މަހްލޫފް ވެސް އައިސޮލޭޝަންގައި

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް އިސްކޮށް ހުންނަވައިގެން ޑެލިވަރީ ކުރުމުގައި ހަރަކާތްތެރިވި ވޮލަންޓިއަރުންގެ ގްރޫޕުން މަަސައްކަތްކޮށްދިން، އިހުސާން ފިހާރައިގެ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން މަހްލޫފް ވެސް ގޭގައި އައިސޮލޭޓްވެވަޑައިގެންފި އެވެ.


ފޭސްބުކްގައި މަހްލޫފް ލިއުއްވި ޕޯސްޓެއްގައި ވިދާޅުވީ ވޮލަންޓިއަރުން ގޭގައި މަޑުކުރަން އޭނާ އެންގެވީ ދެ މުވައްޒަފުން ޕޮޒިޓިވްވިކަން އިހުސާން ފިހާރައިން އެންގި ހިސާބުން ކަމަށެވެ.

މާލެއިން ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވި 15 މީހުންގެ ތެރޭގައި އިހުސާން ފިހާރައިގެ ދެ މީހުންގެ އިތުރުން ބީއެޗްއެމްގެ ޑެލިވަރީގައި މަސަައްކަތް ކުރާ ދިވެއްސެއް ވެސް ހިމެނެ އެވެ. އިހުސާން ފިހާރައިގެ ދެ މުވައްޒަފަކު ޕޮޒިޓިވް ވި ކަމަށް ބުނި ނަމަވެސް އެ ދެ މުވައްޒަފުން މަަަސަައްކަތް ކުރީ ކޮން އައުޓްލެޓެއްގައި ކަން ހާމަކޮށްފައެއް ނުވެ އެވެ. އިހުސާން ފިހާރައިގެ ތިން އައުޓްލެޓެއް މާލޭގައި ހުރެ އެވެ.

ކޮރޯނާވައިރަހަށް މާލޭން މީހުން ޕޮޒިޓިވް ވާން ފެށުމާ އެކު މާލެ ލޮކްޑައުންކުރުމުން ހިދުމަތްތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އެގޮތުން މާލޭގެ ފިހާރަތަކަށް ދިމާވެފައިވާ ޑެލިވާކުރުމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން އެކަމުގައި އެހީވާން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލުމުން 300 އަށް ވުރެ ގިނަ މީހުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މަހްލޫފް އޭރު ވިދާޅުވި އެވެ.

ވޮލަންޓިއަރުންނާ އެކު މަހްލޫފް ޑެލިވަރީގެ މަސައްކަތަށް ނުކުންނެވީ ހޮނިހިރު ދުވަހު އެވެ.

ޑެލިވަރީގެ މަސައްކަތުގައި އުޅޭ މީހަކު ޕޮޒިޓިވް ވުމުން ޑެލިވަރީގެ ކަންކަމާ މެދު އިތުރު ފިޔަވަޅެއް އަޅައިފާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މާލެ ލޮކްޑައުން ހާލަތުގައި އޮތުމުން ޑެލިވަރީ ނިޒާމަށް އިތުރު ފިޔަވަޅެއް އެޅޭނީ ވަރަށް ވިސްނައިގެން ކަމަށާއި އެކަމަކު ބަލި އިތުރު ވަމުން ދާ ނަމަ ޑެލިވަރީ ހިދުމަތުގެ ކަންކަމަށް ފިޔަވަޅެއް އަޅަން ވިސްނާނެ ކަމަށެވެ.