށް ވަރަށް ބޮޑު ގެއްލުމެއް ލިބެމުން ދާތީ އެކަމަށް ހައްލު ހޯދައިދޭން ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއާ ބައްދަލުކުރަން، މަތީ ތައުލީމް ފޯރުކޮށްދޭ އަމިއްލަ ކޮލެޖުތައް ތަމްސީލުކުރާ ޖަމިއްޔާ އިން އެދިއްޖެ އެވެ.


ޕްރައިވެޓް ހަޔާ އެޑިއުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް، ސައިރިިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް މިއަދު ވިދާޅުވީ ކޮލެޖުތައް ބަންދުކޮށް، ގިނަ ދުވަސްތަކެއް ވަމުން ދާތީ އެ ތަންތަނަށް މާލީގޮތުން ދަތިތަކާ ދިމާވާ ކަމަށެވެ. އެހެންވެ، އެކަމުގައި އަލިމަގެއް ހޯދުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

އަދި ފަރުވާއެއް ހޯދިފައިނުވާ ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 ން ރައްކާތެރިވުމަށް، ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތައް ބަންދުކުރިތާ ގާތްގަނޑަކަށް މަހެއް ވީ އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، ވިޔަފާރިތަކަށް އަމާޒުކޮށްގެން ސަރުކާރުން އިއުލާނު ކޮށްފައިވަނީ، ކޮލެޖުތަކަށް އެކަށީގެންވާ ރިލީފް ޕެކޭޖުތަކެއް ނޫނެވެ. ކޮލެޖުތަކަކީ، ފިހާރަތަކާއި ކުންފުނިތައް ހިންގާ ގޮތަށް ހިންގާ ތަންތަނެއް ނޫން ކަމަށާއި އެހެންވެ ކޮލެޖުތަކަށް ހާއްސަ ޕެކޭޖެއް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"ކޮލެޖުތައް މި ހިންގަނީ ވިޔަފާރިއެއް ހިންގާ ގޮތަކަށް ނޫން. ފިހާރައެއް ބަންދުކުރާހެން ކޮލެޖެއް ބަންދެއް ނުކުރެވޭނެ. ކިޔަވައިދޭން ޖެހޭނެ. އެހެންވެ ވަކި ޕެކޭޖެއް އޮންނަން ޖެހޭނެ މި ކަމަށް،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުރިހާ ކޮލެޖެއް ހިންގަނީ އެ މަހަކު ލިބޭ ކޯސް ފީ އަކުން ކަމަށެވެ. ނަމަވެސް ރާއްޖޭގެ އިގުތިސޯދަށް ކޮށްފައިވާ އަސަރުގެ ސަބަބުން، ކޯސް ފީ ލިބުމުގައި ދަތިތަކެއް ދިމާވާ ކަމަށް ވިދާޅުވި އެވެ.

އެ ޖަމިއްޔާގައި، މަތީ ތައުލީމް ފޯރުކޮށްދޭ އަމިއްލަ ހުރިހާ ކޮލެޖަކުން ބައިވެރިވެ އެވެ.