ކޮރޯނާވައިރަސް މާލެ އަށް ފެތުރިފައިވާ މި ނުރައްކާތެރި ދުވަސްވަރު ގެއިން ބޭރަށް ދާ ނަމަ މާސްކް އެޅުން މުހިންމު ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފް މިރޭ ވިދާޅުވެއްޖެ އެވެ.

ނޭޝަަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި ޑރ. އަލީ ލަތީފް ވިދާޅުވީ، މާސްކް އަޅަން މުހިއްމު ނޫން ކަމަށް ކުރިން ވިދާޅުވަމުން ގެންދެވީ އޭރުގައި މާލެ ތެރެއަށް ބަލި ފެތުރިފައި ނުވާތީ ކަމަށެވެ. އެކަމަކު މިހާރު އޮތް ހާލަތުގައި އެއްވެސް ކަމަކު ބޭރަށް ކޮންމެހެން ދާން ޖެހިއްޖެ ނަމަ މާސްކް އަޅައިގެން ދިއުމަކީ ވަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިިދާޅުވި އެވެ.

"މިހާރު ވެސް ބަލި ކޮންޓްރޯލް ކުރުމަށް އަޅާ އެންމެ މުހިއްމު ފިޔަވަޅަކީ ގޭގައި މަޑުކުރެއްވުން. މިހާރު މި އޮންނަނީ އަޅުގަނޑުމެން މި ނެރެފައިވާ ލޮކްޑައުންގެ މި އަމުރުގެ ސަބަބުން ހުރިހާ ބޭފުޅުންނަށް މަޖުބޫރުވޭ ގޭގައި މަޑުކުރައްވަން އެެހެންވީމާ މިއީ އެންމެ މުހިއްމު ކަންތައް. އެހެންވީމާ މާސްކް އަޅުއްވައިގެން ބޭރަށް ވަޑައިގަންނަވާކަށް ނުވެއް ޖެހޭނެ،" ޑރ .އަލީ ލަތީފް ވިދާޅުވި އެވެ.

މިރޭގެ މީޑިއާ ބްރީފިންގައި (ކ-ވ) ޑރ. ނަޒްލާ ރަފީގް، މަބްރޫކް، ޑރ. އަލީ ލަތީފް އަދި ޑރ. ނަޒްލާ މުސްތަފާ.
މިރޭގެ މީޑިއާ ބްރީފިންގައި (ކ-ވ) ޑރ. ނަޒްލާ ރަފީގް، މަބްރޫކް، ޑރ. އަލީ ލަތީފް އަދި ޑރ. ނަޒްލާ މުސްތަފާ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ލޮކްޑައުން ކޮށްފައި އޮތަސް، ގޭގެގެއަށް ބޭނުންވާ ކާބޯތަކެތި ޑެލިވަރީ ކުރެވޭނެ ރަނގަޅު ނިޒާމެއް ނެތުމުން ފުލުހުން މިހާރު ހަމަޖައްސާފައި އުސޫލަކީ ކޮންމެ ތިން ދުވަހަކުން އެއް ދުވަހު، ކޮންމެ ގެއަކުން އެކަކު އެއް ގަޑި އިރަށް ބޭރަށް ނުކުންނަން ހުއްދަ ދިނުމަށެވެ. ފުލުހުން ދޭ ހާއްސަ ހުއްދައެއް އެކަމަށް ހޯދަން ޖެހެ އެވެ.

ޑރ. އަލީ ލަތީފް ވިދާޅުވީ އެ ގަޑީގައި ވެސް ކޮންމެހެން ދާން ޖެހޭ އެފަދަ ހާލަތެއްގައި ބޭރަށް ދާ ނަމަ މާސްކް އެޅުން ވަރަށް މުހިއްމު ކަމަށެވެ.

"އެއީ މިސާލަކަށް ފިހާއެއް ނަމަވެސް އެހެން ތަނެއް ނަމަވެސްް، މީހުން ގިނަ ތާކަށް ވަޑައިގަންނަވާ ނަމަ މާސްކެއް އަޅައިގެން ވަޑައިގެންނެވުމަކީ ވަރަށް މުހިއްމު ކަމެކޭ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު އޭނާ ބޮޑަށް ބާރު އެޅުއްވީ ގޭގައި މަޑުކުރުމަށެވެ. ގޭގައި މަޑުކުރުމުގެ މުހިއްމުކަމާ ބެހޭ ގޮތުން ވިދާޅުވީ ބޭރަށް ނުކުންނަ އިރު، ބައްދަލުވާ މީހުންގެ ތެރެއިން ބަލި ޖެހިފައިވާ މީހުންނާއި އެ ނޫން މީހުން އެއްގޮތަކަށް ވެސް ވަކިކުރަން ނޭނގޭނެ ކަމަށެވެ. އެހެންވީމާ ނޭނގި އެ ބަލި ހިފައިގެން ގެއަށް ދެވި، އާއިލާގެ އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވީމާ އެއީ ވަރަށް މުހިއްމު ކަމެއް އަޅުގަނޑުމެން މި ދަންނަވާ ގޮތަށް ގޭގައި މަޑުކުރެއްވުމަކީ،" ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.